ވ. އަތޮޅު ކައިރިއަށް ޑައިވްކުރުމަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތަށް ނިސްބަތްވާ ހަތަރު ފަތުރުވެރިން ހޯދުމަށް ޓަކައި، އެ ގައުމުގެ ސަރުކާރުން ހުށަހެޅި އެހީތެރިކަމުގެ ފުރުސަތުގެ ދަށުން، ފިންލޭންޑުގެ މާހިރުން މާދަން ރާއްޖެ އަންނާނެ ކަމަށް، ސަރުކާރުން މިރޭ ބުނެފިއެވެ.

ބުރާސްފަތި ދުވަހު ގެއްލުނު އެ ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ފެނިފައި ވަނީ އެންމެ މީހެކެވެ. އެ މީހާ ފެނިފައި ވަނީ މަރުވެފައި އޮއްވައެވެ. ބާކީ ހަތަރު ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފުން އަންނަނީ ފުޅާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ކުއިއަށްގެންދަމުންނެވެ. އެ އޮޕަރޭޝަންގައި، އެމްއެންޑީއެފްގެ ޑައިވަރަކު ވަނީ މިއަދު ނިޔާވެފައެވެ.

އެކަމާ ގުޅިގެން، ގެއްލުނު މީހުން ހޯދުމަށް މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަން މަޑުޖައްސައިލައި، ބޭރުގެ މާހިރުންގެ އެހީތެރިކަން ހޯދުމަށް އެކި ފަރާތްތަކުން އަންނަނީ ގޮވައިލަމުންނެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) 'ސަން'އަށް ވިދާޅުވީ، ފީނުމުގެ ތިން ޓެކްނިކަލް ތަޖުރިބާކާރަކު، އިޓަލީވިލާތުގެ ސަރުކާރުން ހުށަހެޅި ހުށަހެޅުމެއްގައި މާދަމާ ހެނދުނުގެ ވަގުތެއްގައި ރާއްޖެ އަންނާނެ ކަމަށެވެ.

އިޓަލީވިލާތުގެ ސަރުކާރާ މަޝްވަރާކުރަމުން ދިޔައިރު، އިނގިރޭސިވިލާތުގެ ސަރުކާރާއި އޮސްޓްރޭލިއާ ސަރުކާރުގެ އިތުރުން، އެމެރިކާ ސަރުކާރުން ވެސް އެހީތެރިކަން ދޭން ހުށަހަޅައިފައިވާ ކަމަށް، މުންދު ވިދާޅުވިއެވެ. މާދަން ރާއްޖެ އަންނަނީ، އޭނާ ވިދާޅުވިގޮތުގައި، އިނގިރޭސިވިލާތުގެ ސަރުކާރާއި އޮސްޓްރޭލިއާ ސަރުކާރާ އިޓަލީވިލާތުގެ ސަރުކާރުން މަޝްވަރާކޮށް އެކުލަވައިލި ޓީމެކެވެ.

"މާދަމާ މި އަންނަ ތިން އެކްސްޕާޓް ޑައިވަރުންނަކީ ފިންލޭންޑް ބައެއް، އެ ބޭފުޅުން މަސައްކަތްކުރައްވާނީ އެމްއެންޑީއެފާ އެކުގައި،" މުންދު ވިދާޅުވިއެވެ.

އިޓަލީ ފަތުރުވެރިން ހޯދުމަށް ކުރަމުން ދިޔަ މަސައްކަތް ކުރަނިކޮށް، އެމްއެންޑީއެފް ކޯސްޓް ގާޑުގެ ސްޓާފް ސާޖަންޓް، މުޙައްމަދު މަހުދީ ނިޔާވުމާ ގުޅިގެން، އެ އޮޕަރޭޝަން މަޑުޖައްސައިލައިފައިވާ ކަމަށް، މުންދު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި، ފިންލޭންޑުގެ ޑައިވަރުންނާ މަޝްވަރާކުރުމަށްފަހު، އެ އޮޕަރޭޝަން ކުރިއަށް ގެންދާނެ ގޮތެއް އެމްއެންޑީއެފުން ނިންމާނެއެވެ.

އެމްއެންޑީއެފުން މީގެ ކުރިން މައުލޫމާތު ދިން ގޮތުގައި، ގެއްލުނު ފަސް މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:13 ހާއިރު، ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ހޮހަޅައެއްގެ ތެރެއިންނެވެ.

އެ ހާދިސާއާ ގުޅިގެން އެ ފަތުރުވެރިން ޑައިވިންއަށް ދިޔަ ސަފާރީގެ އޮޕަރޭޓިން ލައިސެންސް ވެސް މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.