ވައިގަދަވުމުގެ ސަބަބުން ފުވައްމުލަކު ސިޓީ ބަންޑާރަކިޅީގެ ފާލަން މިއަދު ވަރަށް ބޮޑަށް ހަލާކުވެއްޖެއެވެ.

މޫސާ މުޙައްމަދު ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ހިއްސާކޮށްފައިވާ ވީޑިއޯއަކުން ފުވައްމުލަކު ކިޅީގެ ފާލަން ވަރަށް ބޮޑަށް ހަލާކުވެފައިވާ މަންޒަރު ފެނެއެވެ. އޭނާ ވަނީ އެ ވީޑިއޯ މެދުވެރިކޮށް އެކަން އެ ސިޓީގެ މޭޔަރުގެ ސަމާލުކަމަށް ގެނެސްފައެވެ.

އެ ކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ، ކިޅީގެ ފާލަން ހަލާކުވެފައިވަނީ ވިއްސާރައިގައި ރޭ ވައިގަދަވުމުގެ ސަބަބުން ކަމަށެވެ.

މޫސާ މުޙައްމަދު ހިއްސާކޮށްފައިވާ އެ ވީޑިއޯގައި ކިޅީގެ ބޯޑުވުކްގެ ރެއިލިންތަކުގެ ބައެއް ވެސް ވަރަށް ބޮޑަށް ހަލާކުވެފައި ހުރިއިރު، އެ ފާލަމުގެ ކޮޅުގައި މީހުންނަށް މަޑުކޮށްލެވޭނެ ގޮތަށް ހިޔާކޮށްފައިވާ ފުރާޅު ވެސް ވަނީ އެއްބައި ޗަސްބިމުގެ ތެރެއަށް ވެއްޓިފައެވެ.

ސިޓީ ކައުންސިލްގެ މެންބަރު އާމިނަތު އިނާޔާ ވިދާޅުވީ، އެތަން މަރާމާތުކުރުމުގެ މަސައްކަތް އަދި ފަށާފައިނުވާ ކަމަށެވެ. އަދި ބޮޑެތި ގެއްލުންތަކެއް ވިއްސާރައާ ގުޅިގެން ލިބިފައިވާކަން ފާހަގަކޮށް އިނާޔާ ވިދާޅުވީ، އެތަން މަރާމާތުކުރުމުގެ ކަންތައްތަކާ ގުޅިގެން އަދި ކައުންސިލުން މަޝްވަރާ ނުކުރާ ކަމަށެވެ.

ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ. އެ ގޮތުން، 19 މޭލާއި 24 މޭލަށް ވައިގަދަވެ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރުގެ ފެބުރުވަރީ މަހުގެ ކުރީކޮޅު ކިޅީގެ ރެއިލިންތައް ބަޔަކު ނައްޓާލައި، އެ ތަނަށް ގެއްލުންދީފައި ވެސް ވެއެވެ.

އެ ފަހަރު ކައުންސިލުން އާންމުކުރި ވީޑިއޯއެއްގައި ކިޅީގެ ވޯކްވޭ، ނުވަތަ ހިނގާފައި ދިއުމަށް ޚާއްސަ ސަރަހައްދުގައި ހަރުކޮށްފައި ހުރި ރެއިލިންތަކަށް ބަޔަކު ގެއްލުންދީ، ޗަސްބިމަށް އުކާލާފައިވާ މަންޒަރު ފެނެއެވެ. އޭރު ކައުންސިލުން ވަނީ ތަކުރާރުކޮށް ބަންޑާރަކިޅިއަށް ގެއްލުންދިނުމަކީ ހިތާމަވެރި ކަމެއް ކަމަށާއި އެ ތަނަށް ޒިޔާރަތްކުރާ ފަރާތްތަކުން އެ ތަނަށް ގެއްލުން ނުދިނުމަށް އިލްތިމާސްކޮށްފައެވެ.

ބަންޑާރަކިޅިއަކީ ދިވެހީންނާއި ފުވައްމުލަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް ތަނެވެ.