ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް، "ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް" އަންނަ ޖުލައި މަހުގެ 27 ވަނަ ދުވަހު ފެށުމަށް ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ރާއްޖޭގެ ފުޓްބޯޅަ އޮނިގަނޑު މިހާރު ތަރުތީބުކުރެވިފައިވާ އުސޫލުން، ހަތަރު ރީޖަނަކަށް ބަހާލައިގެން ރަށްރަށަށް އަމާޒުކޮށްގެން އެފްއޭއެމް އިން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ.

މުބާރާތް ބަހާލާފައިވާ ހަތަރު ރީޖަނަކީ:

  • ނޯތު ރީޖަން: ހއ، ހދ، ށ، ނ، ރ، ބ، ޅ އަދި ކުޅުދުއްފުށި ސިޓީ.

  • ސެންޓްރަލް ރީޖަން: ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅު.
  • ސައުތު ރީޖަން: ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ.
  • މާލެ ރީޖަން: މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ކްލަބްތައް (ފުރަތަމަ، ދެވަނަ އަދި ތިންވަނަ ޑިވިޝަން).

ކޮންމެ އަތޮޅަކުން ވެސް އެންމެ ގިނަ ޓީމު ބައިވެރިވާ ރަށެއްގައި އަތޮޅު މުބާރާތް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ޒޯން ނުވަތަ ރީޖަނަލް ލީގުން ޖާގަ ލިބޭނެއެވެ

ކުޅުންތެރިންނާ ގުޅޭ ގަވާއިދު

  • އަތޮޅު ފެންވަރުގައި: ކުޅުންތެރިން ވާންޖެހޭނީ އެ ރަށެއްގެ ރަޖިސްޓްރީގައި ހިމެނޭ ދިވެހިންނަށެވެ. ކޮންމެ ޓީމެއްގައި އެއް ބިދޭސީ ކުޅުންތެރިއަކު ހިމެނިދާނެއެވެ.

  • ޒޯން/ރީޖަނަލް ފެންވަރުގައި: ޓީމު ލިސްޓަށް ބަދަލު ގެނައުމުގެ ފުރުސަތު ލިބޭނެއެވެ. މި މަރުހަލާގައި އެއް ބިދޭސީ ކުޅުންތެރިއެއްގެ އިތުރުން، ރަށުން ބޭރު އެއް ދިވެހި ކުޅުންތެރިއަކު ޓީމުގައި ހިމެނިދާނެއެވެ.

މުބާރާތުގެ ނަތީޖާއާއި ކުރިއަށް އޮތް ފުރުސަތުތައް
ކޮންމެ ރީޖަނެއްގެ ޗެމްޕިއަން ޓީމު ފުޓްސަލް ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. އަދި މި ހަތަރު ރީޖަނުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ މުބާރާތުން މުޅި ރާއްޖޭގެ ޗެމްޕިއަން ކަނޑައަޅާނެއެވެ. މީގެ އިތުރުން، ނެޝަނަލް ޗެމްޕިއަންޝިޕަށް ހޮވޭ ހަތަރު ޓީމަށް 2027 ވަނަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕުން ޖާގަ ކަށަވަރުވާނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން 7,000 ރުފިޔާގެ ފީއެއް ދައްކަންޖެހޭއިރު، ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އެފްއޭއެމުން މިއަހަރުގެ ކަލަންޑަރުގައި ހިމަނާފައިވާ އަންހެން އަދި ފިރިހެން ފުޓްސަލް މުބާރާތްތަކަށް ގާތްގަނޑަކަށް 2.3 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.