މަސްތުވާތަކެތި އަތުގައި ބެހެއްޓި މީހަކު 22 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މަސްތުވާތަކެތި ބޭނުންކުރުމަށް އަތުގައި ބެހެއްޓުމާއި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓިކަން ޝަރީއަތަށް ސާބިތުވުމުން 22 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރީ މއ. ބެރެބެދިގޭ އަހުމަދު ފިރުޝާންގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ޑިސެމްބަރު 6، 2010 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ދިލްބަހާރުމަގުން އޭނާ ހިނގާފައި ދަނިކޮށް މަސްތުވާތަކެތި އޭނާ ގެންގުޅޭކަމަށް ޝައްކު ކުރެވިގެން އެވަގުތު މާލެތެރެ ޕެޓްރޯލް ކުރަން ހުރި ފުލުހަކު އޭނާ ހުއްޓުވި ކަމަށެވެ.

އެ ހުކުމްގައި ބުނަނީ އެވަގުތު ފުލުސް މީހާ އޭނާ ހުއްޓުވައި ހަށިގަނޑުބަލައި ފާސްކުރި އިރު އޭނާގެ ފަޓުލޫނުގެ ޖީބުން މަސްތުވާތަކެތި އަޅާފައިވާ 10 ރަބަރު ޕެކެޓް ފެނިފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެނގޭކަމަށެވެ. އަދި އެ ޕެކެޓްތަކުގައިވާ މަސްތުވާތަކެތި ތަހުލީލު ކުރިއިރު އޭގައި 0.1447 ގްރާމް ޑައިއެސިޓައިލް މޯފިން އާއި 0.0276 ގްރާމް އަލްޕްރަޒޮލަމް ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު ބުނާގޮތުން އޭނާގެ އަތުން ފެނުނު ޑައިއެސިޓައިލް މޯފިން އަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކު ބޭނުންކުރުމަށް އަތުގައި ބެހެއްޓި އެއްޗެއްކަމަށް ބެލެވެން ނެތް ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އެ ހުކުމްގައި ބުނަނީ އެ ހާދިސާ ހިނގިއިރު އަމަލުކުރަމުން އައި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގައި ޑައިއެސިޓައިލް މޯފިން އަތުގައި ބެހެއްޓުން މާނަކޮށްފައި ވަނީ މަނާކޮށްފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށް އަތުގައި ބެހެއްޓި ބެހެއްޓުމަށް ކަމަށްވާތީ އާއި އަދި އޭނާ އެކުށް ތަކުރާރުކޮށްފައިވާތީ އެ ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ ކަމަށެވެ. އަދި އޭނާގެ އަތުން ފެނުނު އަލްޕްރަޒޮލަމް ގެ ބަރުދަން އެބާވަތުގެ ބޭހެއް އެއްފަހަރާ ޑޮކްޓަރު ލިޔެދޭ މިންވަރަށް ވުރެ ގިނަވާތީ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.