އިތުރު އެހެން ބޭފުޅަކު ކުރިމަތިލައްވައިފައިނުވާތީ، މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް މެދުހެންވޭރު ދާއިރާގެ އެމްޑީޕީ ކައުންސިލަރު މީކާއީލް މުޙައްމަދު ރިޔާޒް ހޮވިއްޖެއެވެ.

މިއަދު އައު ދައުު ފެށުނު ފަސްވަނަ މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުކަމަށް އެމްޑީޕީން ހަތަރު ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. އެއީ މީކާއީލްގެ އިތުރުން:

  1. މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުޙައްމަދު ރިޟްވާން ޢަލީ (ރިލޭ)

  2. މާފަންނު މެދު ދާއިރާގެ ކައުންސިލަރު ޢާއިޝަތު ޙަނާ
  3. ހުޅުމާލޭ އުތުރު ދާއިރާގެ ކައުންސިލަރު ފާޠިމަތު ޒަހިއްޔާ

އެ ބޭފުޅުންގެ ތެރެއިން އެމްޑީޕީގެ ފަރާތުން ކައުންސިލަރުން ޑެޕިއުޓީ މޭޔަރުކަމަށް ހޮވަން ނިންމީ މީކާއީލެވެ. އެގޮތުން މީކާއީލަށް ހަތް ވޯޓު ލިބުނުއިރު، އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޒާޔާއަށް ފަސް ވޯޓު، އަދި ރިލޭއާއި ޙަނާ، މިއިން ކޮންމެ ބޭފުޅަކަށް ލިބުނީ ދެ ވޯޓެވެ.

އެއަށް ފަހު، މިއަދު މެންދުރު ފަހު ބޭއްވި އައު ކައުންސިލުގެ އަލަތު ޖަލްސާގައި ވަނީ ޑެޕިއުޓީ މޭޔަރުކަމަށް މީކާއީލް ހޮވައިފައެވެ. ޕީއެންސީގެ ދެ ކައުންސިލަރުން މި ފަހަރު ތިއްބަވާއިރު، އޭގެން އެއްވެސް ކައުންސިލަރަކު ވާދަނުކުރެއްވުމުން، މީކާއީލް ވަނީ ޑެޕިއުޓީ މޭޔަރުކަމަށް ހޮވިފައެވެ.

މިފަހަރު މާލޭ ސިޓީ ކައުންސިލުގައި މޭޔަރުގެ އިތުރުން، ޖުމުލަ 18 ކައުންސިލަރަކު ތިއްބަވައެވެ. އޭގެ ތެރެއިން 16 ކައުންސިލަރުން އެމްޑީޕީއަށް ނިސްބަތްވާއިރު، ދެ ކައުންސިލަރުން ނިސްބަތްވަނީ ޕީއެންސީއަށެވެ.