16 Sep 2012, 16:57
ވިޔަފާރި ފައިދާ އިން ނަގާ ޓެކްސް، ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ)ގެ ބަޔާނާ އެކު ހުށަހަޅާ ހިސާބުތައް އެޕްރޫވް ކުރުމުގެ ހުއްދަ މީރާ އިން ދީފައިވާ ބައެއް އޮޑިޓަރުން ހިސާބުތަކުގައި މަކަރު ހަދަމުން އަންނަ ކަމުގެ ޝަކުވާ މީރާއަށް ލިބެންފަށައިފި ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
ބީޕީޓީއާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ޔަޒީދު މުހަންމަދު މިއަދު ވިދާޅުވީ އެ އޮތޯރިޓީން ކުލެސިފައި ކޮށްފައިވާ ބައެއް އޮޑިޓަރުން ހިސާބުތަކުގެ ސައްހަ ކަން ބަލާ ލުމެއް ނެތި ހިސާބުތަކުގައި ސޮއިކޮށްލާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެ މައްސަލަތައް ބަލައި ސާބިތުވައި ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އަދި ހެއްކެއް ނެތް. އަޅުގަނޑުމެންނަށް މި ޝަކުވާ ލިބެނީ 4000 ޑޮލަރު ދިނީމާ ސައްހަތޯ ވެސް ބަލައި ނުލައި ސޮއިކޮށްލަނިއްޔޭ، މިކަންތައްތައް އަޅުގަނޑުމެން ބީޕީޓީ ނަގާ ނިމުނީމާ ބަލާފައި ފިޔަވަޅު އަޅާނަން. އަޅުގަނޑުމެން ދިވެހި އޮޑިޓަރުންނަށް ވެސް މި އިންޑަސްޓްރީން ފުރުސަތު ދޭން މިގޮތަށް ފުރުސަތު ހުޅުވާލާފައި ވެސް މި އޮތީ،" ޔަޒީދު ވިދާޅުވި އެވެ.
ބީޕީޓީ ލިޔުންތައް އެޕްރޫވް ކުރުމަށް މީރާ އިން އެޕްރޫވަލް ދީފައި ވަނީ 10 އޮޑިޓް ފާމަކަށެވެ. ޔަޒީދު ވިދާޅުވީ އޮޑިޓަރަކު މަކަރު ހަދައިފި ނަމަ އެ ވިއްކާ ލަނީ މުޅި ކެރިއާ ކަމަށާއި އެކަން ސާބިތުވާ ފަރާތްތަކަށް މީރާގެ ތެރެއިން އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ.
"އެ ހިސާބުން އެމީހެއްގެ ފައިނޭންޝިއަލް ކެރިއާ ނިމުނީ ކަމަށް ހަދުމަފުޅުބަހައްޓަން ވާނެ. މަދުލާރިކޮޅަކަށް އެ ވިއްކާލަނީ ކެރިއާ،" ޔަޒީދު ވިދާޅުވި އެވެ. މީރާ އިން މިއަދު ވަނީ ބީޕީޓީ ދެއްކުމަށް ދީފައިވާ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްދީފަ އެވެ. މީރާއިން މިހާރުވެސް އަންނަނީ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމުކުރަމުންނެވެ. އަދި ޓެކްސް ނުދައްކާ ފަރާތްތަކުގެ އެކައުންޓްތައް އަންނަ މަހު އެކަކުން ފެށިގެން ފްރީޒްކުރަންވެސް މިހާރު ވަނީ ނިންމައިފަ އެވެ.