ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އަލިފާން ރޯވި އެޕާޓްމެންޓުގެ އެއް ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރެޓީ އެންޑީއެމްއޭއިން ބުނެފިއެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން އެންޑީއެމްއޭއިން ބުނީ އަލިފާން ރޯވީ ހިޔާ ޓަވަރު އަށެއްގެ ފަނަރަވަނަ ފަންގިފިލާގެ 10 ވަނަ އެޕާޓްމެންޓުގައި ކަމަށެވެ.

އަދި އަލިފާނުގެ ހާދިސާގައި އެ އެޕާޓްމެންޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

އެންޑީއެމްއޭއިން ބުނީ އެ ހާދިސާގައި އެ އެޕާޓްމެންޓުގެ އެއް ކޮޓަރި އެއްކޮށް އަނދައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އަދި އެ ގޭގައި ދިރިއުޅޭ ހަތަރު މީހުންގެ އާއިލާއަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން އެ އޮތޯރިޓީއިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވަނީ ބުނެފައެެވެ.

މި ފަހަކަށް އައިސް އަލިފާނުގެ ހާދިސާތައް ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.

އެގޮތުން މީގެ ހަތަރު ދުވަސް ކުރިން މިދިޔަ ހޮނިހިރު ދުވަހު ވަނީ ހުޅުމާލެ ފަޅު ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި ވަރަށް ބޮޑަށް ރޯވެ، އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގާފައެވެ.

އަދި ހަމަ އެ ދުވަހު ވަނީ ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް "އޮގްޒޮން ކެރިއާ 2" ނަމަކަށްކިޔާ ދޯންޏެއްގައި ވެސް އަލިފާން ރޯވެފައެވެ.