އެމްޑީޕީގެ ސިޔާސީ ހަރަކާތް ހިންގަމުން ގެންދާ އުސްފަސްގަނޑަށް މިދިޔަ މެއި މަހު ސިފައިނާއި ފުލުހުން އަރައި އެތަނުން ގެންދިޔަ ބައެއް ތަކެތި އެމްޑީޕީއާ މިއަދު ހަވާލުކޮށްފި އެވެ.

މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އުސްފަސްގަނޑުގައި ޖަހާފައިވާ އެމްޑީޕީގެ ކޭޕް ރޫޅާލައި އެތަނުގައި ހުރި ގިނަ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ސަލާމަތީ ބާރުތަކުން އެތަން ރޫޅާލުމުގެ މަސައްކަތް ކުރަމުން ގެންދިޔަ ދުވަހު ފުލުހުން އިއުލާންކޮށްފައި ވަނީ އުސްފަސްގަނޑުގައި އެއްވެސް ބައެއްގެ އެއްޗެއް ހުރި ނަމަ އެ އެއްޗަކާ ހަވާލުވުމަށެވެ. ނަމަވެސް އެމްޑީޕީއަކުން އެދުވަހު އެކަމަށް އިޖާބަދީފައެއް ނުވެ އެވެ.

އެމްޑީޕީން ބުނީ މިއަދު ފުލުހުން އެމްޑީޕީއާ ހަވާލުކުރި ތަކެތީގެ ތެރޭގައި ހިމެނެނީ އުސްފަސްގަނޑުން ގެންގޮސްފައިވާ 28 ދަގަނޑު ބެންޗާއި 18 ޕެލެޓާއި ހަތަރު މޭޒާއި އެއް ކަބަޑާއި ނޯޓިސް ބޯޑަކާއި 68 ފުޅިމަދުގަނޑާއި އެކި ސައިޒުގެ 12 ދަގަނޑު ހޮޅިއާއި އެންގަލް ދަގަނޑުބުރިއަކާއި ނޫކުލައިގެ ޕްލާސްޓިކް ގޮނޑިއެކެވެ. ނަމަވެސް އެއީ އުސްފަސްގަނޑުން ފުލުހުން ގެންދިޔަ ތަކެތީގެ ތެރެއިން ބައެއް ކަމަށާއި އެމްޑީޕީގެ ގާނޫނީ ޓީމުން އެކަމާ މެދު މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމާނެ ކަމަށެވެ.

މެއި 29 ވަނަ ދުވަހުގެ ރޭ އުސްފަސްގަނޑު ރޫޅާލުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން ކުރަމުންދަނިކޮށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައި ވަނީ އެތަން ރޫޅާލުން ހުއްޓާލުމަށެވެ. އަދި އުސްފަސްގަނޑު ރޫޅާލުމަކީ އެމްޑީޕީއަށް އިއާދަ ނުކުރެވޭނެ ގެއްލުމެއް ލިބިދާނޭ ކަމަކަށް ވާތީ އެމްޑީޕީން ސިވިލް ކޯޓްގައި ކޮށްފައިވާ ދައުވާގެ މަގުސަދަށް ހުރަސް އެޅޭނެ ފަދަ އެއްވެސް އަމަލެއް ވެސް ކޮށްގެންނުވާނެ ކަމަށެވެ. ދައުލަތުގެ ފަރާތުން އެ އަމުރު ހައި ކޯޓަށް އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވެސް އެ އަމުރަށް ތާއިދުކޮށްފައިވެ އެވެ.