ފިލްމު 'ޕެއްޑީ'ގައި ރާމް ވަރުގަދަ އެތުލީޓަކަށް
ފިލްމު 'ޕެއްޑީ'ގައި ރާމް ވަރުގަދަ އެތުލީޓަކަށް

ދެކުނު އިންޑިއާގެ ކުޅަދާނަ އެކްޓަރު ރާމް ޗަރަންގެ އާ ފިލްމު "ޕެއްޑީ" އަކީ، ހަމައެކަނި ކުޅިވަރުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމަކަށް ވުރެ މާ ފުން، އަސަރުގަދަ ފިލްމެއް ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ބުޗީ ބާބޫ ސަނާ ބުނެފިއެވެ.

މި ފިލްމުގެ ޓްރެއިލާ އިއްޔެ ބެލުންތެރިންނަށް ގެނެސްދިންއިރު، ތިން މިނިޓަށް ވުރެ ދިގު މި ޓްރެއިލާ އިން ދައްކުވައިދެނީ، އަންދްރަޕްރަދޭޝްގެ ރަށްފުށުގެ މާހައުލެއްގައި ހިނގާ، ފޯރިގަދަ އަދި އެހާމެ ވަރުގަދަ ކުޅިވަރު ހަރަކާތްތަކެކެވެ.

މި ފިލްމުގައި ރާމް ޗަރަން ފެންނާނީ އަންދްރަޕްރަދޭޝްގެ ވިޖަޔަނަގަރަމް ޑިސްޓްރިކްޓަށް ނިސްބަތްވާ، ކުޅިވަރުގެ ތަފާތު ހުނަރުތަކެއް ލިބިފައިވާ "ޕެއްޑީ"ގެ ނަމުން ނަންދެވިފައިވާ ހަކަތައިން ފުރިގެންވާ ޒުވާނެއްގެ ރޯލުންނެވެ.

ފިލްމު "ޕެއްޑީ"ގެ ޓްރެއިލާ ރިލީޒްކުރި ހަފްލާގައި ރާމް އާއި ޖާންވީ--ފޮޓޯ/އެންޑީޓީވީ

ކްރިކެޓް ކުޅުމާއި ރެސްލިން ތަޅުމުގައި ވެސް ޕެއްޑީ އަކީ ބަލިކުރަން އުނދަގޫ، ތަފާތު މޮޅު ހުނަރުވެރިއެކެވެ. އޭނާގެ އެންމެ ހާއްސަ ސިފައަކީ އެކި ބާވަތުގެ ކުޅިވަރުތަކުގައި އެއްވަރަކަށް އަރާހުރި ހުނަރުވެރިއަކަށް ވުމެވެ.

ނަމަވެސް ޕެއްޑީގެ މި ދަތުރަކީ ހަމައެކަނި ކާމިޔާބީއާއި އުފާވެރިކަމުން ފުރިގެންވާ ދަތުރެއް ނޫނެވެ. އުޖާލާ މުސްތަގުބަލެއްގެ އުއްމީދުގައި ޑިސްޓްރިކްޓްގެ އެކި ކުޅިވަރު މުބާރާތްތަކުގައި ވާދަކުރަމުންދާއިރު، ދިރިއުޅުމުގެ އެކި ގޮންޖެހުންތަކާ އޭނާއަށް ކުރިމަތިލާން ޖެހެއެވެ.

ޓްރެއިލާއިން ފެންނަ ގޮތުގައި، އޭނާގެ ހުވަފެންތަކަށް ހުރަސްއަޅާ ފަދަ ނަފްސާނީ އަދި އިޖުތިމާއީ ބޮޑެތި ހުރަސްތަކާއި، ވާދަވެރިކަންތަކެއް ކުރިމަތިވެއެވެ. މި ހުރިހާ ހުރަސްތަކުން އަރައިގަނެ، ކާމިޔާބީގެ އެންމެ އުހަށް ވާސިލްވުމަށް އޭނާ ކުރާ ހިތްވަރަކީ މި ފިލްމުގެ އެންމެ މުހިންމު ބައެވެ.

ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ބުޗީ ބުނީ، "ޕެއްޑީ" އަކީ ހަމައެކަނި ކުޅިވަރުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ނޫނެވެ. ރަށްފުށުގެ މާހައުލެއްގައި ސިފަކޮށްދޭ މި ފިލްމަކީ، އަމިއްލަ މުޖުތަމައު އެއްބައިވަންތަކޮށް، ބާރުގަދަ ވާދަވެރިންގެ ކިބައިން ރަށުގެ އަބުރާއި އިއްޒަތް ރައްކާތެރިކުރުމަށްޓަކައި ކުޅިވަރުގެ ބޭނުން ހިފާ އަޒުމް ވަރުގަދަ މީހެއްގެ ވާހަކައެއް ކަމަށެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ފިލްމު "ޕެއްޑީ" ސިނަމާތަކަށް ގެންނަން ނިންމާފައިވާއިރު، ރިޕޯޓްތައް ބުނާގޮތުގައި ފިލްމުގެ ޕްރިމިއާ ޝޯތައް އޭގެ އެއް ދުވަސް ކުރިން، ޖޫން ތިނެއްގައި ދައްކާނެއެވެ.

މި ފިލްމުގައި ރާމްއާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ ބޮލީވުޑްގެ ޒުވާން ތަރި ޖާންވީ ކަޕޫރެވެ. މިއީ ޖާންވީގެ ކެރިއަރުގައި ބަތަލާ ކުޅޭ ދެކުނު އިންޑިއާގެ ސިނަމާގެ ދެ ވަނަ ފިލްމެވެ.