17 Sep 2012, 10:09
ރެލިގޭޝަނުން ސަލާމަތްވެ އަންނަ އަހަރު ވެސް ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅައިގައި ދެމިއޮވެވޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް ކުލަބް ވެލެންސިއާއިން ބުނެފި އެވެ.
އެ ޓީމަށް ރެލިގޭޝަން ކުޅެން ޖެހުނީ ލީގުގައި ކުޅުނު 14 މެޗުގެ ތެރެއިން އެންމެ ދެ މެޗުން މޮޅުވެ، 10 ބަލިވެ، ފާއިތުވެދިޔަ ތިނަ އަހަރު ގަދަ ހަޔަކުން ހޯދި ޖާގަ ގެއްލި ދިއުމުންނެވެ.
ވެލެންސިއާއަށް ކޯޗުކޮށްދެމުން އަންނަ އެސިސްޓެންޓް ކޯޗު އަހުމަދު ނާޝިދު (ނާދު) މިއަދު ބުނީ ޓީމުގެ ފިޓްނަސް ވަރަށް ރަނގަޅު ކަމަށާއި ރެލިގޭޝަންގައި ވެލެންސިއާ ހާސްވާންޖެހޭނެ ޓީމަކަށް ކިރިޔާ ވެސް އޮތީ ވިޔަންސާ ކަމަށެވެ.
"ވިކްޓަރީ މެޗުގައި ކުޅުނު ވަރަށް ކުޅެފިނަމަ ރެލިގޭޝަންގައި އެއްވެސް ދައްޗެއް ދިމާނުވާނެ. އެއަށްވުރެ މާޔަގީންކަން ބޮޑު. މިހެން ބުންޏަސް މިއީ އަންޑައެސްޓިމޭޓް ކުރަނީކީނޫން،" ނާދު ބުންޏެވެ.
ރެލިގޭޝަން މެޗުތައް ވެލެންސިއާ ފަށާނީ މިއަދު ހަވީރު ދެ ވަނަ ޑިވިޝަނުގެ ރަނަރަބް ޔުނައިޓެޑް ވިކްޓަރީއާއެކު ކުޅެން ޖެހޭ މެޗުންނެވެ. ރެލިގޭޝަންގައި ދެން ވާދަ ކުރާނީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ބީޖީ އާއި ފުރަތަމަ ޑިވިޝަނުގެ ވިޔަންސާ އެވެ. ފުރަތަމަ ޑިވިޝަނުގައި އަންނަ އަހަރު ކުޅޭނީ މި ހަތަރު ޓީމު ލީގު އުސޫލުން އެއް ބުރު ކުޅެ ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.