ޒަކާތު ފަންޑުގެ ހިލޭ އެހީގައި މަތީ ތަޢުލީމުގެ ފުރުސަތު ލިބުނު ދަރިވަރުންނަށް އެކަމުގެ ލިއުން ހަވާލުކޮށްދެއްވައި މަތީ ތައުލީމަށް ދާއިމީ އެހީދޭ ސުކީމެއް ރައީސުލްޖުމްހޫރީއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރޭ އިފްތިތާހު ކޮށްދެއްއްވައިފި އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ރޭ އޮތް ހާއްސަ ރަސްމިއްްޔާތެއްްގައި ޒަކާތު ފަންޑުގެ ހިލޭ އެހީ 440 ދަރިވަރަކަށް ލިބުނު ކަން އެޑިޔުކޭޝަން މިނިސްޓްރީ އިން ވަނީ އިއުލާންކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރީއްޔާ ވިދާޅުވީ ޒަކާތު ފަންޑުން އެހާ ގިނަ އަދަދެއްގެ ކުދިންނަށް މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ލިބުމަކީ މަތީ ތައުލީމަށް ހުޅުވުނު ވަރަށް މުހިންމު ދޮރެއްް ކަމަށާއި އެކަމަށްޓަކައި އުފާ ކުރަން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޒަކާތު ފަންޑުން ތަޢުލީމަށް ޓަކައި އެހާ ބޮޑު ހޭދައެއް ކުރާ މިއީ ފުރަތަމަ ފަހަރު ކަމަށާއި އެކަމަށް ޓަކައި އެފަދަ ބޮޑު ކަމެއް ހަމަޖެއްސެވުމުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ސުކީމަކުން އަދި މިހާތަނަށް މިހާ ގިނަ އަދަދެއްގެ ކުދިންނަށް ސްކޯލާޝިޕްގެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ. އެހެން ކަމުން ދާއިމީ ގޮތެއްގައި ދަރިވަރުންގެ ކިޔެވުން ނިމެންދެން އެހީ ލިބޭނެ ފުރުސަތުތަކެއް ޒަކާތު ފަންޑުގެ ތެރެއިން ހަމަޖެހިގެން ދިއުމަކީ އެމަނިކުފާނު ވަރަށް އުފާފުޅު ކުރައްވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތައުލީމަށް އިންވެސްޓް ކުރުމަށް ވުރެ ބޮޑު އިންވެސްމެންޓެއް ނެތް ކަމަށާއި މަތީ ތަޢުލީމަށް ދާއިމީ އެހީދޭ ސުކީމެއް ނަވަތަ ޕްރޮގުރާމެއް ހަމަޖެހިގެން ދިޔައީ ވޭތުވެ ދިޔަ ދެ އަހަރު ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށެވެ.

ރައީސުލްޖުމްހޫރީއްޔާ ވިދާޅުވީ ވޯލްޑް ބޭންކުން ހެދި ސްޓަޑީއަކުން ދެެއްކި ގޮތުގައި ދިވެހި ރާއްޖޭގައި ސްކޫލް ނިމޭ ކުދިންގެ ތެރެއިން މަތީ ތަޢުލީމަށް ދެވެނީ އެންމެ ހަ ޕަސެންޓް ކުދިން ކަމަށާއި އެއީ ގާތްގަނޑަކަށް އެފްރިކާގެ އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ފެންވަރާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެއް ކަމަށެވެ. އެހެން ނަމަވެސް ދިވެހިރާއްޖެ އަކީ ކުޑަކޮށް ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ލިސްޓުން ނެއްޓި ތަރައްގީ ވަމުން އަންނަ ގައުމެއް ކަމުގައިވީ ނަމަވެސް ދިވެހިރާއްޖޭގެ މަތީ ތަޢލީމުގެ ފެންވަރު ހުރީ އެހާ ދަށުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މަތީ ތަޢުލީމުގެ ކަންތައްތައް އެހާ ހިސާބުގައި އޮތުމުން ބޭރުގެ އެހީ ހޯދާއިގެން މަތީ ތަޢުލީމަށް ޓަކައި ފައިނޭޝަލް ޕޮލިސީއެއް މިދިޔަ އަހަރުގެ ތެރޭގައި ހެއްދެވި ކަމަށާއި ރޭ އިފްތިތާހު ވެގެން ދިޔައީ އެ ޕްރޮގުރާމް ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ޕްރޮގުރާމެއް އެކުލަވައި ލުމުގެ މަގުސަދަކީ ދަރިވަރުންގެ މައިންބަފައިންނަށް އިތުރު ލުޔެއް ހޯދައި ދިނުން ކަމަށެވެ.

ރައީސުލްޖުމްހޫރީޔާ ވިދާޅުވީ ގަމުގެ ކުރިމަގު ބިނާ ވެގެން ވަނީ ތަޢުލީމީ ގާބިލް މީހުންގެ މައްޗަށް ކަމަށާއި އެކަމަށް ޓަކައި މަތީ ތަޢުލީމަށް ދަރިވަރުން ފޮނުވޭ މިންވަރު އިތުރު ކުރަން ޖެހިފައިވާ ކަމަށެވެ. އެހެން ކަމުން އެކަމަށް ޓަކައި ވޯލްޑް ބެންކާ ގުޅިގަން މާސްޓާ ޕްލޭނެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެފަދަ ޕްލޭނެއް ވާންޖެހޭނީ ގައުމުގެ ތަސައްވުރު ބަޔާން ކޮށްދޭ ޕްލޭނަކަށް ކަމަށެވެ. އަދި އެފަދަ ޕްލޭނެއްގެ ސަބަބުން މަތީ ތަޢުލީމުގެ ފުރުސަތު އިތުރުވެ ވަޒީފާގެ ފުރުސަތު ވެސް އިތުރު ވެގެން ދާން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅު ވިއެވެ. އަދި ރައީސް ވިދާޅުވީ މަތީ ތައުލީމުގެ ފުރުސަތު ކުދިންނަށް ހޯދައިދިނުމުގައި ގިނަ ކުދިންނަށް ވަޒީފާ ލިބޭނެ ގޮތަކަށް ފުރުސަތުތައް ހޯދައި ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. -- ސަހްބާން ފަހްމީ