16 May 2026, 11:55
މާލޭގެ ކޯރުކެނޑިމަގާއި، ބިންހިމަ ގޯޅި އަދި ބަޑިފަސްގަނޑު މަގުގައި ހިމެނޭ ގެތަކުން މިއަދު ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި އެ ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ކަރަންޓު ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން ވަނީ ދިމާވާނެ ދަތިތަކަށް މައާފަށް އެދިފައެވެ.
މިފަހަކަށް އައިސް، މާލެ އަދި ހުޅުމާލެއިން ދޭތެރެއަކުން ކަރަންޓު ކެނޑޭ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.
ބައެއް ހިޔާ ޓަވަރުތަކާއި ވިނަރެސް އެޕާޓްމެންޓުތަކުން މިދިޔަ މަހުގެ 12 ވަނަ ދުވަހު ވެސް ކަރަންޓު ކެނޑި، އަށް ގަޑިއިރުވިއެވެ. އޭރު ކަރަންޓު ކެނޑިފައިވަނީ، ކޮނުމުގެ ތެރެއިން ކޭބަލަށް ގެއްލުންވެގެން ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.