16 Sep 2012, 17:42
ސަރުކާރުގެ ބައެއް މުއައްސަސާތަކުންނާއި ފުލުހުން ރާއްޖެ ޓީވީ އަށް އެއްބަރުލުން ނުދޭން ނިންމާފައިވާ މައްސަލާގައި ކޯޓުން ވަކިގޮތެއް ނިމެންދެން އެ މައްސަލާގައި ސަރުކާރާއި ނުވަތަ ފުލުހުނާ ވެސް އެއްވެސް މަޝްވަރާއެއް، މުއާމަލާތެއް ނުކުރާނެ ކަމަށް ރާއްޖެ ޓީވީން ބުނެފި އެވެ.
ފުލުހުން ރާއްޖެ ޓިވީ އަށް އެއްބާރުލުން ނުދޭ މައްސަލަ ހައްލުކުރުމަށް ޓަކައި މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) އިން ކޮމެޓީއެއް އެކުލަވާލައި ރާއްޖެ ޓީވީގެ ފަރާތުން މައުލޫމާތު ހޯދުމަށް ފޮނުވި ސިޓީގެ ޖަވާބެއްގެ ގޮތުގައި އެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އަބުދުލްﷲ ޔާމީން ސޮއިކުރައްވައި އެމްއެމްސީގެ ރައީސް އިބްރާހިމް ހަލީމަށް މިއަދު ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ މީޑިއާގެ ބެލެނިވެރި ފަރާތްތަކުން އެކަމަށް ނުކުޅެދުންތެރިކަމާ ހުރެ ރާއްޖެ ޓިވީން އެ މައްސަލަ ޝަރުއީ މަރުހަލާގައި ކުރިއަށް ގެންދާ ކަމަށާއި އެހެންކަމުން ސިވިލް ކޯޓްގައި ހިނގަމުންދާ އެ މައްސަލާގައި ކޯޓުން ވަކިގޮތެއް ނިމެންދެން އެ ސްޓޭޝަންގެ ފަރާތުން އިތުރު ވާހަކައެއް ނުދެއްކުމަށް ނިންމާފައިވާ ކަމަށެވެ.
"ރާއްޖެ ޓީވީ އަށް ފުލުހުނާއި ސަރުކާރުން އެއްބާރުލުން ނުދޭ މައްސަލާގައި މީޑިއާ ކައުންސިލުން އެކަށީގެންވާ ގޮތެއްގައި މަސައްކަތްތަކެއް ކޮށްފައިނުވުމާއި، މި މައްސަލައިގައި ތިޔަ ކައުންސިލުން އިހުމާވެފައިވާ ކަމަށް މި ސުޓޭޝަނުން ގަބޫލްކުރާތީ، ކުރިއަށް އޮތްތާގައި ވެސް މީޑިއާ ކައުންސިލުން އިހްލާސްތެރިކަމާ އެކު މަސައްކަތްކުރެވިދާނެ ކަމަކަށް ރާއްޖެ ޓީވީން ނުދެކެމެވެ." ރާއްޖެ ޓީވީން ފޮނުވާފައިވާ ސިޓީގައި ބުނެފަވެ އެވެ.
ރާއްޖެ ޓިވީން މިމޭރުމުން ވާހަކަ ދައްކަވާފައިވާ އިރު ސަރުކާރުގެ ބައެއް މުއައްސަސާތަކުން ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދޭތީ އެކަން ބަލައި އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ އެ މުއައްސަސާތަކާ ދެމެެދު މެދުވެރިއެއްގެ ދައުރު އަދާކުރަން މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އިން ވަނީ ކޮމެޓީއެއް ވެސް އެކުލަވާލަފަ އެވެ.
ރާއްޖެ ޓީވީން ފުލުހުނާ ބެހޭ ގޮތުން ދޮގު މައުލޫމާތް ފަތުރާކަމަށް ބުނެ، ފުލުހުން ވަނީ އެ ޓީވީ އަށް އެއްބާރުލުން ނެދޭން ނިންމައިފަ އެވެ.