އިސްރާއީލުން ހުކުރު ދުވަހު ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި ހަމާސްގެ ހަތިޔާރު އެޅި ގޮފީގެ އިސްވެރިޔާ އިއްޒުއްދީން އަލް ހައްދާދު އަވަހާރަކޮށްލިކަން ހަމާސްއިން ކަށަވަރުކޮށްދީފިއެވެ.

ހަމާސްއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ހައްދާދު އަވަހާރަކޮށްލިކަން ހަމާސް އިން ކަށަވަރުކޮށްދީފައި ވަނީ އޮކްޓޯބަރު 7 ގެ ހަމަލާތައް ރޭވުމުގައި އިސްކޮށް އުޅުނު މޭސްތިރިއެއްގެ ގޮތުގައި އިސްރާއީލުން ތުހުމަތުކުރާ ހައްދާދު އަވަހާރަކޮށްލިކަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ހުކުރު ދުވަހު އިއުލާނުކޮށްފައި ވަނިކޮށެވެ.

ހަމާސް އިން ބުނީ އަލް ހައްދާދު މަރާލާފައިވަނީ އޭނާގެ އަންހެނުންނާއި އަންހެން ދަރިފުޅާއި ފަލަސްތީނުގެ އެހެން އާންމުންނާ އެކު ހުކުރު ދުވަހުގެ ހަވީރު ކަމަށެވެ.

އިސްރާއީލުން ހަމަލާތައް އަމާޒުކޮށްފައިވަނީ ޣައްޒާ ސިޓީގެ ހުޅަނގުން އޮންނަ ރެމާލް އަވަށަށެވެ. އާންމުންގެ ވެހިކަލަކަށް ހަމަލާދީ ފަލަސްތީނުގެ ތިން މީހަކު މަރުވެފައިވާއިރު، އިމާރާތަކަށް ދިން ހަމަލާއެއްގައި އިތުރު ހަތަރު މީހަކު މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އޮކްޓޯބަރު 7، 2023 ގައި ހަމާސްއިން އިސްރާއީލަށް ދިން ވަރުގަދަ ހަމަލާތަކަށް ފަހި އިސްރާއީލް ސިފައިންނާއި ޖާސޫސީ އިދާރާތަކުން ދަނީ ޣައްޒާ އާއި އެ ސަރަހައްދުގެ އެހެން ހިސާބުތަކުގައި ތިބި ހަމާސްގެ ސިޔާސީ އިސްވެރިންނާއި އަސްކަރީ ކޮމާންޑަރުންނަށް އަމާޒުކޮށް ވަރުގަދަ ކެމްޕޭނެއް ހިންގަމުންނެވެ.

ހަނގުރާމަ ހުއްޓާލުމަށް މިދިޔަ އޮކްޓޫބަރު މަހު އެއްބަސްވި ނަމަވެސް އިސްރާއީލުން އަދިވެސް އަންނަނީ ޣައްޒާގެ އެކި ހިސާބުތަކަށް ހަމަލާ ދެމުންެނެވެ.

އެ ހަމަލާތަކުގައި މިހާތަނަސް 800 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ޣައްޒާގެ ސިއްޙަތާބެހޭ ވުޒާރާއިން ބުނެއެވެ.

އޮކްޓޫބަރު 7، 2023 ގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 72،700 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.