16 Sep 2012, 16:20
އަނިޔާގެ ސަބަބުން ގާތްގަނޑަކަށް ހަތަރު މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު ވިކްޓަރީގެ މިޑްފީލްޑަރު އަލީ ފާސިރު (ސެންޓޭ) ޓީމާ ގުޅި މިހާރު ދައްކަމުން އަންނަ ޕާފޯމަންސްގެ ސަބަބުން އިތުރު ހިތްވަރެއް ޓީމަށް ލިބިއްޖެ ކަމަށް ކޯޗް އަލީ ސުޒޭން ބުނެފި އެވެ.
ދިރާގް ދިވެހި ލީގުގެ ތިން ވަނަ ބުރުގައި މާދަމާ ރޭ 9:00 ޖަހާއިރު އޭވައިއެލްއާ ދެކޮޅަށް ވިކްޓަރީ ނިކުތުމުގެ ކުރިން މިއަދު އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޯޗް ސުޒޭން ބުނީ، އަނިޔާއިން ސަލާމަތްވެ، ޓީމުގެ ފުރަތަމަ 11 އިން މިހާރު ޖާގަ ހޯދަމުން އަންނަ ސެންޓޭ ޓީމާ ގުޅުމުން ޓީމަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށާއި އެގޮތުން ދިރާގު ދިވެހި ލީގުގެ ތިން ވަނަ ބުރުގައި މާދަމާ ރޭ އޭވައިއެލްއާ ދެކޮޅަށް ކުޅޭ މެޗުގައި ސެންޓޭ ފެންނާނެ ކަމަށެވެ.
"ސެންޓޭ އެނބުރި އައުމުން ޓީމަށް އިތުރު ހިތްވަރެއް ލިބިއްޖެ. ކުރިއަށް ހުރި މެޗު ތަކުގައި ވިކްޓަރީގެ ފުރަތަމަ 11 އިން ސެންޓޭއަށް ޖާގަ ދޭނަން. ގިނަ ދުވަސްތަކެއް ވަންދެން އޭނަ ކުޅުމާ ދުރުގައި ހުރުމުން އަދި ވެސް އޭނަގެ އަސްލު ފެންވަރެއް ނުދެއްކެ. އެހެންވެ މިބަލަނީ ވީހާ ވެސް ގިނަ މެޗްތައް އޭނަ ލައިގެން ކުޅެން،" ކޯޗް ސުޒޭން ބުންޏެވެ.
ދިރާގު ދިވެހި ލީގުގެ ދެ ވަނަ ބުރުގައި ވެލެންސިއާއާ އަތުން މިދިޔަ މަހު ވިކްޓަރީ މޮޅުވި މެޗުގައި އަދި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުގައި ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހުގެރޭ ވެލެންސިއާ އަތުން މޮޅުވި މެޗުގައި ވެސް ސެންޓޭ ވަނީ ކުޅެން އަރައި ލަނޑު ޖަހާފަ އެވެ.
ނިއު ރޭޑިއަންޓުން މި ސީޒަންގައި ވިކްޓަރީ އަށް ބަދަލުވި ނަމަވެސް، އެ ޓީމަށް ސެންޓޭ ވާދަވެރި މެޗެއްގައި އަދި މިހާތަނަށް ކުޅެފައި ނުވާ އިރު އޭނަ އަށް އަނިޔާވީ މި އަހަރުގެ ފެބުރުއަރީ މަހުގެ ކުރީ ކޮޅު ގައުމީ ޓީމް އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުރި ފަރިތަކުރުންތަކުގައި އޭނާގެ ކަނާތު ފަޔަށެވެ.
އޭވައިއެލްއިން 2009 ވަނަ އަހަރު ވިދާލުމަށް ފަހު، ވެލެންސިއާ އަށް ވެސް ކުޅުނު ސެންޓޭ ވަނީ މިދިޔަ ސީޒަނުގައި ނިއުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ސުޒޭން ބުނީ، ސެންޓޭގެ އިތުރުން އަނިޔާގެ ސަބަބުން ގާތްގަނޑަކަށް ހަތް މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު ވިކްޓަރީގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވެސް މާދަމާރޭގެ މެޗުގައި ކުޅޭނެ ކަމަށެވެ.
މާދަމާ ރޭގެ މެޗުގެ ކުރިން އޭވައެލްގެ ކޯޗް މުހައްމަދު އާތިފް (އާތީ) ބުނީ، ވިކްޓަރީއާ ދެކޮޅަށް ކުޅުމަށް އޭވައެލްގެ ޓީމް އޮތީ ވަރަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. އަދި މާދަމާ ރޭގެ މެޗަށް ނިކުނައިރު އެފްއޭކަޕްގައި ހުސްވި އަހަރުގެ ޗެމްޕިއަން ވީބީ އަތުން މޮޅުވުމުން ޓީމަށް އިތުރު ހިތްވަރެއް ލިބި ފައިވާކަަމަށް ވެސް އާތީ މިއަދުގެ ނޫސްކޮންފަރެސްގައި ފާހަގަ ކުރިއެވެ.
"ޓީމް އޮތީ މާދަމާ ރޭ ވިކްޓަރީއާ ދެކޮޅަށް ކުޅުމަށް ތައްޔާރަށް. ޔާމިން ނޫނީ ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ފިޓްކޮށް." އާތީ ބުންޏެވެ.
އާތީ ބުނީ ހުސްވި އަހަރަށް ވުރެ މި އަހަރުގެ ސީޒަންގައި އޭވައެލްއިން ހޯދަމުން އަންނަ ކާމިޔާބީތައް ވަރަށް ފުރިހަމަ ކަމަށެވެ.