17 May 2026, 07:59

ބޮލީވުޑްގެ މަގުބޫލު ބަތަލާ މަދޫރީ ޑިކްސިޓް އާއި މިހާރު ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ތުރިޕްތީ ދިމްރީ އެކީގައި އަލަށް ފެންނާނެ ފިލްމު "މާ ބެހެން" ނެޓްފްލިކްސްގައި ޕްރީމިއާކުރާ ތާރީޚު އިއުލާނުކޮށްފިއެވެ.
މި ފިލްމުގައި މަދޫރީ އާއި ތުރިޕްތީގެ އިތުރުން، ދަރްނާ ދުރްގާ އަދި ރަވީ ކިޝަން މުހިންމު ރޯލުތަކުން ފެންނާނެއެވެ. މީގެ އިތުރުން ގީތަންޖަލީ ކުލްކަރުނީ، އަރުނޯދޭ ސިންގް އަދި ޝަރްދޫލް ބަރަދްވާޖް ވެސް މި ފިލްމުގެ ކާސްޓުގައި ހިމެނެއެވެ.
މިއީ މަޖާ އަދި ކުށުގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "ކްރައިމް-ކޮމެޑީ"އެކެވެ. ފިލްމު "މާ ބެހެން" އަކީ، ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި "ތުމާރީ ސުލޫ" އަދި "ޖަލްސާ" ފަދަ ފިލްމުތަކުގެ ޑައިރެކްޓަރު ސުރޭޝް ތުރިވޭނީގެ އިރުޝާދުގެ ދަށުން، އަބަންޑަންޝިއާ އެންޓަޓައިންމަންޓާއި އޯޕަނިންގް އިމޭޖް ފިލްމްސް ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ.
ފިލްމުގެ ޕްރޮޑިއުސަރު ވިކްރަމް މަލްހޯތްރާ ބުނެފައިވާ ގޮތުގައި، "މާ ބެހެން" އަކީ އޭގެ ތަފާތު މައުޟޫއުގެ ސަބަބުން ބެލުންތެރިން ވަރަށް ބޮޑަށް ޝައުޤުވެރި ކުރުވާނެ ފިލްމެކެވެ. އަދި މި ފިލްމުގެ މަޖާ ކަންކަމުގެ ތެރެއިން އާއިލީ ގުޅުންތަކާއި، މުޖުތަމަޢުގެ ތެރޭގައި މީހުން ސަލާމަތްވުމަށް ކުރާ ކަންކަމުގެ ހަޤީޤީ މަންޒަރުތަކެއް ދައްކުވައިދޭނެ ކަމަށް ވިކްރަމް ވަނީ ފާހަގަކޮށްފައެވެ.

މަދޫރީ، ތުރިޕްތީ އަދި ދާރްނާ ދުރްގާ ފިލްމު "މާ ބެހެން"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
ނެޓްފްލިކްސް އިންޑިއާގެ އޮރިޖިނަލް ފިލްމްސްގެ ޑައިރެކްޓަރު ރުޗިކާ ކަޕޫރު ބުނެފައިވާ ގޮތުގައި، މިއީ ހީނުކުރާ ފަދަ އެތައް ކަމެއް ބެލުންތެރިން ތަޖުރިބާ ކުރާނެ، ހިތްގައިމު އަދި މަޖާ ފިލްމެކެވެ. ޑައިރެކްޓަރު ސުރޭޝް ތުރިވޭނީގެ ފުރިހަމަ މަސައްކަތާ އެކު، މަދޫރީ، ތުރިޕްތީ އަދި ދަރްނާގެ އިތުރުން ރަވީ ކިޝަން މި ފިލްމުން ދައްކުވައިދޭނީ މީގެ ކުރިން ދުވަހަކު ވެސް އެ މީހުން ދައްކުވައިދީފައިނުވާ ކެރެކްޓާއިންގެ ގޮތުގައި ކަމަށް ރުޗިކާ ކަޕޫރު ބުނެފައިވެއެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ މަދޫރީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ޖިއޯހޮޓްސްޓާއިން ގެނެސްދިން ކްރައިމް ޑްރާމާ ސީރީޒް "މިސިޒް ދޭޝްޕާންޑޭ"އިންނެވެ.
ފިލްމު "މާ ބެހެން" ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވާ ތާރީޚަކީ، އަންނަ މަހުގެ ހަތަރު ވަނަ ދުވަހެވެ.