އެތެރެއިން: ސަރުކާރުން މި އުފަންކުރީ އަމިއްލަ ހަލާކު؟
އެތެރެއިން: ސަރުކާރުން މި އުފަންކުރީ އަމިއްލަ ހަލާކު؟

މާފަންނު ކޮޅުން އެ ފެށީއަކީ އާދައިގެ ކަމެއް ނޫނެވެ. މި ވަގުތު މި ރާއްޖޭގައި ތިއްބެވި އެންމެ ނުފޫޒު ގަދަ ސިޔާސީ ތިން ލީޑަރުން އެ ތިއްބެވީ އެއް މޭޒެއްގެ ދޮށުގައެވެ. ދެބަސްވުމުގެ ތެރެއިން ތިމަންމެން މިތިބީ އެއްބަސްވުމެއް ހަދައިގެންނޭ ވިދާޅުވެއެވެ. ތިން ރައީސުން އަތާއި އަތް ޖޯޑުކުރައްވާ، އަތްޕުޅު ހިތްލަވާލައްވާ އެ ނެންގެވި ފޮޓޯއަކީ މި ސަރުކާރުގެ އެންމެ ބޮޑު އިމްތިހާނެވެ.

އެ ބޭފުޅުން އެ ކަޅިއަޅުއްވަނީއަކީ 2028 އަކަށް ނޫނެވެ. ޔަގީނެވެ.

"ރިޔާސީ އިންތިޚާބަކީ ފަހުގެ ކަމެއް. އެ މަޝްވަރާއެއް ނުކުރަން،" މި ސާފު ޖަވާބު ތިން ރައީސުން އެކުގައި ތިއްބަވައިގެން ދެއްވިއެވެ. އެކަމަކު، މިހެން މި ދެންނެވީ އެ ވާހަކައަށް އިތުބާރުކޮށްފައެއް ނޫނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަޕޯޓަރުންނެއް އެމްޑީޕީއަކާ ނުރުހޭނެއެވެ. ހަމަ އެ ގޮތަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަޕޯޓަރުންނެއް ޔާމީނަކާ އެއްބަހެއް ނުވާނެއެވެ. އެއީ، ތެލާއި ފެނެވެ. އެކެއް ނުވާނެއެވެ. މި ރާއްޖޭގައި މި ވަގުތު ތިއްބެވި އެންމެ ދޮށީ ސިޔާސީ ބޭފުޅުންގެ ހައިސިއްޔަތުން އެ ތިން ރައީސުންނަށް އެ ހަގީގަތް އެނގިވަޑައިގަންނަވާނެއެވެ.

ތިން ރައީސުން ވިދާޅުވީ ކީކޭ ހެއްޔެވެ؟

"އިނަފް އިޒް އިނަފް." އެވެ. ދުލެއް ނުދޭނަމެވެ. ހުއްޓުމެއް ނެތި 'ރިލެންޓްލެސް'ކޮށް މި ސަރުކާރަށް ޕްރެޝަރު ކުރާނަމެވެ. މާނައަކީ ކުރަން އެ އުޅެނީ މުޅިން އެހެން ކަމެކެވެ. ތިން ބޭފުޅުންގެ ކެމްޕޭނެއް ނޫނެވެ. މި ސަރުކާރު ބަލިކުރަން ވަކިވަކިން ކުރެއްވި މަސައްކަތް އެކުގައި ކުރައްވަނީއެވެ.

އެ ބޭފުޅުން ޖެއްސެވި ހިސާބެއް ނޭނގެއެވެ. އެނގޭ ކަމަކީ، ޔަގީންވާ ކަމަކީ މިއީ ބިޔަ ބޮޑު ފުރޮޅުމެއް ކަމެވެ.

މިއީ ރައީސް މުއިއްޒު އަމިއްލަފުޅަށް ހެއްދެވި ގޯހެއް

މި ހިނގައިގެން އުޅޭ ކަންތައްގަނޑު (ކޯޓު އަމުރެއް ނެރެގެން ދެއްކުން މަނާކޮށްފައި އޮތް ވާހަކަ) މިހާރު ނުއިވޭ މީހަކު ހުންނާނެ ހެއްޔެވެ؟ ރާއްޖޭގައި އެކަންޏެއް ނޫނެވެ. ދިވެހިރާއްޖޭގެ ކަންކަން ބަލައި ބޭރު މީހުންނަށް ވެސް ފެންނާނެހެން ވަރަށް ތަފުސީލުކޮށް ދުނިޔޭގެ ބޮޑެތި ނޫސްތަކުގައި މި ހާދިސާ އެބައޮތެވެ. އެކަމަކު، އެއީ އެ ވީޑިއޯއެއް އާންމުކުރި ނޫހުގެ ކުށެއް ވެސް ނޫނެވެ.

"ފުރަތަމަ ވީޑިއޯ އާންމުކުރީއިރު އަހަރެންނަކަށް ނޭނގޭ. ހިނގައިގެން އުޅޭ ކަންތައް އެނގުނީ ނޫހަކަށް ފުލުހުން ވަތް ވާހަކަ އަޑުއެހީމާ،" މިއީ ސިޔާސީ އެއްވެސް ކަމެއް ނުބަލާ، ވަރަށް ހިމޭންކޮށް އުޅޭ ރައްޓެއްސަކު ދެއްކި ވާހަކައެކެވެ.

އެއީ ތެދެކެވެ. މި މައްސަލަގަނޑަށް މިހާ ބޮޑު ސަމާލުކަމެއް، މަޝްހޫރު ކަމެއް ދިނީ ސަރުކާރުންނެވެ.

ފުރަތަމަ ގޯހަކީ މި ކަމުގައި ކޯފާ އިސްކުރެއްވުމެވެ. އެ މައްސަލައިގައި ނޫސްވެރިއަކު ސުވާލުކުރުމުން އެ ނޫހަށް އެރޭ ފުލުހުން ވަދެގަތެވެ. އަދަދުގެ ސީއީއޯ ހުސައިން ފިޔާޒް މުސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު އެރޭ ހިފެހެއްޓިއެވެ. އެއްވެސް މީހަކަށް ނޭނގި ހުއްޓާ، ޒުވާން 23 އަހަރުގެ އަންހެން ކުއްޖެއްގެ ޕާސްޕޯޓު ވެސް ހިފެހެއްޓިއެވެ. އެ ހިސާބުން މިވީ ބޮޑު ކަންތައްގަނޑަކަށެވެ.

ދުނިޔޭގެ ކަޅި ވެސް ހުއްޓިއްޖެއެވެ. އެ ހިސާބުން ނުލާހިކު ތަފުސީލުކޮށް، މިލިއަން މީހުން ކިޔާ ދުނިޔޭގެ ބޮޑެތި މީޑިއާތަކުގައި އެ ވާހަކަދައްކައިފިއެވެ.

ދެން ކަންވީ ކިހިނެއް ހެއްޔެވެ؟ އެ މައްސަލައިގައި ހިމެނޭ މީހުން ފުލުހަށް ހާޒިރުކުރަން ފެށީއެވެ. ހުރިހާ ދިވެހި ނޫހެއްގެ ސުރުޚީގައި ސަރުކާރުން އަމިއްލައަށް އެ ވާހަކަ ޖެއްސެވީއެވެ. ގާނޫނީ ވަކީލުން ވެސް މީޑިއާތަކަށް ބަޔާންތައް ދެއްވާ، ދިފާއީ ތަފުސީލުތައް ހާމަކުރަން ފެއްޓެވީއެވެ. އަސްތާ، މި ހެދުނީ ގޯހެއްކަން ދެނެގަނެވުނީ އެ ވާހަކަދައްކާނެ ވަރަކަށް ދައްކާ ނިމުމުންނެވެ. ކޯޓު އަމުރެއް ވެސް މުޅި ދިވެހި އުންމަތަށް ނެރުނީ ގެރި މަރުވި ފަހުންނެވެ. އަމުރާ ޚިލާފުވި ކަމަށް ކަނޑައަޅާ، ދެ ނޫސްވެރިން ޖަލަށް ވެސް ލައިފިއެވެ. ދެވަނަ ފަހަރަށް ދުނިޔޭގެ ބޮޑެތި މީޑިއާތަކުގައި މި ވާހަކައިގެ ސުރުޚީ ވެސް އަޅާލީއެވެ. ބޮޑު 'ސްކޭންޑަލް'އަކަށް ބަދަލުކޮށްލީއެވެ.

"މިއީ ހައްތަހާ ވެސް އަމިއްލައަށް ރުޅި އިސްކުރެއްވުމުން ދިމާވި ކަންތައްތައް ކަމަށް ފެންނަނީ،" ސިޔާސީ ދާއިރާގައި ވިއްސަކަށް އަހަރު ދުވަހުގެ ތަޖުރިބާ ހުންނެވި ބޭފުޅަކު، އޭނާގެ ކޮމެންޓްރީ ދެއްވިއެވެ.

އެއީ ތެދެކެވެ. ސިޔާސީ އިލްމުގައި މިއަށް ކިޔަނީ 'ރިޕްރެޝަން ޕެރަޑޮކްސް'އެވެ. ސަރުކާރުން ކަމެއް ފަސްއަޅައި ފޮރުވަން މާ ބޮޑަށް އުޅުނީމާ އެ ވާހަކަ އާންމުވަނީއެވެ. މާ ބޮޑަށް ތިލަވަނީއެވެ. ކޯޓު އަމުރެއް ނެރުމުން އެ ވާހަކަ ނުދައްކާނެ ކަމަށް ސަރުކާރުތަކަށް ހީވުން އެއީ ވަރަށް ބޮޑު ގޯހެކެވެ. މާރަންދޫ ގޮނޑުދޮށުގައި އިން ޖޯއްޔެއްގައި އިނދެ މީހަކު ދައްކާ ވާހަކައެއް ކޯޓަށް އެނގޭނެ ހެއްޔެވެ؟ ހުއްޓުވޭނެ ހެއްޔެވެ؟

ސިޔާސީ އިލްމުވެރިން ވިދާޅުވާ ގޮތުގައި އެކަން އެހެންވާ ސަބަބަކީ ކުރިން އެއީ ތެދެއްހޭ ކުރި ސުވާލު، ސަރުކާރުން މިހެން މި އަމަލުކުރަނީ ކީއްވެތޯއަށް ބަދަލުވާތީއެވެ.

އެމެރިކާގައި މަޝްހޫރު ލަވަކިޔުންތެރިޔާ ބާބަރާ ސްޓްރެއިސޭންޑް އޭނާގެ ގޭގެ ފޮޓޯ މީހުންނަށް ފެނިދާނެތީ އުޅުނުވަރުން ކަންވީ މި ގޮތަށެވެ. އެތައް މިލިއަން މީހުންނެއްގެ ނަޒަރު އެ ގެއަށް ހުއްޓުނީއެވެ. މަޝްހޫރު އެ ހާދިސާއަށް ފަހު މިހާރު ކިޔައި އުޅެނީ ވެސް ސްޓްރެއިސޭންޑް އިފެކްޓެވެ. މިއީ ސަރުކާރުގައި ތިއްބެވި ކޮމިއުނިކޭޝަންސް އެކްސްޕާޓުންނަށް ދެނެގަނެވެންވާނެ ކަންކަމެވެ.

ވިސްނާލަ ބަލާށެވެ. އަޅައިނުލި ނަމަ މި ވަރަށް މި މައްސަލަ ވައިގައި ހިފީސް ހެއްޔެވެ؟ ކޮންމެ ރެއަކު މަޖީދީމަގުން އެ ވާހަކަ ގޮވާނެ ހެއްޔެވެ؟

އެ އުފެއްދީ 'އަމިއްލަ ހަލާކު'؟

މި ސަރުކާރަށް ލިބުނު އެންމެ ބޮޑު ނަސީބަކީ އިދިކޮޅެއް ނެތުމެވެ. އެމްޑީޕީއަށް އެންމެ ރަނގަޅަށް އެ ޒިންމާ ނުނެގުމެވެ. ކުރީގެ ރައީސް ޔާމީން ބާއްވަވާ 'ސިޓިން ރޫމް ޖަލްސާ' ފިޔަވާ، މާ ބޮޑު ކަމެއް ގައުމުގައި މި ފާއިތުވި ދުވަސްތަކުގައި ނެތެވެ. އެމްޑީޕީ އޮތީ އެތެރޭގެ ގަދަހިފުމެއްގައި ޖެހިފައެވެ. އެ ޕާޓީގެ މަޖިލީސް މެންބަރުން ތިއްބެވީ 'އޮޅިގެން' ސަރުކާރަށް އާނއެކޭ ވިދާޅުވެވޭ ހިސާބުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުލް ކޮންޓްރޯލް އެބައޮތެވެ. ވިދާޅުވެއްޖިއްޔާ އަމިއްލަ ކަރުގައި ވަޅިއަޅަން ވެސް އެ މެންބަރުން ފަހެއް ނުޖެހޭނެއެވެ. ކެބިނެޓުގައި އެ ތިއްބެވީ ވިދާޅުވީމާ ސުވާލެއް ކުރައްވާނެ ބޭފުޅުންނެއް ނޫނެވެ. ޕާޓީގެ ތެރޭގައި 'ގަދަ ހަދައިގެން' ފާޅުގައި ބޭފުޅަކު ނޫޅުއްވައެވެ. ރީތިކޮށް، އޮމާންކޮށް، ސާދާ ވެރިކަމެއް ކުރައްވަން ބޭނުންފުޅު ނަމަ، އެ ފުރުސަތު ކިހާ ބޮޑަކަށް އެބައޮތް ހެއްޔެވެ؟

އެ ފުރުސަތު ނަގައިލީ ރައީސް އަމިއްލަފުޅަށެވެ. ދެ ނޫސްވެރިން މާފުށީ ޖަލަށްލެއްވީއިރު، ވިސްނިވަޑައިނުގަތީ ކަމަށް ވެސް ވެދާނެއެވެ. އެކަމަކު، ދިވެހި ސިޔާސީ ތާރީޚު އޮޅޭހާ ރައީސް 'ޒުވާނެއް' ނުވާނެތާއެވެ. ރައީސްގެ އަމިއްލަފުޅު އަތްޕުޅުން އެ ވަނީ އިދިކޮޅު ކޯލިޝަނެއް އުފަންކުރައްވާފައެވެ. ހަގީގަތުގައި ކޯލިޝަނެއް ވެސް ނޫނެވެ. 'ގޭންގެ'ކެވެ.

"ކޮން ބޭނުމެއްހޭ އޮތީ ނޫސްވެރިން ހައްޔަރުކުރަން؟ ކޮބާހޭ ވާ ފައިދާއަކީ؟ އެ ވާހަކަ ދެއްކުން ހުއްޓިއްޖެ ހެއްޔޭ؟ އޭގެ ބަދަލުގައި އިދިކޮޅުގައި ކުރިން ވަކިވަކިން އެކަކު އަނެކަކާ މޫނު ދިމާނުކޮށް ތިއްބެވި އެންމެ ނުފޫޒު ގަދަ ތިން ލީޑަރުން އެ ތިއްބެވީ އަތް ގުޅުވާލައިގެން،" ރައީސްގެ އަރިހުގައި މަސައްކަތްކުރައްވާ ޕީއެންސީގެ މެންބަރަކު އޭނާގެ ޚިޔާލު ދެއްވިއެވެ.

އެއީ ކަންވީ ގޮތެވެ. ސިޔާސީ ގޮތުން ސަރުކާރުން މި ބޮނޑި ބުއީ އަމިއްލައަށެވެ.

ކުރީގެ ތިން ރައީސުން އެކުގައި: އެހާ ފިކުރު ތަފާތު ތިން ބޭފުޅުން އެކުވުމުން ދޭހަކޮށްދެނީ ސިޔާސީ ބޮޑު ފުރޮޅުމެއް --- ސަން ފޮޓޯ/ އަބްދުﷲ ޝާތިއު

މާޒީގެ ސަފުހާތައް ކިތަންމެ ވަރަކަށް ނިއުޅި ނަމަވެސް ތިން ރައީސުން އެކުވުމުން ނުކުންނަ މޮމެންޓަމް މާ ވަރުގަދަ ވާނެއެވެ. އެ އުފެދުނީ އިދިކޮޅު އިއްތިހާދެކެވެ. ތިން ބޭފުޅުން ވެސް އެދޭނީ މި ވެރިކަން ނިމުމަށެވެ. ވީހާ ވެސް އަވަހަކަށެވެ. އެ ކަމަށް އެ ތިބީ އެއްބަސްވެގެންނެވެ. އެއްވެސް އިދިކޮޅު ޕްރެޝަރެއް ނެތި ކޮށްލަން ލިބުނު ވެރިކަމެއް، އަމިއްލައަށް ހަލާކުކޮށްލަނީ ނޫން ހެއްޔެވެ؟

އެ ކަމާ ސަރުކާރަށް ގުޑުންވާނެއެވެ. ވެއްޖެއެވެ. ތިން ރައީސުންގެ ވާހަކަ އިވުމާއެކު، ރެޔާއި ދުވާލު އެ މޫވްމަންޓް ޑިސްކްރެޑިޓްކުރުން ނޫން ކަމެއް ނުކުރެއެއް ނޫންހެއްޔެވެ؟ މަގާމުތަކުގައި ތިއްބެވި އެންމެން އެ ތިއްބެވީ ޑިފެންސަށް ނެރެފައެވެ. ސަރުކާރު ޕާޓީގެ ޖަގަހައިގައި ހުންނަވައިގެން އިދިކޮޅު ވެރިންނަކީ 'ލާދީނީ' ބައެއް ކަމަށް ރައީސް މުއިއްޒަށް ވިދާޅުވާން ޖެހުމުން އެ ކަން ސާފުވެއެވެ.

އެކަމަކު، މި ހުރިހާ ކަމެއްގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް މުއިއްޒު ނޫން ވަކި ކާކު ހެއްޔެވެ؟

ކުޑަކުޑަ ކަމެއް މިހާ ބޮޑު 'ކްރައިސިސް'އަކަށް ހެއްދެވީ ރައީސްގެ އަތްޕުޅުންނެވެ. ގޯހަކަށް ފަހު ގޯހެއް ހައްދަވަމުންނެވެ. އެންމެ ފަހުން، ރައީސް މުއިއްޒު އަމިއްލަފުޅަށް އެ އުފެއްދެވީ މި ސަރުކާރުގެ ހަލާކެވެ. އެންމެ ބޮޑު ޑެމޭޖެވެ.