އަކްޝޭގެ އިތުރު ކޮމެޑީ ފިލްމެއް ޑިސެމްބަރު މަހު
އަކްޝޭގެ އިތުރު ކޮމެޑީ ފިލްމެއް ޑިސެމްބަރު މަހު

ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރުގެ އިތުރު ކޮމެޑީ ފިލްމެއް މި އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފިއެވެ.

ނަން އަދި ހާމަނުކުރާ މި ފިލްމަކީ އަކްޝޭ އާއި ބަތަލާ ވިދްޔާ ބާލަން ދާދިފަހުން ޝޫޓިންގް ނިންމާލިކަން އިއުލާނުކުރި ޑައިރެކްޓަރު އަނީސް ބަޒްމީގެ ފިލްމެކެވެ.

އަކްޝޭގެ އެންމެފަހުން ރިލީޒްވި ކޮމެޑީ ފިލްމު "ބޫތް ބަންގްލާ" ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނައިރު އެކްޓަރުގެ އިތުރު ކޮމެޑީ ފިލްމެއް މި އަންނަ މަހު ވެސް ސިނަމާތަކަށް ގެންނަން ވަނީ ނިންމާފައެވެ. އެއީ ޑައިރެކްޓަރު އަހްމަދު ޚާންގެ ފިލްމު "ވެލް ކަމް ޓު ދަ ޖަންގަލް"އެވެ.

އަނީސްއާ އެކު އަކްޝޭ އިތުރު ފިލްމެއްގައި މަސައްކަތް ކުރަމުން އަންނައިރު މީގެކުރިންވެސް ދެ މީހުން އެކީގައި ވަނީ މަސައްކަތްކޮށްފައެވެ. އެއީ ވިދިޔާ ބާލަން މުހިއްމު ރޯލެއް ކުޅުނު ފިލްމު "ބޫލް ބުލައްޔާ"އެވެ. މީގެއތުރުން "ވެލްކަމް"، "ސިންގް އިޒް ބްލިންގް" އަދި "ތޭންކް ޔޫ"އަކީ އަނީސްއާ އެކު އަކްޝޭ މަސައްކަތްކުރި މަގުބޫލު ފިލްމުތަކެވެ.

ޑައިރެކްޓަރު އަނީސް ބަޒްމީގެ އާ ފިލްމުގެ ލީޑް ތަރިން ކަމަށްވާ އަކްޝޭ ކުމާރު، ރާޝީ ކަންނާ އަދި ވިދްޔާ ބާލަން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ބޮލީވުޑްގެ އެންމެ އަވަދިނެތި މަސައްކަތްކުރާ އެކްޓަރުންގެތެރޭ ހިމެނޭ އަކްޝޭގެ ދެ ފިލްމެއް މި އަހަރު ސިނަމާތަކަށް އަންނާނެކަން ކަށަވަރުވެފައިވާއިރު ދާދިފަހުން ލޮލުގެ ހާއްސަ އޮޕަރޭޝަނެއް ކުރުމަށްފަހު އަކްޝޭ ވަނީ ފިލްމީ މަސައްކަތްތަކުން ދުވަސްކޮޅަކަށް "ބްރޭކެއް" ނަގާފައެވެ.

އަކްޝޭ އެނބުރި ފިލްމީ މަސައްކަތްތަކާ ގުޅޭނެ ތާރީޚެއް ކަށަވަރުނުވާއިރު ބެލެވޭ ގޮތުގައި އަންނަ މަހުގެ 26ގައި ރިލީޒްކުރާ "ވެލް ކަމް ޓު ދަ ޖަންގަލް"ގެ ޕްރޮމޯޝަންތަކުން އެކްޓަރު ފެންނާނެ ކަމަށް ބެލެވެއެވެ.