ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މާލިއްޔަތު ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތަކުގެ ތެރެއިން ހަތަރު މާއްދާއެއް ގާނޫނު އަސާސީ އާ ތައާރަޒުނުވާ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކުރީ މާލިއްޔަތު ގާނޫނުގެ ހަތް ވަނަ މާއްދާ އާއި 10 ވަނަ މާއްދާގެ (ހ) އާއި 34 ވަނަ މާއްދާ ގާނޫނު އަސާސީއާ ތައާރަޒްވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ނަޝީދުގެ ސަރުކާރުގެ ބަންޑާރަނައިބު 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ މައްޗަށް ރައްޔިތުން ތަމްސީލުކުރާ މަޖިލީހުގެ ވިލާޔަތާއި ބެލެނިވެރިކަން އޮތުމަކީ މިޒަމާނުގެ އެންމެހާ ދިމިގްރާތީ ނިޒާމްތަކުގައި އިސްތިގުރާރު ވެފައިވާ އާންމު މަބްދައެއް ކަމަށެވެ. އެގޮތުން މާލީ ފަންކްޝަންތަކުގެ ތެރޭގައި ދައުލަތުގެ ބަޖެޓާއި މާލީ ހިސާބުތައް ފާސްކުރުމާއި ޓެކްސްތަކާއި ފީތައް ކަނޑައެޅުމާއި ދައުލަތުން ނަގާ އާންމު ލޯނުތަކާއި ދައުލަތުގެ ހަޒާނާއިން ހަރަދުކުރަން ޖެހިދާނެ ފަދަ މާލީ ކޮމިޓްމެންޓުތަކަށް އެއްބަސްވުމާއި، ދައުލަތުގެ މިލްކުގައި ހިމެނޭ ތަކެތި ހިލޭ ދޫކޮށްލުމާއި ދައުލަތުގެ މިލްކުގައި ހިމެނޭ ތަންތަން "އިމްތިޔާޒު" ނުވަތަ "ކޮންސެޝަން" އުސޫލުން ހިންގަން ދިނުމަށް އެއްބަސްވުމާއި ދައުލަތުގެ ހަޒާނާ އިން މީހުންނަށް މުސާރަ ދިނުމާއި ބަދަލު ދިނުމާއި ޕެންޝަން ފަދަ މާލީ ކަންތައް ތަންޒީމުކުރުން ހިމެނޭކަން އެނގެން އޮތްކަމަށް އެ ހުކުމްގައި ވެއެވެ.

މީގެ އިިތުރުން ގާނޫނު އަސާސީގެ 96 ވަނަ މާއްދާ އާއި 97 ވަނަ މާއްދާ އަދި 250 ވަނަ މާއްދާގައި އެކަންކަން ޖުމުލަ ގޮތެއްގައި ޝާމިލުވެގެންވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

މާލިއްޔަތު ގާނޫނުގެ ފަސް ވަނަ މާއްދާ އަށް މަޖިލީހުން ގެނައި އިސްލާހުގައި ބުނަނީ ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ދައުލަތުގެ އެއްވެސް ކުންފުންޏަކުން އެއްވެސް ލޯނެއް ނަގަންވާނީ އެކަމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން މަޖިލީހުން އެކަން ފާސްކުރުމުން ކަމަށެވެ. އަދި ސަރުކާރުން އެއްވެސް ބާވަތެއްގެ ގެރެންޓީއެއް ދޭންވާނީ ނުވަތަ ދައުލަތުގެ މުދަލެއް ނުވަތަ އެއްޗެއް ރަހުނު ކުރަންވާނީ އެކަމަށް އެދި މަޖިލީހަށް ހުށަހަޅައި މަޖިލީހުން ފާސްކުރުމުން ކަމަށް ވެސް އެ މާއްދާގައި ބުނެފައި ވެއެވެ.

އެ ގާނޫނުގެ ހަތް ވަނަ މާއްދާގައި ބުނަނީ ދައުލަތުގެ މުދަލެއް އެއްވެސް ފަރާތަކަށް ދޭންވާނީ ނުވަތަ ކުއްޔަށް ދޭންވާނީ ނުވަތަ ދޫކޮށްލަން ވާނީ ނުވަތަ ދައުލަތުގެ ނަމުގައި ހިންގާ ވިޔަފާރި މުއާމަލާތަކާއި ގުޅިގެން އެއްވެސް ލުޔެއް، މަންފާއެއް، އެހީއެއް ނުވަތަ ސަބްސިޑީއެއް އެއްވެސް ފަރާތަކަށް ދޭންވާނީ ނުވަތަ ދިނުމަށް އެއްބަސްވާންވާނީ މަޖިލީހުން ފާސްކުރާ ގާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށެވެ.

އެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ދައުލަތުން ފައިސާގެ އެއްވެސް އެހީއެއް ދިވެހި ރައްޔިތަކަށް ނުވަތަ ވަކި ހާއްސަ ހާލަތެއް ދިމާވެފައިވާ ރައްޔިތުންތަކަކަށް ދޭންވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި ގާނޫނުގެ 34 ވަނަ މާއްދާގައި ބުނަނީ ބަޖެޓް ފާސްކުރާއިރު ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ރެކޮމެންޑޭޝަންތަކުގައި މަޖިލީހުން ފާސްކުރާ ރެކޮމެންޑޭޝަންތަކަށް އަމަލުކުރުމަށް ސަރުކާރަށް ލާޒިމްވާނެ ކަމަށެވެ.