މާފިލާފުށިން: މުހައްމަދު ނަސީމު

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މެރިންކޯގެ ސިފައިންނަށާއި ކޯސްޓްގާޑްގެ ސިފައިންނަށް ތަމްރީނު ދިނުމަށް ބިނާކުރާ ކޮމްޕޮސިޓް ޓްރޭނިންގް ސެންޓަރުގެ ބިންގާ މިއަދު ޅ. މާފިލާފުށީގައި އަޅައިފި އެވެ.

ޅ. މާފިލާފުށީގައި މިހާރު ވެސް ހުރި މެރިންކޯ އަދި ކޯސްޓްގާޑް ޓްރޭނިން ސްކޫލް ސަރަހައްދުގައި ބިނާކުރާ ޓްރޭނިން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޑިފެންސް މިނިސްޓަރު އޭކޭ އެންތަނީ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެމްއެންޑީއެފް ޓްރޭނިން އެންޑް ޑޮކްޓްރިން ކޮމާންޑާ، ބްރިގޭޑިއަ ޖެނެރަލް އަބުދުﷲ ޝަމާލް ދެއްްކެވި ވާހަކަފުޅުގައި ވިދާޅުވީ މިއަދު ބިންގާއެޅި ސްކޫލް ވެގެން ދާނީ ޕްރޮފެޝަނަލްކޮށް ތަމްރީނުކުރާ އަދި އައިޑިއާ ބަދަލުކުރާ އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި އީއީޒެޑް ބެލެެހެއްޓުމުގައި ބަދަލުވަމުން އަންނަ ހާލަތާ ގުޅޭ ގޮތުން ހޯދުންތައް ހޯދާ ތައާރަފްކުރަން ޖެހޭ އާ ކަންތައްތައް ތައާރަފްކުރާ ތަނަކަށް ކަމަށެވެ.

"މިއިންސްޓްޓިއުޓް ހިނގަމުންދާނީ ހަމައެކަނި، އެމްއެންޑީއެފް ކޯސްޓްގާޑާއި މެެރިންކޯގެ އާއްމު ގާބިލްކަން އިތުރުކުރުމަށް އެހީތެރިވެދޭ މުހިއްމު ވަސީލަތެއްގެ ގޮތުގައެއް ނޫން. އެހެން ނަމަވެސް މިތަން ހަމަ މިތަން ވެގެންދާނީ ޕްރޮފެޝަނަލްކޮށް މީހުން ތަމްރީނު ކުރާ، އައިޑިއާ ބަދަލުކުރާ، އަދި އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދާއި އީއީޒެޑް ބެލެހެއްޓުމުގައި ބަދަލުވަމުންދާ ހާލަތްތަކާ ގުޅޭގޮތުން އާ ކަންތައްތައް ހޯދާ ތަނަކަށް،" ޝަމާލް ވިދާޅުވި އެވެ.

ޅ. މާފިލާފުށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރުގެ އިތުރުން ރާއްޖޭގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ޑީއެމް މުލޭއާއި އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ޝަސީކާންތު ޝަރުމާއާއި ސިފައިންގެ އިސް ބައެއް އޮފިސަރުން ބައިވެރިވަޑައިގެންނެވި އެވެ.

މާފިލާފުށީގައި މިއަދު ބިންގާއެޅި ޓްރޭނިން ސެންޓަރަކީ އިންޑިއާ ސަރުކާރުން ހަރަދުކޮށްގެން، ފިޔަވަހިތަކަކަށް ބަހާލައިގެން އިމާރާތްކޮށް ނިންމާ ގޮތަށް ހަމަޖެހިފައިވާ ސެންޓަރެކެވެ. އެތަން އިމާރާތް ކޮށްދިނުމަށް އިންޑިއާ ސަރުކާރާއި ދިވެހިސަރުކާރާ ދެމެދު އެއްބަސްވެފައި ވަނީ މިދިޔަ އަހަރު އެވެ.