ދިވެހި ސަރުކާރާއި އިދިކޮޅު އިއްތިހާދުގެ މެދުގައި ބާއްވަން ކަނޑައެޅި ސުލްހައިގެ ވާހަކަތަކުގައި ބުރެކިޖެހި އެމްޑީޕީން ވާހަކަތައް ބޮއިކޮޓް ކުރީ ޔޫއެންޑީޕީގެ އެހީގައި ބޭރުގެ ތަޖުރިބާކާރެއް ގެނެސް ސުލްހައިގެ ވާހަކަތަކުގެ ފްރޭމްވޯކާއި އެޖެންޑާ ވެސް އެކުލަވާލުމުގެ ކުރިން ކަމަށް އިދިކޮޅު އިއްތިހާދުގެ މަންދޫބު ވިދާޅުވެއްޖެ އެވެ.


ވާހަކަތަކުގެ އޮނިގަނޑާއި އެޖެންޑާ އާއި ފެސިލިޓޭޓަރާއި ވާހަކަތަކުގައި ދެ ފަރާތުން ބައިވެރިވާނީ ކޮންކޮން ބައެއްކަން ކަނޑައެޅުމަށް އިދިކޮޅު އިއްތިހާދުން ކަނޑައެޅުއްވި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު އިއްޔެ ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މާލިއްޔަތުގެ ގާނޫނާއި ޝަރުއީ ކޯޓްތަކުގެ ބިލާ މަތިކޮށް، އެމްޑީޕީން ވާހަކަތަކުން ވަކިވި ކަމަށް ބުނުމަކީ އޮޅުވާލުމެއް ކަމަށާއި އެ ބޭފުޅުން ބޮއިކަޓް ކުރެއްވި އިރު ވާހަކަތައް އެހާ ހިސާބަށްދާން ކައިރި ވެސް ނުވާ ކަމަށެވެ.


"[އެހެނެއް ނޫން] އެއީ އެ ބޭފުޅުން އެދިވަޑައިގެން އެޖެންޑާގައި ހިމެނިފައި ހުރި ކަންތައްތައް. އެހެން ނަމަވެސް ސުލްހައިގެ ވާހަކަތައް ހަގީގަތުގައި ފެށޭ ހިސާބަކަށް ނުދޭ. ވާހަކަތައް ފެށުމަށް ޓަކައި އެއްބަސްވާން އުޅުނު ފްރޭމްވޯކް ޓޯކްސްގައި މި ފޭލްވީ،" ޕީއޭގެ ވެސް ނާއިބު ލީޑަރު ވިދާޅުވި އެވެ.


އެމްޑީޕީން އެޖެންޑާގައި ހިމެނުމަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، ނާޒިމު ވިދާޅުވީ، ޕީނަލް ކޯޑާއި ހެއްކާ ބެހޭ ގާނޫނާއި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމާއި ޓެކްސް ބިލާއި ކެބިނެޓަށް ރުހުން ދިނުމާއި މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމާއި ޖިނާއީ އިޖުރާތުގެ ބިލާއި ޕީނަލް ކޯޑާއި ކޯޓްތަކުގެ ބިލް ހިމެނޭ ކަމަށެވެ.


"އަދި އެންމެ ފަހު ވަގުތު އެ ބޭފުޅުން އެދިވަޑައިގަތް ހިމަނައިދެއްވަން 2011ގެ ބަޖެޓްގެ ކަންތައް ވެސް. ވަޒީރުންނަށް ރުހުންދިނުމުގެ ކަންތައް ވެސް" ނާޒިމު ވިދާޅުވީ އެކަންކަން އެޖެންޑާގައި ހިމެނުމަށް އިދިކޮޅު އިއްތިހާދުގެ ވެސް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.


ވާހަކަތަކުގައި ހިމެނުމަށް ދެ ފަރާތުން އެއްބަސްވި ކަންތައްތަކަކީ ރައްޔިތުންގެ މަޖިލީސް ކުރިއަށް ގެންދިއުމަށް ދެ ޕާޓީން ވެސް ހުރަސް ނޭޅުމަށާއި މަޖިލީހާއި ސަރުކާރު ހިންގާ ފަރާތާ ދެމެދު އޮންނަން ޖެހޭ ގުޅުމުގެ ވާހަކަ އާއި ޕަބްލިކް ބްރޯޑްކާސްޓިން، އެމްބީސީގެ ވާހަކަ ހިމެނޭ ކަމަށެވެ.


"އަޅުގަނޑުމެން ފެށުނީއްސުރެ ވެސް ބުނަމުން މި އަންނަނީ ސަރުކާރަކަށް ޚިޔާރެއް ނުކުރެވޭނެއޭ މިވެނި ގާނޫނަކަށް ތަބާވެފައި މިވެނި ގާނޫނަކަށް ތަބާއެއް ނުވާނަމަކޭ. އަދި ގާނޫނު އަސާސީ އާއި ގާނޫނުތަކަށް އިހުތިރާމް ކުރަން ޖެހޭނެ އޭ،" އެމްބީސީގެ ގާނޫނަށް ސަރުކާރުން އަމަލުނުކުރި މައްސަލައަށް އިޝާރަތްކުރައްވައި ނާޒިމު ވިދާޅުވި އެވެ.


އޭނާ ވިދާޅުވި ގޮތުގައި އެމްބީސީގެ ގާނޫނަށް ސަރުކާރުން އަމަލުކުރަން ޖެހޭނެ ކަމަށާއި ލޯކަލް ކައުންސިލްގެ އިންތިހާބު ބޯމަތިވެގެން އަންނަ އިރު މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވޭނީ ދައުލަތުގެ ޓީވީ އާއި ރޭޑިއޯ ސަރުކާރުގެ ނުފޫޒުތަކުން މިނިވަން ކުރެވިގެން ކަމަށް އިދިކޮޅު އިއްތިހާދުން ދެކޭ ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ.


ހަތަރު ވަނަ ކަމަކަށް ހުށަހެޅިފައި އޮތީ ވެރިކަން ކުރުމުގެ ނިޒާމަށް ބަދަލުގެންނަން ޖެހޭ ނަމަ އެބަދަލު ގެނައުމާއި ގާނޫނު އަސާސީ މުރާޖާ ކުރަން ޖެހޭ ނަމަ އެކަން ކުރުން ކަމަށް ނާޒިމު ވިދާޅުވި އެވެ. އަދި މިނިސްޓަރުން އައްޔަންކުރުމާއި މިނިސްޓަރުން ވަކިކުރުމާ ބެހޭ ގޮތުން ގާނޫނު އަސާސީގައި ހުރި މާއްދާތަކާއި މަޖިލީހުގެ ގަވާއިދާ ބެހޭ ގޮތުން މަޝްވަރާކުރުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ވާހަކަ ދެއްކުމަށް ދެ ފަރާތުން ވެސް އެއްބަސްވެފައިވާ ކަންތައްތައް ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ.


އޭނާ ވިދާޅުވި ގޮތުގައި އެކަންކަން ވާނީ ހިމެނިފައި ކަމަށާއި ނަމަވެސް ފްރޭމް ވޯކްސްއާ ބެހޭ ގޮތުން އެކުލަވާލާފައިވާ ކަރުދާހެއްގެ ދެބައިކުޅައެއްބައި ވެސް ނުނިމެނީސް ވާހަކަތައް ހުއްޓިފައިވާ ކަމަށެވެ. "ކޯލިޝަން ޕާޓަނަރުންނާއި އިބްރާހީމް ހުސައިން ޒަކީ[ ރައީސްގެ ހާއްސަ މަންދޫބު] ވަޑައިގަތީ ހަމަ އެންމެ ޖަލްސާ އަކަށް. އަޅުގަނޑުމެންގެ ތެރެއިން ވެސް ހަތަރު ޕާޓީގެ ލީޑަރުންގެ ތެރެއިން ޔާމީން ފިޔަވައި އެހެން ހުރިހާ ލީޑަރުން ވަޑައިގަތް [އެންމެ] ބައްދަލުވުމެއް އދ.ގެ ހެޑްކުއާޓަރުގައި ބޭއްވިފައި މި އޮތީ،" ނާޒިމު ވިދާޅުވި އެވެ.


އިދިކޮޅު އިއްތިހާދުގެ މަންދޫބު ވިދާޅުވީ ވާހަކަތައް ހުއްޓާލި އިރު މައްސަލަތައް ހައްލުކުރުމުގެ ހާއްސަ ސްޕެޝަލިސްޓަކު އދ.ގެ ފަރާތުން ރާއްޖެ ގެނެސްދެއްވާފައިވާ ކަމަށާއި އޭނާ އާއި ބޮޑު ދެ ޕާޓީގެ ފަރާތުން އެއްބަސްވެގެން ފެސިލިޓޭޓަރަކަށް ކުރީގެ ހިއުމަންރައިޓްސް ކޮމިޝަނަރު އަހުމަދު މުޖުތަބާ ހަމަޖައްސާފައިވާ ކަމަށެވެ.


އދ.ގެ ސުޕެޝަލިސްޓް ފުރަތަމަ ފޮނުއްވީ އޯގަސްޓް 1- 31 ގެ ނިޔަލަށް ކަމަށާއި ނަމަވެސް 30 ދުވަހުގެ ތެރޭގައި ފްރޭމް ވޯކް އެގްރީމަންޓްގައި ސޮއި ނުކުރެވުމުން ބޭރުގެ އެކްސްޕާޓާ ދޭތެރޭ އަމަލުކުރަންވީ ގޮތެއް ވެސް މިހާރު ނޭނގިފައިވާ ކަމަށް ނާޒިމު ވިދާޅުވި އެވެ.


އިދިކޮޅު މަންދޫބު ވިދާޅުވި ގޮތުގައި ފުރަތަމަ އެއްބަސްވެފައި އޮތީ "އޯގަސްޓް 24 ވީ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު އދ.ގެ ރެސިޑެންޓް ކޯޑިނޭޓަރުގެ އޮފީހަށް ވަޑައިގެން އެއްބަސްވުމުގައި" ސޮއިކުރައްވާ ގޮތަށެވެ.  


"ދެން 30 އޯގަސްޓްގައި ވެސް ސޮއިކުރެވޭތޯ ބެލިން،. ނަމަވެސް އެ ތާރީހުގައި ވެސް އެކަން ނުކުރެވި ނާކާމިޔާބުވީ" ސާދަ ހާސް ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާކޮށްގެން ކުރި މަސައްކަތާ ބެހޭ ގޮތުން ނާޒިމު ވިދާޅުވި އެވެ.


އދ.ގެ ފަރާތުން ގެނައި ތަޖުރިބާކާރަކީ "އާޗޭ ޕްރޮވިންސްގައި އިންޑޮނޭޝިޔާ ސަރުކާރާ އެކު ހެދި ސުލްހައިގެ ވާހަކަތަކުގެ ވެސް ބައިވެރިއެއް" ކަމަށާއި "ޕީސް އެކޯޑް އެކުލަވާލުމުގައި ބައިވެރިވި ވަރަށް ތަޖުރިބާކާރު ބޭކަނބަލެއް" ކަމަށް ނާޒިމު ވިދާޅުވި އެވެ.


ނާޒިމު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި އެއްބާރުލުމުގެ ކަންތައްތައް ހިނގަނީ ހަމައެކަނި އެ ވިދާޅުވާ ސުލްހައިގެ ވާހަކަތަކުތެރޭގައި ނޫން ކަމަށާއި ފަނޑިޔާރުންގެ ބިލާއި ސުޕްރީމް ކޯޓް އެކުލަވާލުމަށް ބޭއްވުނު އެއްބަސްވުންތަކަކީ މަޖިލީހުގެ ރައީސާއި މެޖޯރިޓީ ލީޑަރާއި މައިނޯރެޓީ ލީޑަރުގެ މެދުގައި ވެވުނު އެއްބަސްވުމެކެވެ. އަދި އެއީ އެ ވާހަކަތާ ގުޅިގެން ހިނގި ކަމެއް ނޫން ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ.


ނާޒިމު ވިދާޅުވީ ދެ ފަރާތުގެ ވާހަކަތައް ދައްކާ ކަމަށް ބުނީ 29 ޖޫންގައި ކެބިނެޓް އިސްތިއުފާ ދެއްވުމަށް ފަހު ބޯމަތިވި ބޮޑު މައްސަލަ ގަނޑުން ސަލާމަތްވެ ވަގުތު ހޯއްދެވުމަށް ފެންމަތި ކުރެއްވި ކަންތައްތަކެއް ކަމަށް މިހާރު ގަބޫލު ކުރެވޭ ކަމަށެވެ.