ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް ނޫސްވެރިން ހައްޔަރުކުރަމުންދާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަނެ، ބޭރުކޮށްލައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި މި މައްސަލަ ބޭރުކޮށްލީ އެއީ ހަގީގަތެއް ނެތް މައްސަލައެއް ކަމަށް ރިޔާސަތުން ކަނޑައެޅުމަށް ފަހެވެ.

މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވަނީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަދަދު" ނޫހުގެ ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން އެ ނޫސްވެރިޔާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި، ރައީސް އޮފީހުގެ އުސޫލުތަކުގެ ތެރެއިން ލިބިދޭ އިޚުތިޔާރުގެ ބޭނުންކޮށް، އެ ނޫހުގެ ނޫސްވެރިންނަށް ބައްދަލުވުންތަކުގައި ބައިވެރިނުވެވޭނެކަން ރަސްމީކޮށް އަންގައި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާފައިވާ ކަމަށް ވެސް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، އެ ނޫހުން ޝާއިއުކުރި ބަޔާނަކާ ގުޅިގެން ނޫސްވެރިޔަކު ކުއްލި ގޮތަކަށް ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވާތީ، މުޖުތަމަޢުގެ ތެރޭގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށް މީކާއިލް ވިދާޅުވިއެވެ.

މި އަހަރުގެ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ހިމެނިފައިވާ ގޮތުން، ރާއްޖޭގެ ނޫސްވެރިކަމުގެ މާހައުލު ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައިވާކަން ހާމަވާ ކަމަށް ވެސް މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލައަކީ ހަގީގަތާ އެއްގޮތަށް ހިނގާފައިވާ ކަމަކަށް ވާންޖެހޭނެ ކަމަށެވެ. ނަމަވެސް، މީކާއިލް ހުށަހެޅުއްވި މައްސަލައަކީ އެއްވެސް ހަގީގަތެއް ނެތް މައްސަލައެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެހެންވެ، ނޫސްވެރިންގެ ހައްގުތަކަށް ހުރަސްއަޅަމުންދާ ކަމަށް ވިދާޅުވެ ހުށަހެޅި މި ކުއްލި މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

ކްރިމިނަލް ކޯޓުގެ އަމުރަކާ ޚިލާފުވިކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށްލީ އަންގާރަ ދުވަހެވެ. މި ދެ ނޫސްވެރިންގެ މައްޗަށް ތުހުމަތުކުރެވެނީ އެ ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއަކާ ގުޅިގެން ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށެވެ.

ލީވާންގެ މައްޗަށް ތުހުމަތުކުރީ އަމުރާ ގުޅޭ ޚަބަރެއް ލިޔުމުން ކަމަށްވާއިރު، ޝަހުޒާންގެ މައްޗަށް ތުހުމަތުކުރީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އަމުރާ ޚިލާފަށް ސުވާލުކުރުމުންނެވެ. އަދަދު ނޫހުގެ ސީއީއޯ ވިދާޅުވާ ގޮތުގައި އެ ދެ ނޫސްވެރިންނަށް ދިފާއުވުމުގެ ފުރުސަތެއް ނުދެއެވެ.