ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސް ޔަޒްމީދު މުހައްމަދު އިސްތިއުފާދީފިއެވެ.

ޔަޒްމީދަކީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެ ކޮމިޝަންގައި އިންނަވާ މެންބަރެވެ.

ޔަޒްމީދު، އެ މަގާމަށް އިންތިޚާބުކުރީ އޮކްޓޫބަރު 23، 2025 ގައެވެ.

ޔަޒްމީދު ވަނީ 20 ވަނަ މަޖިލިސް އިންތިޚާބުގައި، ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ވިލިނގިލީ ދާއިރާއަށް ވާދަކުރައްވައިފައެވެ. އެ އިންތިޚާބު ކާމިޔާބުކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި އާޒިމް އަބްދުލްއަޒީޒެވެ. ނަމަވެސް، ފަހުން އޭނާ ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

އޭރު ޖޭއެސްސީގެ ނައިބަކަށް އޭނާ އައްޔަނުކުރެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު އެ މަގާމުން އިސްތިއުފާދިނުމުންނެވެ.

ޖޭއެސްސީގައި މިހާރު ތިއްބަވާ މެންބަރުންނަކީ:

  • ކޮމިޝަންގެ ރައީސް: ހުސްނީ މުބާރިކު - ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރު

  • ކޮމިޝަންގެ މެންބަރު: އަބްދުއްރަހީމް އަބްދުﷲ - ރައްޔިތުންގެ މަޖިލީހުގެ ރައީސް
  • ކޮމިޝަންގެ މެންބަރު: އަހުމަދު އުޝާމް - ބަންޑާރަނައިބު
  • ކޮމިޝަންގެ މެންބަރު: ޙުސައިން ޝަހީދު - އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު
  • ކޮމިޝަންގެ މެންބަރު: ޙަސަން ޝަފީޢު - ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު
  • ކޮމިޝަންގެ މެންބަރު: ފަރުހާދު ރަޝީދު - ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު
  • ކޮމިޝަންގެ މެންބަރު: އިދްރީސް ފައުޒީ - އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި މެންބަރު
  • ކޮމިޝަންގެ މެންބަރު: މުޙައްމަދު މުޖްތާޒް - ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް
  • ކޮމިޝަންގެ މެންބަރު: ޢަލީ ޢަބްދުއްލަޠީފް - ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބު ކޮށްފައިވާ މެންބަރު