ކުޑަކުދިންނާއި މުސްކުޅިން ގޮސް ހިތްހަމަޖައްސައިލައި ލުއި ފަސެހަ ގޮތެއްގައި ބޭނުންކުރެވޭނެ ތަނެއްގެ ގޮތުގައި ވެސްޓްޕާކް ތަރައްގީ ކުރުމަށް ސަރުކާރުން ކޮށްފައިވާ ޕްލޭންގެ ދަށުން އެތަން ތަރައްގީކުރުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލި ފަސް ފަރާތުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅައިގެން ބީލަން ކާމިޔާބު ކުރި ފަރާތުން ވެސްޓްޕާކް ތަރައްގީ ކުރުމަށް ހުށަހަޅައިފައިވާ ޕްރޮޕޯޝަލްގައި ބުނެފައިވަނީ އެތަން ތަރައްގީ ކުރާނީ "އިޓަލިއަން ސްޓައިލް" ގެ ރެސްޓޯރެންޓަކާ ވެސް އެކުގައި ހިތް ފަސޭހަ ޕާކެއްގެ ގޮތުގައި ކަމަށެވެ.

ސަރުކާރުން ވެސްޓްޕާކް ތަރައްގީ ކުރުމަށް ހަމަޖައްސާފައިވާ ޕްލޭންގައިވާ ގޮތުގައި އެތަން ތަރައްގީ ކުރަންޖެހެނީ މުޅި ބިމުގެ 20 ޕަސެންޓް ފިޔަވައި އެހެން ހުރިހާ ސަރަހައްދެއް ހިތްފަސޭހަ މައިދާނެއްގެ ގޮތަށެވެ.

ވެސްޓްޕާކް ތަރައްގީ ކުރުމަށް މިހާރު ހަވާލުކޮށްފައިވާ ކުރީގެ މައްސޫރު ޓެނިސް ކުޅުންތެރިޔާ އާމިރު މަންސޫރު ވިދާޅުވީ ވެސްޓްޕާކް ތަރައްގީ ކުރާއިރު މިހާރު އެތަނުގައި ހުރި އިމާރާތްތައް ނައްތާލުމަށްފަހު އެތަނުގެ މެދުގައި ތަނެއް ހަދަން ނިންމާފައިވާ ކަމަށެވެ. އަލުން އެތަނުގެ ރެސްޓޯރެންޓް ތަރައްގީ ކުރާނީ "އިޓަލިއަން ސްޓައިލް" އަށް ކަމަށާއި މައިގަނޑު ގޮތެއްގައި އެތަނުން ލިބެން ހުންނާނީ އައިސްކްރީމާއި ޕިއްޒާ އާއި ސެލެޑާއި ޕާސްތާއާ ކަމަށެވެ.

"އަޅުގަނޑުމެން މިހުޅުވާ ރެސްޓޯރެންޓަކީ އިޓަލިއަން ފުޑްސްއަށް ހާއްސަ ތަނެއް، އެ ރެސްޓޯރެންޓަށް ކުޑަކުދިން ގޮވައިގެންދާ މީހުންނަށް ވެސް ހިތް ފަސޭހަ ކަމާއެކު އައިސްކްރީމް ގަނެލައިގެން ގޮސް ޕާކްތެރޭގައި ތިބެވޭނެ ކަހަލަ ގޮތަކަށް ކޮންސެޕްޓް ރޭވިފައިވަނީ، މުޅިން އޯޕަންކޮށް ޕާކް ސްޓައިލަށް މިތަން ތަރައްގީ ކުރާނީ،" އާމިރު ވިދާޅުވި އެވެ.

ސަރުކާރުން ޕްލޭންކޮށްފައިވަނީ ވެސްޓްޕާކް ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ހިތްފަސޭހަ މައިދާނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކަމުގައިވާއިރު އާމިރު ހުށަހަޅުއްވާފައިވާ ޕްރޮޕޯޝަލްގައި އެތަނުގައި ދުވަސްވީ މީހުންނަށް އައުޓްޑޯ އެކްސަސައިޒް ކުރެވޭނެ ގޮތްތަކާއި އެމީހުނަށް އެކިއެކި ކުޅިވަރުތައް ކުޅެލެވޭނެ ގޮތްތައް ވެސް ވަނީ ރާވައިފަ އެވެ.

އާމިރު ވިދާޅުވީ ވެސްޓްޕާކް ތަރައްގީ ކުރުމުގެ މަސައްކަތް ފެށޭނީ އެތަން އެފަރާތާ ހަވާލުކުރާތާ މަހެއްގާ ދުވަހުގެ ތެރޭގައި މުޅި ތަން ބަދަލު ކޮށްލުމަށްފަހު އެތަނުގެ ސާވޭއެއް ވެސް ހެދުމަށްފަހު ކަމަށެވެ. އެއަށްފަހު ޑީޓެއިލް ޑިޒައިނެއް ކުރެވި މަސައްކަތް ވީހާވެސް އަވަހަށް ފެށުމަށް ވަނީ ހަމަޖައްސައިފަ އެވެ.

ވެސްޓްޕާކް ތަރައްގީ ކުރުމަށް ހުށަހަޅައިފައިވާ ޕްރޮޕޯޝަލްއަކީ ގާތްގަނޑަކަށް ނުވަ މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމަސައްކަތް ނިމޭއިރު މުޅި ސަރަހައްދު އޮންނާނީ ކުޑަކުދިންނަށާއި ދުވަސްވީ މީހުން ހިތްފަސޭހަކޮށްލައި މުނިފޫހި ފިލުވައިދޭ ޕާކެއްގެ ގޮތުގަ އެވެ.

" އަޅުގަނޑުމެން އެތަން ތަރައްގީ މިކުރަނީ އެތަނަށްދާ ކުޑަކުދިން ވެސް އެތަނުގައި އެންޓަޓެއިން ކޮށްދެވޭނެ ކަހަލަ ގޮތަކަށް، އެގޮތުން އެތަނުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން އެޑިއުކޭޝަނަލް ޕްރޮގްރާމްތަކެއް ވެސް ހިންގޭ ކަހަލަ ގޮތަކަށް މިހަމަޖައްސަނީ،" އާމިރު ވިދާޅުވި އެވެ.

ވެސްޓްޕާކް އާމިރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު ވެސްޓްޕާކް މިހާރު ހިންގަމުން އަންނަ ޔޮޓް ޓުވާޒްގެ ފަރާތުން ވަނީ ވެސްޓްޕާކް އެކުންފުނިން ހިންގަމުން ގެންދަނިކޮށް މާލޭ ސިޓީ ކައުންސިލުން އެތަން އެހެން ފަރާތަކަށް ކުއްޔަށް ދޭން ނިންމި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

ޔޮޓް ޓުވާޒްގެ ޗެއާމަން އަަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ ވެސްޓްޕާކް ކުއްޔަށްދޭން ނިންމާފައިވަނީ އެކުންފުންޏަށް އެތަން ކުއްޔަށްދީފައިވާ މުއްދަތު ހަމަވެސް ނުވަނީސް ކަމަށާއި އެމުއްދަތު ހަމަވުމުގެ ކުރިން ދެ ފަރާތުން ވާހަކަ ދައްކައިގެން މުއްދަތު އިތުރުކުރެވޭނެ ކަމަށް އެއްބަސްވުމުގައި ބުނެފައިވާ ކަމަށެވެ. އަދި އެއެއްބަސްވުމުގެ ދަށުން ޖާބިރު ވެސް ވަނީ ސަރުކާރުން ބޭނުންވާ ގޮތަށް އެތަން ތަރައްގީ ކުރުމަށް ޕްރޮޕޯޝަލެއް ހުށަހަޅުއްވައިފަ އެވެ.

" ވެސްޓްޕާކް ތަރައްގީ ކުރުމަށް ސަރުކާރާ އެކު ޔޮޓް ޓުއާސްއިން ވާހަކަ ދައްކަމުން އަންނަތާ ތިން އަހަރު ވެއްޖެ، އެގޮތުން އެތަނުގައި ސުމިންގް ޕޫލަކާއި ސްޕާއަކާއި ޖިމަކާއި ކުޑަކުދިން ކުޅޭ ތަނަކާއި ހިތްފަސޭހަ ގޮތަކަށް ފެންވަރުގެ ރެސްޓޯރެންޓްތަކާ އެކު އެތަން ތަރައްގީކުރަން 15 މިލިޔަން ޑޮލަރުގެ ޕްރޮޕޯސަލެއް ސަރުކާރަށް ވާނީ ހުށަހަޅައިފައި،" ޖާބިރު ވިދާޅުވި އެވެ.

ސަރުކާރަށް ޔޮޓް ޓުވާޒްއިން މަހެއްގެ މައްޗަށް 1،40،000ރ. ތަނުގެ ކުލީގެ ގޮތުގައި ދައްކަމުން ގެންދާއިރު އެކުންފުންޏަށް ވެސްޓްޕާކް ކުއްޔަށް ދީފައިވާ މުއްދަތު ސެޕްޓެންބަރު 30، ގެ ނިޔަލަށް ހަމަވާނެ އެވެ. އަދި ވެސްްޓްޕާކް ތަރައްގީކޮށް ހިންގުމަށް ކުއްޔަށް ދިނުމަށް މާލޭ ސިޓީ ކައުންސިލުން ހަވާލުކޮށްފައިވާ އާމިރާ އެތަން ހަވާލުކުރުމަށް ހަމަޖައްސައިފައިވަނީ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.