އޯޒޯން ފަށަލަ ރައްކާތެރި ކުރަން އެކުލަވައިލި މުއާހަދާ "ދި މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔާ" އަށް 25 އަހަރު ފުރުން ރާއްޖޭގައި މިއަދު ކުލަގަދަ ކޮށް ފާހަގަ ކޮށްފި އެވެ.

މުއާހަދާއަށް 25 އަހަރު ފުރުން ފާހަގަ ކުރުން ސްކޫލް ކުދިންގެ ހަރަކާތް ތަކާއެކު މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ޝަރަފުވެރި ކޮށް ދެއްވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޒާހިރު (މީމުޒަވިޔަނި) ވިދާޅުވީ މި ދުވަސް ރާއްޖޭގައި މި ފާހަގަ ކުރީ ދުނިޔޭގެ އެހެން ޤައުމުތަކަށް ވުރެ ކުރީގައި "މޮންޓްރިއަލް ޕްރޮޓޮކޯލް" ގެ ކަންތައްތައް ތަންފީޒު ކުރާ ބަޔަކަށްވުމަށް ކަމަށެވެ.

"އަޅުގަނޑުމެން މި ދުވަސް ރާއްޖޭގައި މި ފާހަގަ ކުރަނީ ދުނިޔޭގެ އެހެން ހުރިހާ ޤައުމަކަށް ވުރެ ކުރީގައި މޮންޓްރިއަލް ޕްރޮޓޮކޯލް ކަންތައްތައް ތަންފީޒު ކުރަމުން އަންނަ ޤައުމަކަށް ވެ ތިބެ،" ޒާހިރު ވިދާޅު ވިއެވެ.

މި މުއާހަދާގައި ސެޕްޓެމްބަރު 16، 1987 ގައި ގާއިމުކުރުމުން 197 ގައުމަކުން އެ މުއާހަދާގައި ސޮއިކޮށްފައިވެ އެވެ.

މިއަދު ބޭއްވި ހަރަކާާތްތަކުގެ ތެރޭގައި ފެތުމުގެ މުބާރާތެއް ވެސް ހިމެނެ އެވެ. ހީލިއަމް އަޅާފައިވާ ނޫ ކުލައިގެ 25 ބޮޑު ފުއްޕާ ހަމާއެކު 25 ފެތުން ތެރިންގެ މާލެ ކައިރީި އޮންނަ ފުނަދޫ އިން ފެށިގެން ފަތާފައި މާލޭގެ ރަސްމީ ފާލަމަށް ނިންމާލި އިރު ފެތުން ތެރިން ނަށް މަރުހަބާ ދެންނެވުމަށް ރައީސުލް ޖުމްހޫރިއްޔާ އާއި އަނބި ކަނބަލުން އިލްހާމް ހުސެއިން ގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުން ވެސް ތިއްބެވި އެވެ.

ރޭހުގައި ބައިވެރިވި ފެތުންތެރިންނަކީ މޯލްޑިވްސް ސްވިމިން އެސޯސިއޭޝަނުން ހޮވި ފެތުންތެރިން ނެވެ.

މި ހަރަކާތްތަކުގައި ދުވަހާއި ގުޅޭގޮތުން އދ ގެ "އޯޒޯން ސެކްރެޓޭރިއެޓް" އިން ދުނިޔޭގެ "މޮންޓްރޯލް ޕްރޮޓޮކޯލް" ގައި ބައިވެރިވި ޤައުމު ތަކަށް ދޭ ހަނދާނީ ފިލައެއް އދ. ގެ ފަރާތުން ރާއްޖެއަށް ދިނެވެ. ފިލައާ ހަވާލުވެ ވަޑައިގެންނެވީ ރައީސުލް ޖުމްހޫރިއްޔާ އެވެ.

ދުނިޔެއަށް އައިސްފައިވާ ސިނާއީ އިންގިލާބުގެ ތެރެއިން ޖައްވަށް ބޭރުވަމުން ދާ ގްރީން ހައުސް ގޭހުގެ އިތުރުން އެކި ބާވަތް ބާވަތުގެ ކެމިކަލާއި ވިހަ ގޭސް ތަކުގެ ސަބަބުން އޯޒޯން ފަށަލަ އަށް ބޮޑެތި ގެއްލުން ތައް ލިބި ދުނިޔެ މި ވަނީ ނުރައްކަލާއި ކުރިމަތިވެފަ އެވެ.