ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށް މެދުވެރިވި ކަންކަމުގެ ތެރޭގައި ހަމަނުޖެހުންތައް ހިނގައިގެން ދިޔައީ ގާނޫނާއި ގާނޫނު އަސާސީއާ ހިލާފަށް ނަޝީދު ކުރެއްވި އަމުރުތަކުގެ ސަބަބަބުން ކަމަށް ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެކުލަވާލި ރިޕޯޓުން ހާމަވި އެވެ. އެހާލަތު މެދުވެރިވުމުގެ ފުރިހަމަ ޒިންމާ އުފުއްލަވަން ޖެހިވަޑައިގެންނަވާ ފަރާތަކީ ރައީސް ނަޝީދު ކަންވެސް އޮތީ ހާމަވެ ފެންނާށެވެ. އަދި ފުލުހުން ހިންގި އަނިޔާވެރި އަމަލުތަކާ މެދު ފިޔަވަޅު އެޅުމުގެ ވާހަކަތައްވެސް އޮތީ ހަމަ އެ ރިޕޯޓުތަކުން ލާޒިމްކޮށްފަ އެވެ. ނަމަވެސް އެއީ ހަމައެކަނި ލިޔުމުގައި ހުރި ވާހަކަތަކެކެވެ. އެކަން އެހެން އޮތުމުން އެކަންވެސް ވީ އެންމެ ފަހުން ބަހަނާ އަކަށެވެ.

ކޯނީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގައި އެޖެންޑާ ނުކުރަނީސް، އަންނަ އަހަރުގެ ބަޖެޓު ފާސްކުރުމުގެ މަސައްކަތް ފިޔަވައި މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއްގައި ބައިވެރިނުވުމަށް އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕަށް ލަފާދިނުމަށް އެމްޑީޕީން ވަނީ ނިންމައިފަ އެވެ. ބަހަނާ އަކަށްވީ އެންމެ ފަހުން ކޯނީގެ ރިޕޯޓެވެ. އަނެއްކާވެސް މަޖިލިސް ހުއްޓުވަން ވީ އެވެ. މެންބަރުން ޗުއްޓީގައި ތިއްބަވާތައި ކިތަންމެ ދުވަހެކެވެ. ނަމަވެސް މަޖިލީސް ހުއްޓުވުމަކީ ކޮންމެ ކަމެއްގެ ހައްލުކަމަށް ބަލައި ގަންނާނެ ބުއްދީގެ ހަމައެއްނެތެވެ.

އެމްޑީޕީގެ ސްޕޯކްސްޕާޝަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓްގެ ކަންތައްތަކާ ބެހޭ ގޮތުން ބާއްވާ ޖަލްސާތައް ފިޔަވައި އެހެން އެއްވެސް ކަމެއްގައި އެއްބާރުލުން ނުދިނުމަށް އެޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައިވާ ނިންމުމާ މެދު އަމަލް ކުރާނެ ގޮތަކާ މެދު އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން އަދި ވަކިގޮތެއް ކަނޑައަޅައިފައިނުވި ނަމަވެސް މަޖިލީހުގެ ޖަލްސާއަކަށް އެންމެ ފުރަތަމަ ވެސް އެޖެންޑާ ކުރެވިގެން ބެލެން ޖެހޭނީ ކޯނީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތައް ކަމަށް އެ ޕާޓީ ދެކޭ ކަމަށެވެ.

"ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ފަހުން މިހާތަނަށް ވެސް ކަމާ ބެހޭ އެއްވެސް މިނިވަން މުއައްސަސާއަކުން އެމުއައްސަސާއެއްގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި ކޮށްފައިވާ ކަމަކަށް އެމްޑީޕީން ނުދެކެން، ރާއްޖޭގެ ޝަރުއީ ނިޒާމު މިވަނީ ފެއިލްވެފައި، އެހެންވެ މަޖިލީހުގެ ތެރެއިން ލަފައި އެކަންތައް ކުރަން މިޖެހެނީ" އިންތި ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކޮންމެ ކަމެއްވެ ވެސް ހޫނުވެ ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ދެމެދުގައި ދެބަސްވުންތައް އުފެދޭ ކޮންމެ ފަހަރަކުވެސް މަޖިލީސް ހުއްޓުވާލުމަށް ޕާޓީތަކުން ހިފާ ހިފުމުގެ ސަގާފަތަށް އޮތީ ހަމަ އެގޮތުގަ އެވެ. ރައްޔިތުންގެ ވެރިކަމެއް ހިންގަމުން ގެންދާއިރު ރައްޔިތުންނަށް ބޭނުންވާ ގާނޫނުތަކާއި ކަންކަން ފާސްކުރުމަށް ހުރަސްއެޅުމަކީ ޑިމޮކްރަސީއެއް އޮންނަ ގައުމެއްގައި އަމަލުކުރެވެން ޖެހޭ އުސޫލު ކަމަށް ބުއްދީގެ ހަމަތަކުން ބަލައެއް ނުގަނެވެ އެވެ. ރައްޔިތުންނަށް އެންމެ އިހުލާސްތެރި ކަމަށް ވިދާޅުވާ މެމްބަރުންނަށް އެމެންބަރުން ރައްޔިތުންނަށްވި ވައުދުތަކާއި ހުވަފެންތައް ހަގީގަތަކަށްވީ ކިހާވަރަކަށްތޯ މިއީ ވެސް ޖަލްސާތައް ހުއްޓުވުމުގެ ކުރިން މެންބަރުންގެ އަމިއްލަ ނަފްސާއި ކުރަން ވެއްޖެ ސުވާލެކެވެ.

ރައްޔިތުން މަޖިލީހުގެ ކޮންމެ މެންބަރަކަށް މަހެއްގެ މައްޗަށް 62500ރ. މުސާރައިގެ ގޮތުގައިދެ އެވެ. އެއީ މަހެއްގެ މައްޗަށް 4.8 މިލިއަން ރުފިޔާ ޖެހޭ ވަރުގެ އަދަދެކެވެ. އަދި މެންބަރުންނަށް 20،000ރ.ގެ ކޮމެޓީ އެލަވަންސް ވެސް ކޮންމެ މަހަކު ލިބިވަޑައިގަންނަވަ އެވެ. ނަމަވެސް މި އަހަރުގެ ތެރޭގައި އެކަށީގެންވާ މަސައްކަތްތަކެއް މަޖިލީހުގައި ނުކުރެވި ގިނަ ދުވަސްތަކެއް ޗުއްޓީގައި އޮތް މަޖިލީހަށް ދައުލަތުގެ ބަޖެޓުން 113 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. މަޖިލީހުގެ މި ދައުރުގައި ވެސް ގިނަ ޖަލްސާތައް ހުއްޓާލަން ޖެހުނީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ ތަޅުން ހަލަބޮލިކުރައްވައި ހަމަނުޖެހުން ހިންގަން ފެށުމުންނެވެ.

ޑީއާރުޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ނައިބް ރައީސް އަދި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް ވިދާޅުވީ މިއަހަރު ފެށުނީއްސުރެ އެމްޑީޕީން މަސައްކަތް ކުރީ މަޖިލީހުގެ އަގު ވައްޓާލުމަށް ކަމަށެވެ. އެކަމުގެ ބަދުނާމު މުޅި މަޖިލީހުން ނަގަން ނުޖެހޭނެ ކަމަށް މައުސޫމު ދެކިވަޑައިގަންނަވަ އެވެ.

"އެމްޑީޕީން އެކަންޏެއް ނޫން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވާފައި ހުރީކީ، މިއީ ހުރިހާ ފަރާތްތަކަކުން ވެސް ވާހަކަ ދެކެވިގެން ރަނގަޅު ކުރަންޖެހިފައިވާ ކަމެއް،" މައުސޫމް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އެކުލަވާލި ކޮމިޝަންގައި ފާހަގަކޮށްފައިވާ އިންސާނީ ހައްގުތަކާއި ހިލާފަށް އަމަލްކޮށްފައިވާ މައްސަލަ ތަހުގީގުކޮށް އެކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެމެރިކާއިން ވެސް ވަނީ ގޮވައިލައިފަ އެވެ. މަޖިލީސް ނުހުއްޓުވިއެއް ކަމަކު އެކަމުގައި ފިޔަވަޅު އަޅަން ސަރުކާރަށް ބާރުއެޅިދާނެ އެވެ. އެއްބަޔެއްގެ ނަޒަރުން އެއީ މަޖިލީހާ ބެހޭވެސް ކަމެއް ނޫނެނެވެ. މަޖިލީހުން ހަމަ ބަހަނާ ދައްކަނީ އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާޝަން އައްބާސް އާދިލް ރިޒާ ވިދާޅުވީ ކޯނީގެ ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ފަރްތަކާ މެދު ކަމާ ބެހޭ ފަރާތްތަކުން ފިޔަވަޅު އަޅަމުން ގެންދާ ކަމަށާއި އެމްޑީޕީން ބޭނުން ވަނީ އިތުރު ކޮމިޝަންތައް އެމައްސަލަތައް ބެލުމަށް ހަދައިގެން ތަންފީޒީ އިދާރާތަކުގެ މަސައްކަތްތައް ލަސްކޮށް ރައްޔިތުންގެ ހިތުގައި ޝަރުއީ ނިޒާމުތަކުގެ އިތުބާރު ގެއްލުވާލުން ކަމަށެވެ. ނަމަވެސް ސަރުކާރުން އެކަންކުރުމަށް ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޯނީގެ ރިޕޯޓާ ގުޅިގެން ތަންފީޒީ އިދާރާތަކަށް އެއިދާރާއެއްގެ މަސައްކަތް އެއިދާރާއަކުން ކުރުމަށް ސަރުކާރުން ވަނީ ގޮވައިލައިފައި، އަނެއްކާ ރިޕޯޓާ ގުޅިގެން ސަރުކާރުން ކުރަންޖެހޭ ކަމެއް އޮތް ނަމަ އެކަމެއް ސަރުކާރުން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައި، ނަޝީދު ބޭނުންފުޅު ގޮތަކަށް އެކަމެއް ނުހިނގާނެ، ގާނޫނު އަސާސީއާ އެއްގޮތަށް އެކަންތައް ކުރިއަށްދާނެ" އައްބާސް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ކޯނީގެ ރިޕޯޓާ އަޅުވައި މަޖިލީސްގެ ޖަލްސާތަކަށް ހުރަސްއަޅަން ނިންމާފައިވާ ނިންމުމަކީ ބަޖެޓްގެ ފާސްކުރުމަށް ބާއްވާ ޖަލްސާތަކަށް ހުރަސްއެޅުމަށާއި ޖަލްސާތަކަށް ހުރަސް އެޅުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މިއަހަރު ތެރޭގައި އެކަށީގެންވާ ގޮތެއްގައި ކުރެވިފައިނުވާއިރު އެމަޖިލީހުގެ ޖަލްސާތައް ހުއްޓުވުމަކީ ރައްޔިތުން ބޭނުންވާނެ ގޮތްތޯ މިއީ ވެސް ރައްޔިތުންގެ ލާބައާ މަންފާއަށް މަސައްކަތް ކުރާ ބަޔަކު ވިސްނަންޖެހޭނެ ކަމެކެވެ. އަދި ކޮންމެ ކަމެއްގެ ހައްލު ހޯދުމަށް މަޖިލީސް "ޑެޑްލޮކަށް" ގެނައުނަކީ ވެސް އެކަމުގެ ހައްލު ކަމުގައި ބެލެވޭކަށް ނެތެވެ. ސިޔާސީ ކަންތައްތަކުގައި ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ގައުމުގެ އިގުތިސޯދަށް މަޑުޖެހުން ގެނެސް ރައްޔިތުން ހަލަބޮލި ކޮށްލުމުގެ ބަދަލުގައި މަޝްވަރާގެ އުސޫލްތައް އިހްތިޔާރުކުރުމަކީ ކަމުގެ ހައްލެވެ.