ދަމާސް ކޮމްޕެނީގެ ފަރާތުން ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ "އޯޝަން މާސްޓާ" މެރިން ޕެއިންޓްގެ މައުލޫމާތު ފޯރުކޮށް ދިނުމަށް ދިވެހި ކެޓްލޮގް ލޯންޗްކޮށްފި އެވެ.

ރޭ ނަސަންދުރާ ޕެލެސް ހޮޓަލުގައި ބޭއްވި ހަފްލާއެއްގައި އެ ކެޓެލޮގް ލޯންޗްކޮށްދެއްވީ މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ އަހުމަދު ޝަފީއު އެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ދަމާސްގެ ޑިރެކްޓާ ޕްލެއިނިން އެންޑް ޑިވެލޮޕްމެންޓް މުހައްމަދު ޝިހާބް ވިދާޅުވީ އޯޝަން މާސްޓާ ބެހޭ މައުލޫމާތު ހިމެނޭ އެ ފޮތް ދިވެހި ބަހުން ނެރުނީ ފަސޭހަކަމާ އެކު ކޮންމެ މީހަކަށް ވެސް އެ ޕްރޮޑަކްޓާ ބެހޭ މައުލޫމާތު ފޯރުކޮށް ދިނުމަށް ޓަކައި ކަމަށެވެ.

"އަޅުގަނޑުމެނަށް މީގެ ތިން ހަތަރު އަހަރެއް ކުރިން ކުރެވުނު ހިތި ތަޒުރިބާއަކީ އުފެއްދުންތަކުގެ ފެންވަރު އަހަރުން އަހަރުން ރަނގަޅުކުރެވުނު ނަމަވެސް އެއުފެއްދުންތައް ބޭނުންކުރާނެ ގޮތުގެ އިރުޝާދު ނުދެވޭ ނަމަ އެ އުފެއްދުންތަކުގެ ޖުމުލަ ރަނގަޅު ފައިދާ ކަސްޓަމަރުނަށް ލިބިގެންނުދާކަން. އެހެންކަމުން އެ ހިސާބުން މިކެޓްލޮގޮ ނުވަތަ އިރުޝާދު ފޮތް ނެރެން ބޭނުންވީ،" ޝިހާބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ފޮތުގެ އޮންލައިން އެޑިޝަނުގެ އިތުރުން އައިފޯން އެޑިޝަނެއް ވެސް ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އޯޝަން މާސްޓާ ސިންގަޕޫރުގެ ސޭލްސް ޑައިރެކްޓާ ހެންރީ ޔިއޯ ވިދާޅުވީ މެރިން ކޯޓިންގެ ވިޔަފާރީގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާއާ އެކު އޯޝަންމާސްޓާ އިން ދަނީ ކޮލިޓީ އިތުރުކުރުމަށް އަވަދި ނެތި މަސައްކަތް ކުރަމުން ކަމަށާއި ރޭ ލޯންޗްކުރި އެ ކެޓަލޮގްގައި އޯޝަން މާސްޓާގެ ޕްރޮޑެކްޓްތަކުގެ ތަފްސީލް ލިބެން ހުންނާނެ ކަމަށެވެ.

ރޭ ލޯންޗް ކުރި އެ ކެޓަލޮގުން އޯޝަން މާސްޓާގެ ޕްރޮޑެކްޓްތަކާ ބެހޭ މައުލޫމާތުތައް ހިމެނިފައިވާ އިރު އެ ޕްރޮޑެކްޓަކީ ތަފާތު ވައްތަރުގެ ދަވާދާއި ދޯނިފަހަރު ބަނުމަށް ބޭނުންކުރާ އާލާތްތައް ހިމެނޭ ބުރޭންޑެކެވެ. އެ ޕްރޮޖެކްޓް ދަމާސް އިން ރާއްޖެ އެތެރެކޮށް ވިއްކާތާ 15 އަހަރުވެއްޖެ އެވެ.