17 Sep 2012, 11:09
ލަންޑަން (ސެޕްޓެމްބަރ 17) : ޓެރަރިޒަމާ އިދިކޮޅު ހަނގުރާމައިގެ ނަމުގައި އެމެރިކާ ކުރިޔަށް ގެންދާ ހަނގުރާމައިގާ އެމެރިކާއިން ފުޅާދާއިރާއެއްގައި އިންސާނީ ޙައްޤުތަކަށް އަރައިގަންނަމުންގެންދާ ކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ތުހުމަތުކޮށްފި އެވެ.
އެމްނެސްޓީގެ އެމެރިކާގެ ކަންތައްތަކަށް ޚާއްސަވެގެން ހުންނަވާ މަސްއޫލުވެރިޔާ މާޔާ ލީޕިންގް ވިދާޅުވިގޮތުގައި ޓެރަރިޒަމާ އިދިކޮޅު ހަނގުރާމައިގެ ނަމުގައި އެމެރިކާ ކުރިޔަށް ގެންދާ ހަނގުރާމައިގާ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ގޮންޖަހައި އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ އެތަށް ޢަމަލެއް އެމެރިކާ ހިންގާފައިވާ ކަމަށާއި މިޢަމަލުތަކަށް އަމަރުކުރައްވާފައިވާތީ އެމެރިކާގެ ރައީސް ބާރަކް އޮބާމާވެސް ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފްވެވަޑައިގެންފައިވާ ކަމުގައެވެ.
ޓެރަރިޒަމާ އިދިކޮޅު ހަނގުރާމައިގެ ނަމުގައި އެމެރިކާ ކުރިޔަށް ގެންދާ ހަނގުރާމައިގާ އެމެރިކާ ހިންގާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގެ ތެރޭގައި ޕައިލެޓަކާނުލާ ދަތުރުކުރާ ޑްރޯން މަތިންދާބޯޓު ބޭނުންކޮށްގެން ދޭ ޙަމަލާތަކުގައި ކުށެއްނެތް ޢާންމުންގެ އެތަށްބަޔަކު މެރުން ހިމެނޭކަމަށާއި މިއީ ބައިނަލްއަޤްވާމީ ޤާނޫނުގައި ޝަރީޢަތަކާނުލާ މީހުން މެރުމުގެ ޢަމަލެއްކަމަށް ބެލެވޭކަމަށް މާޔާ ލީޕިންގް ވިދާޅުވިއެވެ.
ޓެރަރިސްޓުންނަށް އަމާޒުކޮށް ކަމަށްބުނެ އެމެރިކާ ގެންދަނީ ޕާކިސްތާނުގެ ވަޒީރުސްތާނަށް ޙަމަލާދީ ކުށެއްނެތް އެތަށްބަޔަކު މަރަމުންނެވެ. މީގެތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިންނާ އަދި މުސްކުޅީންގެ އިތުރުން ޒުވާނުންވެސް ހިމެނެއެވެ. އަދި އަފްޣާނިސްތާނާއި ޢިރާޤުގައިވެސް އެމެރިކާ ގެ ޙަމަލާތަކުގައި މަރާލެވިފައިވާ ކުށެއްނެތް ޢާންމުންގެ ޢަދަދު ލައްކައިން ގުނާލެވެއެވެ.
މީގެއިތުރުން އެމެރިކާ ސިފައިން ގެ ހައްދުފަހަނަޅާފައިވާ މީހުން ޢިރާޤާއި އަފްޣާނިސްތާނުގެ ޢާއިލާތަކަށް އަމާޒުކޮށް ހިންގާފައިވާ ނާޒީ ސްޓައިލްގެ އަނިޔާވެރި ޢަމަލުތަކުގައި މިޢާއިލާތަކުގެ އަންހެނުން ރޭޕްކޮށް އެމީހުންގެ ގެތަކުގައި ހުޅުޖަހައި މުޅި އާއިލާ އެއްކޮށް އަންދާލުންފަދަ އަނިޔާވެރި ޢަމަލުތައް ހިމެނެއެވެ. މިއީ އެމެރިކާގެމަސްއޫލުވެރިންގެ އޯޑަރަށް ހިންގާ ޢަމަލުތަކަކަށް ނުވިނަމަވެސް މިފަދަ ޢަމަލުތައް ހިންގިކަން ސާބިތުވި އެމެރިކާ ސިފައިންގެ މީހުންނަށްވެސް ކުޑަދުވަސްކޮޅަކަށް ޖަލަށްލައި ރޭންކް ދައްކޮށްލުންފަދަ ކުޑަ އަދަބެއް މެނުވި އެމެރިކާ ދީފައެއް ނުވެއެވެ.
ޕައިލެޓަކާނުލާ ދަތުރުކުރާ ޑްރޯން މަތިންދާބޯޓު ބޭނުންކޮށްގެން ދޭ ޙަމަލާތަކުގައި ކުށެއްނެތް ޢާންމުން މަރުވާ މަރުވުމަކީ ހަނގުރާމައިގެ ޖަރީމާ ކަމަށް ބެލެވޭތީ މިޙަމަލާތަކަށް އަމަރުކުރައްވާ އެމެރިކާގެ ރައީސުންނާއި ޢަސްކަރީ އަދި ސިޔާސީ ވެރިންވެސް ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފްވެފައިވާ ކަމަށް މާޔާ ލީޕިންގް ވިދާޅުވިއެވެ. އިންސާނީޙައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންވަނީ އެމެރިކާ ހިންގާ އިންސާނިއްޔަތާ ޚިލާފު ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި އެމެރިކާގެކުރީގެ ރައީސް ޖޯޖް ޑަބްލިޔުބުޝް ގެ މައްޗަށް ޝަރީޢަތް ހިންގުމަށް އެދެބޭފުޅުން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ޙާޒިރު ކުރުމަށް ގޮވާލާފައެވެ. (ޖަރުމަނު ނޫސްއެޖެންސީ)