14 May 2026, 08:09
އިންޑިއާގެ ދެމަފިރިއަކު ފަތާފައި އެގާރަ ގަޑިއިރުން ސްރީ ލަންކާއިން އިންޑިއާއަށް ގޮސްފިއެވެ.
ބެންގަލޫރުގައި ދިރިއުޅޭ ދެ އައިޓީ ޕްރޮފެޝަނަލުން ކަމަށްވާ ޑޭނިޝް އަބްދީ އާއި ވުރޫޝާލީ ޕްރަސާޑޭ ފަތާފައި ލަންކާއިން އިންޑިއާއަށް ދިޔައީ ތާރީޚީ ރާމް ސޭތޫ މަގުންނެވެ.
މެއި މަހުގެ ހަތް ވަނަ ދުވަހު ލަންކާގެ ތަލައިމަންނާރުން އިންޑިއާ ތަމިލް ނާޑޫގެ ދަނޫޝްކޯދީއަށް ފަތަން ފެށީ ފަތިހު 4:30 ހާއިރުއެވެ. ތަމިލް ނާޑޫއަށް ދެވުނީ އެ ދުވަހު މެންދުރުފަހު 3:15 ގައެވެ. އެ ދަތުރަށް ގާތްގަޑަކަށް 10 ގަޑިއިރާއި 45 މިނެޓް ހޭދަވިއެވެ.
އެ ދެމަފިރިން ފަތާފައި ވަނީ ވަރަށް ރާޅު ބޮޑު ކަނޑުގަދަ ދުވަހެއްގައެވެ.
ނަމަވެސް އެމީހުން ފަތާފައި ވަނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ސަޕޯޓް ބޯޓުތަކާއި ޕެރަމެޑިކްސް އަދި އިންޑިއަން ކޯސްޓްގާޑްގެ މުވައްޒަފުންގެ ބެލުމުގެ ދަށުންނެވެ.
"ލަންކާއިން އިންޑިއާއަށް ފަތާފައި ފުރަތަމަ ފަހަރަށް ދިޔަ ދެމަފިރިންނަށް ވެގެންދާ ދުވަހު އަހަރެމެންގެ ހުރިހާ ޓްރެއިނިންއަކާއި ތައްޔާރީއެއް މި ފެތުމުގައި ޓެސްޓް ކުރެވޭނެ، އަދި އެކަމަށް ތައްޔާރަށް ތިބި ކަމަށް އިހުސާސް ކުރެވޭ،" އިންސްޓަގްރާމްގައި ވީޑިއޯގެ ކެޕްޝަންގައި ލިޔެފައިވެއެވެ.
އެމީހުންގެ މި ކާމިޔާބީއަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވާއިރު، ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ބަޔަކު ވަނީ އެ ދެމަފިރިންގެ ކެތްތެރިކަމާއި ޑިސިޕްލިން އަދި ޓީމް ވޯކަށް ތައުރީފްކޮށްފައެވެ. އަބްދީ އާއި ޕްރަސާޑޭ އަކީ މީގެ ހަތަރު އަހަރު ކުރިން ސީރިއަސް ސްވިމިން ޓްރެއިނިން ފަށާފައިވާ ދެމީހުންނެވެ.
އެމީހުން ކާމިޔާބުކަމާއެކު ފަތާ ނިންމާލުމަކީ އިންޑިއާގެ އޯޕަން ވޯޓާ ސްވިމިންގައި ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު، ލަންކާއިން އިންޑިއާއަށް އެގޮތަށް ފަތާފައި ދިޔަ ފުރަތަމަ ދެމަފިރިންނަށް އެ ދެމީހުން ވަނީ ވެފައެވެ.