18 May 2026, 18:42
މާތިލާފުށިން މާލެއަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސް، އެ ލޯންޗުގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މާތިލާފުށިން މާލެއަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސްފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުމާ ގުޅިގެން، މެރިން ޕޮލިސް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
އަދި މީހުން ސަލާމަތްކުރުމަށް މެރިން ޕޮލިސްގެ ދެ ލޯންޗެއް އެ ސަރަހައްދުގަައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ނަމަވެސް އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ލޯންޗުން ދަތުރުކުރި ގިނަ އަދަދެއްގެ މީހުން ވަނީ ކަނޑުވެފައެވެ. އަދި ލޯންޗު އޮތީ އެއްބައި އަޑިއަށް ވެސް ގޮސްފައެވެ.
އަދި ކަނޑުވެފައިވާ މީހުން ލައިފް ޖެކެޓުގެ އެހީގައި ފެންމަތީގައި އޮތް މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.