ސިނގިރޭޓް ވައްކަން: އާއްޓޭއާއި ދިގަލީގެ ޝަރީއަތް މާދަމާ ފަށަނީ
ސިނގިރޭޓް ވައްކަން: އާއްޓޭއާއި ދިގަލީގެ ޝަރީއަތް މާދަމާ ފަށަނީ

ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި, ދެ ވިޔަފާރިވެރިން ކަމަށްވާ, ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނޭހެން އެ މައްސަލައިގައި ދައުވާ އުފުލާފައިވާ 10 މީހުންގެ ޝަރީއަތް މާދަމާ ފަށަން ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ތާވަލުގައިވާ ގޮތުން ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ، މާދަމާގެ ހެނދުނު 11:00 އަށެވެ.

ކަސްޓަމްސްއިން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު މޯލްޑިވްސް ޕޯޓްސް، ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުއްޓައި، ވަގަށް ނަގައިފައިވާ މައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހެވެ.

އެ މައްސަލައިގައި ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި އާއްޓޭއާއި ދިގަލި ހިމެނެއެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން ދެ މީހުން ހައްޔަރުކޮށްފައި ވަނީ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުގެ ރެއެވެ.އެއަށް ފަހު ކޯޓުން ވަނީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކޮށްފައެވެ. އެ ދެ މީހުންނަށް ތުހުމަތު ކުރަނީ ވައްކަމަށް ފަންޑު ކުރި ކަމަށެވެ.

ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ، އެ ކުށުގެ އަމަލު ރޭވިކަމަށް ތުހުމަތުކުރެވޭ ދިގަލި ވަޙީދާއި، އާއްޓޭގެ އިތުރުން ކޮންޓެއިނަރު ވަގަށް ނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ޙަވާލުވެގެން ހުރިކަމަށް ތުހުމަތުކުރެވޭ ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވާ ކަމަށާއި އެއާއެކު އެ މީހުން ދޫކޮށްލާފައިވާ ކަމަށް ބުނެފައެވެ.

ޕީޖީއިން ބުނީ ދިގަލި ވަހީދާއި އާއްޓޭ, ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައި ވަނީ، އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުންކަމަށްވާއިރު، މި ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށެވެ. އަދި ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ އޭނާއަކީ މި ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މީހަކަށް ނުވާތީ ކަމަށް ޕީޖީއިން ބުންޏެވެ.

13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރި 4 މީހެއްގެ ވަނަވަރު -- ފޮޓޯ/ ފުލުހުން

މި މައްސަލައިގައި ދައުވާކޮށްފައިވާ 10 މީހުންނަކީ:

  • ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދު

  • މއ. އެވަގްލޯރީ، އަޙްމަދު ޢާރިފް
  • ހ. ނިއުހެޕިނަސް، މުޢާޒު ޢަލީ
  • ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލް
  • ހދ. ވައިކަރަދޫ، ނޫރަލީގެ، އަޙްމަދު ޝަހީމް
  • ހ. ރުމޭނިޔާ، އަޙްމަދު ފިރުސާން
  • ސ. ހިތަދޫ، ޗާނދަނީގެ، ޙުސައިން ސާމިޙު
  • ނ. މިލަދޫ، ކެނެރީގެ، އާދަމް ވަޙީދު
  • ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން
  • ބަނގުލަދޭޝް، މުޙައްމަދު އަލަމިން މިއާ

އެ މީހުންގެ މައްޗަށް ދައުވާ ކުރަން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމާއި ވައްކަން ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި ވައްކަންކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.