ޖީއެމްއާރުގެ އެގްރިމަންޓަށް ދިވެހި ކޯޓުތަކުގެ އިހުތިސާސް ހިނގާނެ ކަމަށް ކަޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް
ޖީއެމްއާރާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ހަދާފައި ވަނީ އިނގިރޭސިވިލާތުގެ ގާނޫނުތަކުގެ ދަށުން ކަމަށްވާތީ އެ އެއްބަސްވުމުގެ މައްޗަށް ރާއްޖޭގެ ކޯޓުތަކަށް އިހުތިސާސު ހިނގާނެ ކަމަށް ކަޑައަޅައިދިނުމަށް އެދި ސުޕްރީމްކޯޓަށް މައްސަލައެއް ވައްދަން ބަންޑާރަ ނައިބު، ނިންމަވައިފި އެވެ.

"ޖީއެމްއާރު އެގްރިމަންޓް ހެދިފައި އޮތީ، އިނގިރޭސި ގާނޫނުނަށް އެޕްލައިވާގޮތަށް ކަމަށްވާތީ މިރޭ ސުޕްރީމް ކޯޓުން މި ނެރުނު ބަޔާނާއި ގުޅިގެން އަޅުގަނޑުމެން މާދަމާ މައްސަލައެއް މިހުށަހަޅަނީ، އެ އެގްރިމަންޓަށް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ އިޚްތިޞާޞް ހިނގާނޭކަން ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާ މައްސަލައެއް،" ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވި އެވެ.

ޖީއެމްއާރުގެ އެގްރިމަންޓްގެ 22 ވަނަ މާއްދާ އާއި އެއްބަސްވުމުގެ 21 ވަނަ މާއްދާގެ ހަތަރެއްގެ ދަށުން ޖީއެމްއާރުގެ އެއްބަސްވުމަކީ އިނގިރޭސިވިލާތުގެ ޤާނޫނުގެ އިޚްތިޞާޞްގެ ދަށުން ހަދާފައިވާ އެއްބަސްވުމެކެވެ. އަދި އެ އެއްބަސްވުމުން އުފެދޭ މައްސަލަތައް ޙައްލުކުރާނީ ސިންގަޕޯރގެ އާބިޓްރޭޝަން ކޯޓެއްގައި ކަމަށް ވާއިރު އެ ކޯޓުގެ ނިންމުން އެއްވެސް ފަރާތަކުން އިސްތިއުނާފެއް ނުކުރާނެ ކަމަށާއި އެއީ ފަހުގެ ނިންމުން ކަމަށް ބުނެ އެ ހައްގުތައް ސަރުކާރާއި އެމްއޭސީއެލްއިން ވެސް ވަނީ އެ އެގްރިމަންޓްގެ ދަށުން ދޫކޮށްލައިފަ އެވެ.

ނަމަވެސް މިރޭ ސްޕްރީމްކޯޓުން ނެރުނު ބަޔާނުގައި ބުނަނީ ކޮންޓްރެކްޓެއްގައި ހިމެނޭ އާބިޓްރޭޝަން ކްލޯސް އެއްގެ ދަށުން ދިވެހިރާއްޖޭގެ ކޯޓުތަކުން ބޭރު ފަރާތަކަށް މައްސަލައެއް ހައްލުކުރުމުގެ އިޙްތިޞާޞް އޮތުމަކީ އެ ކޮންޓްރެކްޓްގެ ޤާނޫނީ ހައިސިއްޔަތާމެދު ނުވަތަ އެ ކޮންޓްރެކްޓްގައި ހިމެނޭ ކަމަކާމެދު ގޮތެއް ކަނޑައެޅުމުގެ ޑޮމެސްޓިކް ޖޫރިސްޑިކްޝަން އޮންނަންޖެހޭ ކޯޓުގައި އެފަދަ މައްސަލައެއް ބެލުމަށް ޤާނޫނީ ގޮތުން ހުރަސްއެޅޭނެ ކަމެއް ނޫންކަމަށެވެ.

ޖީއެމްއާރުން ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓަށް ވައްދާފައިވާ އޭޑީސީގެ 25 ޑޮލަރުގެ މައްސަލަ ނިމެންދެން ރާއްޖޭގެ ކޯޓެއްގައި އެ އެގްރިމެންޓްގެ މައްސަލައެއް ކުރިއަށް ގެންގޮސްފި ނަމަ އެގްރިމަންޓްގެ ބާރު ކެނޑޭނަމަ ކަމަށް ބުނެ އެކަމާ ގުޅޭ މައްސަލައެއް ކުރިއަށް ނުގެންދަން ސިންގަޕޫރުގެ ހައިކޯޓުން ވަނީ އެމްއޭސީއެލްގެ މައްޗަށް ވަގުތީ އަމުރެއް ނެރެފަ އެވެ.

އެ އަމުރާ ގުޅިގެން އޭޑީސީގެ ފައިސާ ކޮންސެޝަންފީން އުނިކުރަން އެއާޕޯޓސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ކުރީގެ ޗެއާމަން ޖީއެމްއާރަށް ހުއްދަދެއްވި ސިޓީ ބާތިލް ކުރަން ސިވިލް ކޯޓަށް އެމްއޭސީއެލްއިން ވެއްދި މައްސަލަ މަޑުޖެހިފައި އޮތީވެސް އެ ސަބަބާއި ހުރެ އެވެ.

ސިންގަޕޫރުގައި އާބިޓްރޭޓް ކުރާގޮތަށް އަދި އިނގިރޭސި ގާނޫނަށް އަމަލުކުރާގޮތަށް ސަރުކާރުން މީގެ ކުރިން ކޮށްފައިވާ އެގްރިމަންޓްތަކުގެ ތެރޭގައި އެއާމޯލްޑިވްސްގެ އެގަރިމަންޓާއި މާލޭ ސަރަހައްދުގެ ކުނި ނައްތާލުމަށް ޓަޓްވާ ގްލޯބަލްއާ އެކު ކުރި އެގްރިމަންޓާއި އަދި ނެކްސް ބިޒުގެ ބޯޑާ ކޮންޓްރޯލް އެގްރިމަންޓް ހިމެނެ އެވެ.