ޑްރަގް ކޯޓު ހިންގުމަށް ސަރުކާރުން ދީފައިވާ ކުރީގެ އެންސްޕާ ހިންގި އިމާރާތުން ވައްކަން ކުރި ދެ މީހަކު އަރުވާލަން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އެ އިމާރާތުން ވައްކަން ކުރި ކަމަށް، މއ. ސީނަރީވިއު، އާދަމް ނަސީމާއި މ. ފެހިއައްސޭރި އަބްދުﷲ އަތީގު ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައި ވާތީ ވައްކަން ކުރިކަން އެދެ މީހުންގެ މައްޗަށް ސާބިތުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނަނީ މިއީ ނަސީމު ވައްކަން ކުރިކަން ޝަރީއަތަށް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށްވާތީ އޭނާ ތިން އަހަރަށް އަރުވާލަން ހުކުމްކޮށް އަދި މިއީ އަތީގު ވައްކަން ކުރިކަން ޝަރީއަތަށް ސާބިތުވާ ތިން ވަނަ ފަހަރު ކަމަށް ވާތީ އޭނާ ފަސް އަހަރާއި ހަ މަހަށް އަރުވާލަން ހުކުމް ކުރީ ކަމަށެވެ.

އެ އިމާރާތުން އެދެ މީހުން ވަގަށް ނަގާފައި ވަނީ ތިން ލަކުޑި ދޮރުފަތާއި ބިއްލޫރި ޖަހާފައި ހުރި އެލްމިނިއަމް ދޮރަކާއި ފްލައިވްޑް ފިލައަކާއި ތިން ދަނގަޑު ގޭޓެވެ.

އެ މައްސަލައިގައި އެ ދެ މީހުން ހައްޔަރު ކޮށްފައި ވަނީ މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 3:15 އެހާކަންހާއިރު ޕިކަޕެއްގައި އެތަކެތި ނީލަން ފިހާރައަށް ބާލަނިކޮށް ފެނިގެން ކަމަށް ފުލުހުން ބުންޏެވެ.

ހޯމް މިނިސްޓްރީން ބުނެފައި ވަނީ އަރުވާލަން ހުކުމް ކުރި ނަމަވެސް ރަށްރަށުގެ ކައުންސިލްތަކުން އެ މީހުން ބަލައި ނުގަންނާތީ މީހުން އަރުވާނުލެވޭނެ ކަމަށެވެ.

އަރުވާލަން ހުކުމް ކުރާ މީހުން އަރުވާލުމުގެ ބަދަލުގައި މިހާރު އޮންނަ އުސޫލަކީ ގޭބަންދަށް ބަދަލު ކުރާ ކަމަށް ވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.