ކޮންޓްރެކްޓަކާ ގުޅޭ އާބިޓްރޭޝަންގެ މައްސަލައެއް ރާއްޖެއިން ބޭރުގައި ހިނގަމުން ދިޔުމަކީ އެ ކޮންޓްރެކްޓްގެ ގާނޫނީ ހައިސިއްޔަތާމެދު ނޫނީ އެ ކޮންޓްރެކްޓްގައި ހިމެނޭ ކަމަކާމެދު ރާއްޖޭގެ ކޯޓަކުން ގޮތެއް ކަޑައަޅަން ގާނޫނީ ގޮތުން ހުރަސްއަޅާ ކަމެއް ނޫންކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.

ސުޕްރީމް ކޯޓުން މިރޭ އާންމުކުރި ބަޔާނެއްގައި ބުނަނީ ކޮންޓްރެކްޓެއްގައި ހިމެނޭ އާބިޓްރޭޝަން ކްލޯސް އެއްގެ ދަށުން ދިވެހިރާއްޖޭގެ ކޯޓުތަކުން ބޭރު ފަރާތަކަށް މައްސަލައެއް ހައްލުކުރުމުގެ އިޙްތިޞާޞް އޮތުމަކީ އެ ކޮންޓްރެކްޓްގެ ޤާނޫނީ ހައިސިއްޔަތާމެދު ނުވަތަ އެ ކޮންޓްރެކްޓްގައި ހިމެނޭ ކަމަކާމެދު ގޮތެއް ކަނޑައެޅުމުގެ ޑޮމެސްޓިކް ޖޫރިސްޑިކްޝަން އޮންނަންޖެހޭ ކޯޓުގައި އެފަދަ މައްސަލައެއް ބެލުމަށް ޤާނޫނީ ގޮތުން ހުރަސްއެޅޭނެ ކަމެއް ނޫން ކަމަށެވެ.

އަދި ރާއްޖެއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އަދި އދ. ގެ ޗާޓަރާ އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަ މިނިވަންކަމާއި ސިޔާދަތު ލިބިގެންވާ މިނިވަން މުސްތަޤިއްލު ދައުލަތަކަށްވެފައި، މިނިވަންކަމާއި ސިޔާދަތު ލިބިގެންވާ މުސްތަޤިއްލު ދައުލަތެއްގެ ސިޔާދަތީ އެއްވެސް ޙައްޤަކަށް އެއްވެސް ސިފައެއްގައި އުނިކަމެއް އަތުވެދާފަދަ ޢަމަލެއް ކުރުމަކީ ނުވަތަ ނިންމުމެއް ނިންމުމަކީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ. ގެ ޗާޓަރު މަނާކުރާ ކަމެއް ކަމަށްވެސް ސުޕްރީމް ކޯޓުން ބުންޏެވެ.

"... މިފަދަ އެއްވެސް ޙައްޤަކަށް ހުރަސްއެޅިދާފަދަ ގޮތަކަށް ޢަމަލުކުރުމަކީ އ.ދ ގެ ޗާޓަރުގައި ކަނޑައެޅި ބަޔާންވެފައިވާ ޕްރިންސިޕަލް އޮފް ސޮވެރިންގ އީކުއަލިޓީ (principle of sovereign equality) އާއި، ޕްރިންސިޕަލް އޮފް ނޮން އިންޓަރވެންޝަން ވިތިން ޑޮމެސްޓިކް ޖޫރިސްޑިކްޝަން (principle of non intervention within domestic jurisdiction) އާއި ޕްރިންސިޕަލް އޮފް ސެލްފް ޑިޓަރމިނޭޝަން ރައިޓްސް (principle of self determination rights) އާ ޚިލާފު ކަންތައްތަކެއްކަން އެނގެން އޮންނާތީ ޑޮމެސްޓިކް ޖޫރިސްޓިކްޝަން އޮންނަންޖެހޭ ކޯޓުގައި މައްސަލަ ބެލުމުގެ ޙައްޤަށް ހުރަސް އެޅިދާފަދަ ގޮތަކަށް އެއްވެސް ނިންމުމެއް ނިންމުމުގެ ބާރު ބޭރުގެ އެއްވެސް ފަރާތަކަށް ލިބިގެންނުވެއެވެ،" ސުޕްރީމް ކޯޓުގައި ބަޔާނުގައިވެ އެވެ.

ކޮންމެ ޤައުމަކީވެސް އެ ޤައުމެއްގެ ސަރަޙައްދުގެ ތެރޭގައިވާ މީހުންނާއި، ހިނގާ ކަންތައްތަކާއި، ހުރިނަމަ ހުރި ތަކެއްޗެއްގެ މައްޗަށް އެ ޤައުމެއްގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި އެ ޤައުމެއްގެ ކޯޓުތަކުގެ އިޚްތިޞާސް ހިނގާނެ ޤައުމެއް ކަމަށް ވެސް ބަޔާން ބުނެ އެވެ.

ސުޕްރީމް ކޯޓުން އެގޮތައް ބަޔާނެއް ނެރެފައި މިވަނީ ޖީއެމްއާރުން ސިންގަޕޫރުގެ އާބިޓްރޭޝަން ސެންޓަރަށް ވައްދާފައިވާ އޭޑީސީގެ 25 ޑޮލަރުގެ މައްސަލަ ނިމެންދެން ރާއްޖޭގެ ކޯޓެއްގައި އެ އެގްރިމެންޓާ ގުޅޭ މައްސަލައެއް ކުރިއަށް ގެންގޮސްފިނަމަ އެގްރިމަންޓްގެ ބާރު ކެޑޭނަމަ ކަމަށް ބުނެ އެކަމާ ގުޅޭ މައްސަލައެއް ކުރިއަށް ނުގެން ދިޔުމަށް ސިންގަޕޫރުގެ ހައިކޯޓުން ވަގުތީ އަމުރެއް ނެރެފައި ވަނިކޮށެވެ.

އެ އަމުރާ ގުޅިގެން އޭޑީސީގެ ފައިސާ ކޮންސެޝަންފީން އުނިކުރަން އެއާޕޯޓސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ކުރީގެ ޗެއާމަން ޖީއެމްއާރަށް ހުއްދަދެއްވި ސިޓީ ބާތިލް ކުރަން ސިވިލް ކޯޓަށް އެމްއޭސީއެލްއިން ވެއްދި މައްސަލަ މިހާތަނަށް ކުރިއަށް ނުގޮސްފައި އޮތީ އެ އަމުރާ ގުޅިގެން ކަމަށް ސަން އޮންލައިންއަށް ވަނީ އެނގިފަ އެވެ.

ނަމަވެސް ސުޕްރީމްކޯޓުން މިރޭ ނެރުނު ބަޔާނުގައި ބުނަނީ؛ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ދިވެހިރާއްޖޭގެ ކޯޓުތަކަށް ލިބިގެންވާ އިޙްތިޞާޞްތަކުގެ ދަށުން މައްސަލަތައް ބެލުމާއި ނިންމުމަށް އެކޯޓުތަކަށް ލިބިގެންވާ ބާރާއި އިޚްތިޔާރަށް އެފަދަ އެއްވެސް ނިންމުމެއްގެ ސަބަބުން ހުރަސްއެޅިގެން ނުވާނެތީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ބާރު ހިނގާ އެންމެހައި މީސްތަކުންނާއި ތަންތަނާއި ތަކެތީގެ މައްޗަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ އިޚްތިޞާޞް ހިނގާނެކަން ކަށަވަރުކޮށްދިނުމަށްޓަކައި ދިވެހި ދައުލަތުގެ އެކިއެކި ކަންކަމާ ޙަވާލުވެތިބި ފަރާތްތަކާއި ދިވެހި ރައްޔިތުންނަށް އަންގާ." ކަމަށެވެ.