ރަންވީރު އަނެއްކާވެސް ވައިއާރްއެފްއާ ގުޅެނީ؟
ރަންވީރު އަނެއްކާވެސް ވައިއާރްއެފްއާ ގުޅެނީ؟

ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެތެރޭ ހިމެނޭ ރަންވީރު ސިންގް ފިލްމީ ދާއިރާއަށް ތައާރަފްކުރި ޕްރޮޑަކްޝަން ކުންފުނި 'ޔަޝް ރާޖް ފިލްމްސް' (ވައިއާރްއެފް)އިން ވަކިވިތާ އަހަރުތަކެއް ފަހުން އަނެއްކާވެސް އެ ސްޓޫޑިއޯއާ އަލުން ގުޅެން ނިންމައިފި ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ވައިއާރްއެފްގެ ފިލްމަކަށް ރަންވީރު ގެނައުމާ މެދު އެ ސްޓޫޑިއޯގެ އިސްވެރިޔާ އަދި ޕްރޮޑިއުސަރު އަދިތިޔަ ޗޯޕްރާ އަންނަނީ އެކްޓަރާ އެކު މަޝްވަރާތަކެއް ކުރަމުންނެވެ.

ހަމައެއާއެކު ކުރިއަށް އޮތް ހަ މަސް ދުވަހުގެތެރޭ އެކަމަށް ގޮތެއް ނިންމައި ރަސްމީކޮށް އެ ޕްރޮޖެކްޓް އިއުލާނު ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް އަދި ޑައިރެކްޓަރު އަދިތިޔަ ޗޯޕްރާ--ފޮޓޯ/ބޮލީވުޑްހަންގާމާ

ރަންވީރު ބޮލީވުޑަށް ތައާރަފްވި 2010 ވަނަ އަހަރުގެ ފިލްމު "ބޭންޑް ބާޖާ ބާރާތު" އަކީ ވައިއާރްއެފްގެ އުފެއްދުމެކެވެ. ވައިއާރްއެފްއަށް ރަންވީރު ކުޅުނު އެންމެ ފަހު ފިލްމަކީ، 2022ގައި ރިލީޒްކުރި ކޮމެޑީ ޑްރާމާ "ޖަޔޭޝްބާއީ ޖޯރްދާރު"އެވެ.

ރަންވީރު ވައިއާރްއެފްއަށް ކުޅުނު މަގުބޫލު ފިލްމުތަކުގެތެރޭ، 2011 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ލޭޑީސް ވާސަސް ރިކީ ބާލް" އާއި 2014 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ކިލް ދިލް" އަދި ފިލްމު "ގުންޑޭ" އާއި 2016 ވަނަ އަހަރު އަދިތިޔާ ޑައިރެކްޓްކޮށް ގެނެސްދިން "ބޭ ފިކްރޭ" ހިމެނެއެވެ.

ޑައިރެކްޓަރު އަދިތިޔަ ދާރުގެ ފިލްމު "ދުރަންދަރު"ގެ ކާމިޔާބީއާ ގުޅިގެން ރަންވީރު ވެފައި ވަނީ ފިލްމު އިންޑަސްޓްރީގެ އެންމެ ބޮޑު ޑިމާންޑެއް އޮތް އެއް އެކްޓަރަށެވެ. އެހެންވެ ބޮޑެތި ފިލްމު ކުންފުނިތަކުން ރަންވީރަށް ލިބެމުން އަންނަ ހުށަހެޅުންތައް ވެސް އަންނަނީ އިތުރުވަމުންނެވެ.

ނަމަވެސް ފިލްމު "ދުރަންދަރު 2" އަށްފަހު ރަންވީރުގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިހުރީ އޭނާގެ ކުރިއަށްއޮތް ފިލްމު "ޕްރަލޭ"އަށެވެ.

މި ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު ޖޭ މެހެތާ ގެނެސްދޭ ފިލްމެކެވެ.