ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ އަހަރު ނޭޕާލްގައި ބާއްވަން ނިންމައިފި އެވެ.

ސާކްގެ އަށް ގައުމުގެ މެދުގައި ކޮންމެ ދެ އަހަރަކުން ބާއްވާ މުބާރާތް 15 އަހަރަށް ފަހު ނޭޕާލްގައި ބާއްވަން ނިންމީ އިއްޔެ ސްރީލަންކާގައި ބޭއްވި ހިންގާ ކޮމެޓީގެ ބައްދަލުވުމުގަ އެވެ. މި މުބާރާތް ނޭޕާލްގައި އެންމެ ފަހުން ބޭއްވީ 1997 ވަނަ އަހަރު އެވެ. އެ ފަހަރު ފައިނަލްގައި އިންޑިޔާއަތުން ބަލިވީ ރާއްޖެ އެވެ.

މުބާރާތް ބާއްވަން ނޭޕާލުން މިހާރު ވަނީ ދެ ތާރީހެއް ހުށަހަޅައިފަ އެވެ. އެއީ ސެޕްޓެމްބަރު ނުވަތަ ޑިސެމްބަރު މަހެވެ.
ނޭޕާލްގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ގަނޭޝް ތާޕާ އިއްޔެ ވިދާޅުވީ މުބާރާތް ބާއްވަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި ސާފް ޗެމްޕިއަންޝިޕް ކާމިޔާބު މުބާރާތަކަށް ހެދުމަށް ނުފޮރޮޅާނެ އެންމެ ގަލެއް ވެސް ނޯންނާނެ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕް އެންމެ ފަހުން ބޭއްވީ ހުސްވި އަހަރުގެ ޑިސެމްބަރު މަހު އިންޑިޔާގަ އެވެ. ފައިނަލްގައި އަފްގާނިސްތާން ބަލިކޮށް ތަށި ހޯދީ ވެސް އިންޑިޔާ އެވެ.