17 Sep 2012, 09:15
ކާބުލް (ސެޕްޓެމްބަރ 17): އަފްޣާނިސްތާނުގައިވާ އެމެރިކާގެ ބޭސްޓަން ޢަސްކަރީ ބޭހަށް މިދިޔަ ހުކުރު ދުވަހު ތާލިބާނުން ދިން ވަރުގަދަ އަދި ކުއްލި ޙަމަލާތަކުގައި އެމެރިކާގެ ހަތަރު މީހަކު މަރުވުމުގެ އިތުރުން އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓުގެ 6 ބޯޓު ވެސް މުޅިން ހަލާކުވެފައިވާ ކަމަށް ނޭޓޯ އިން އެއްބަސްވެއްޖެ އެވެ.
ނޭޓޯގެ އަސްކަރީ ކޮމާންޑުން ނެރުނު ބަޔާނެއްގައި އަފްޣާނިސްތާނުގެ ދެކުނުގެ ހެލްމަންދް ސްޓޭޓްގައިވާ އެމެރިކާގެ ބޭސްޓަން ޢަސްކަރީ ބޭހަށް ދިން ޙަމަލާތަކުގައި އެމެރިކާގެ ޢަސްކަރީ އިތުރު ދެ މަތިންދާ ބޯޓަށް ގެއްލުން ލިބި ނޭޓޯ ސިފައިންގެ ހަތަރު މީހުން މަރުވެ އިތުރު ފަސް މީހަކު ޒަޚަމްވެސް ވު އެވެ. މިއީ އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯ އަށް ނިސްބަތްވާ ޤައުމެއްގެ އަގުބޮޑު ޢަސްކަރީ މެޝިނަރީތަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ގެއްލުންކަމަށް ވެސް ނޭޓޯގެ ބާޔާން ބުނެ އެވެ. މީގެ އިތުރުން ކާބޯތަކެތި ރައްކާކޮށްފައިވާ ތިން ގުދަނަކާއި މަތިންދާބޯޓު ޕާކްކޮށްފައިވާ ހަ ތަނެއް ވެސް މިޙަމަލާތަކުގައި ހަލާކުވެފައިވާ ކަމަށް ނޭޓޯ ބުނެ އެވެ.
ތާލިބާނުން ވަނީ މިޙަމަލާތައް ދިންކަމަށް އެއްބަސްވެ އެކަމަށް ފަޚްރުވެރިވާކަން ހާމަކޮށްފަ އެވެ. ތާލިބާނުން އެމެރިކާގެ މި ޢަސްކަރީ ބޭހަށް ޙަމަލާ ދިނީ ރޮކެޓުންނާއި އޮޓަމެޓިކް ހަތިޔާރުން ވަރަށް ކުއްލި ގޮތަކަށް ކަމަށާ މިޙަމަލާތަކުގެ ސަބަބުން އެމެރިކާ ސިފައިންނަށް ސިހުން ލިބިގެންދިޔަ ކަމަށް ޚަބަރުލިބެ އެވެ. ތާލިބާނުންގެ ޙަމަލާތައް މިކޭމްޕްގެ އެންމެ ފުނަށް އެރި ކަމަށާއި އެހާ ވަރުގަދަ އަށް މި ޙަމަލާދެވުނީ މި ބޭހުގެ ވަށައިގެންވާ ސަލާމަތީ ވިއުގަ ފޫއަޅުވާލުމަށް ފަހު ކޭމްޕް ބައެއް ސަރަޙައްދުތަކަށް ވަދެގެން ކަމަށް އެމެރިކާގެ ޢަސްކަރީ މަސްއޫލުވެރިއަކުވިދާޅުވެފައިވެ އެވެ.
އެމެރިކާގެ ބޭސްޓަން ޢަސްކަރީ ބޭހަށް ތާލިބާނުން ޙަމަލާދިން އިރު އިނގިރޭސި ރާނީ އެލިޒަބަތް 2 ގެ މާމަދަރިކަލުން ޕްރިންސް ހެރީ ވެސް އެބޭހުގައި ހުންނެވި ކަމަށް ޚަބަރު ލިބެ އެވެ. މި ބޭހަށް ތާލިބާނުން ޙަމަލާ ދިނީ މި ތަނުގައި އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ ހުންނެވިކަން އެނިގެންކަން ނުވަތަ ނޫންކަން ސާފުކުރުމަށް ތަޙްޤީޤެއް ކުރިޔަށްގެންދާނެ ކަމަށް ނޭޓޯއިން ބުނެފައިވެ އެވެ. މި ބޭހުގައި ޕްރިންސް ހެރީ ހުންނެވި ކަމުގެ ޖާސޫސީ ވިޔުގަތައްމެދުވެރިކޮށް ތާލިބާނުން ހޯދިނަމަ އެއީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ވެސްކްރައިޓޮން ވިދާޅުވެފައިވެ އެވެ.
ތާލިބާނުން ވަނީ ޕްރިންސް ހެރީއަފްޣާނިސްތާނުގައި އުޅުއްވަނިކޮށް އޭނާ ވަގަށް ނެގުން ނޫނީ އޭނާއަވަހާރަކޮށްލުމަކީ އެޖަމާއަތުގެ އިސް ލަނޑުދަނޑުއެއްކަމަށް ބުނެފަ އެވެ. (އަލްޖަޒީރާ)