މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 85 ރުފިޔާ ބަހަން، ސަރުކާރު ވިޔަފާރި ކުންފުނި އެސްޓީއޯއިން ފާސްކޮށްފިއެވެ.

ފާއިތުވެދިޔަ ދެ އަހަރު ލިބުނު އާމްދަނީން އެސްޓީއޯއިން ހިއްސާއަކަށް ބެހީ 80 ރުފިޔާއެވެ. އެހެންކަމުން މިއީ މިދިޔަ ދެ އަހަރާ އަޅާ ބަލާއިރު ފަސް ރުފިޔާގެ އިތުރުވުމެކެވެ.

މިރޭގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްވީ، ޖަލްސާގައި ބައިވެރިވި 263 ހިއްސާދާރުންގެ ތެރެއިން 99 އިންސައްތަ ހިއްސާދާރުންގެ ވޯޓުންނެވެ. އެސްޓީއޯގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި 263 ހިއްސާދާރުންގެ ތެރެއިން 176 މެންބަރުން ވަނީ ޖަލްސާއަށް ހާޒިރުވެފައެވެ. ބާކީ ހިއްސާދާރުން ބައިވެރިވީ ޕްރޮކްސީ މެދުވެރިކޮށެވެ.

އެސްޓީއޯއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް 276 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވެއެވެ.

އޭގެ އިތުރުން، އެސްޓީއޯއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު އާމްދަނީއަށް ވުރެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ 33 އިންސައްތަ އިތުރު ކަމަށް ވެސް އެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 4.14 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، މިދިޔަ ކުއާޓަރުގައި އެ އަދަދުވަނީ 5.49 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ މިދިޔަ އަހަރުގެ ކުއާޓަރުތަކާ އަޅާ ބަލާއިރު، އެސްޓީއޯއަށް ލިބުނު އާމްދަނީ އިތުރު ފަހަރެކެވެ.

އެސްޓީއޯގެ އިތުރު ތަފާސްހިސާބުތަކަށް ބަލާލާއިރު:

  • ހިންގުމުގެ ފައިދާ: 368 މިލިއަން ރުފިޔާ؛ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު 322 މިލިއަން ރުފިޔާގެ ފައިދާއަށް ވުރެ 14 އިންސައްތަ އިތުރު

  • ސާފު ފައިދާ: 276 މިލިއަން ރުފިޔާ؛ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު 244 މިލިއަން ރުފިޔާގެ ފައިދާއަށް ވުރެ 13 އިންސައްތަ އިތުރު