16 Sep 2012, 16:05
ބެއިޖިންގް (ސެޕްޓެމްބަރ 16): ޗައިނާ އާއި ޖަޕާނާ ދެމެދު މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ ޖަޒީރާތަކުގެ މައްސަލަ ޙައްލުކުރުމަށް ޓަކައި އެ ރަށްތައް ޗައިނާއަތުން ގަތުމަށް ޖަޕާނުން ނިންމި ނިންމުމާ ދެކޮޅަށް ޗައިނާގެ އެތައް ހާސް ބަޔަކު އެޤައުމުގެ އެކިރަށް ރަށުގައި މުޒާހަރާތައް ކުރަމުން އެބަގެންދެ އެވެ.
މިމައްސަލާގައި ބެއިޖިންގައި ހުންނަ ޖަޕާން އެންބަސީގެ ކުރިމަތީގައި އެތައް ސަތޭކަ ބަޔަކު މިއަދު ކުރި މުޒާހަރާގައި ޖަޕާނާދެކޮޅަށް އަޑުއުފުލައި ޗައިނާގެ ޤައުމީ ލަވަތައް ޖަހައި ފެންފުޅި ފަދަ ތަކެތި ޖަޕާން އެންބަސީގެ ޢިމާރާތާ ދިމާ އަށް އުކާފައިވެ އެވެ. ނަމަވެސް ޗައިނާގެ ފުލުހުން ވަނީ ޖަޕާނުގެ އެންބަސީ ޙިމާޔަތްކޮށްފަ އެވެ. ޗައިނާގެ ދެވަނައަށް އެންމެ ބޮޑުރައްކަމަށްވާ ޝެންހާއި ގައިހުންނަ ޖަޕާންގެ ކޮންސިއުލޭޓްގެ ކުރިމަތީގައި ވެސް ޗައިނާގެ އެތައް ސަތޭކަ ބަޔަކު ޖަޕާނާދެކޮޅަށް އަޑުއުފުލައި މައްސަލަ ޖެހިފައިވާ ރައްތަކަކީ ޖަޕާން ރައްތަކެއްކަމަށް ގޮވައި އަޑުއުފުލާފައިވެ އެވެ. ނަމަވެސް ޗައިނާގެ ފުލުހުން ވަނީ ބެރިކޭޑްތައް ބަހައްޓައި ޖަޕާންގެ ކޮންސިއުލޭޓާ ގާތްވުމުގެ ފުރްސަތު މުޒާހަރާކުރި ފަރާތްތަކަށް ނުދީފަ އެވެ.
މީގެއިތުރުން ހޮންގްކޮންގްގެ ކައިރީގައިވާ ޗެންޗެޝްން ނަމަކަށް ކިޔާ ރަށެއްގައިވެސް އެތަށް ހާސްބަޔަކު ބަޔަކު ޖަޕާނާދެކޮޅަށް އަޑުއުފުލައި އެރަށުގެ މައިމަގެއް ބަންދުކޮށްފައިވެއެވެ. މިއެއްވުން ރޫޅާލުމަށްޓަކައި ޗައިނާގެ ސަލާމަތީ ބާރުތަކުންވަނީ ޕްރެޝަރު ފެން ބޭނުންކޮށްފައެވެ. މީގެއިތުރުންވެސް ޗައިނާގައި ޖަޕާންގެ ކުންފުނިތަކުން ހިންގާ ބައެއް ފެކްޓްރީ ތަކަށާއި ޗައިނާގެ ބައެއްއެކްޓިވިސްޓުން ވަދެގަނެ އަޑުގަދަކޮށްފައިވާކަމަށް ޚަބަރުލިބެއެވެ. އަދި ޗައިނާގައި ދުއްވާ ޖަޕާންގެ ބައެއް ކާރުތަކަށާއި ވެހިކަލްތަކަށްވެސް މިމައްސަލާގައި ރުޅިއައިސްފައިވާ ޗައިނާގެ އެކްޓިވިސްޓުން އޮއްގަލުންނާއި ހަރުތަކެތިން ޙަމަލާތައް ދީފައިވެ އެވެ.
ޗައިނާއާއި ޖަޕާނާ ދެމެދު މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ ޖަޒީރާތަކަށް ޗައިނާ މީހުން ކިޔަނީ "ވުދްޔާޔްޔޫ" އެވެ. ޖަޕާނު މީހުން މިރަށްތަކަށް ކިޔަނީ "ސިންކާކޫ" އެވެ. ޖަޒީރާ ރަށްތައް ޗައިނާ އަތުން ގަތުމަށް ޖަޕާނުން ނިންމި ނިންމުމާ ދެކޮޅު ހަދާކަން ޗައިނާ ސަރުކާރުންވަނީ ހާމަކޮށްފަ އެވެ. އަދި މިއީ ޗައިނާގެ ސިޔާދަތައް އަރައިގަތުމުގެ ޢަމަލެއްކަމަށް ވެސް ޗައިނާގެ ޚާރިޖިއްޔާއިން ބުނެފައިވެ އެވެ. ނަމަވެސް ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީ މިދުވަސްވަރު ވަނީ ޗައިނާގެ ޒަޢާމަތު ބަދަލުކުރުމުގެ ކަންތައްތަކާ ވަރަށް ބޮޑަށް މަޝްޣޫލް ވެފަ އެވެ. އެހެންކަމުން ޗައިނާ ސަރުކާރުގެ ފަރާތުން ޖަޕާނަށް އެކަށީގެންވާ ހަރުދަނާ ރައްދެއް މިދުވަސްވަރު ނުދެވޭކަމަށް މިމައްސަލާގައި ރުޅިގަދަވެފައިވާ ޗައިނާގެ އެކްޓވިސްޓުން ދެކެއެވެ.
ދެކުނު ޗައިނާ ކަނޑުގައިވާ މިޖަޒީރާތަކުގައާއި އެތަނުގެ ވަށައިގެންވާ ސަރަޙައްދުގައި ގިނަޢަދަދަކަށް ޤުދްރަތީ ގޭސް ހުރުމުން މިޖަޒީރަތަކުގެ މިލްކުވެރިކަން މިދެޤައުމަށްވެސް ބޮޑުވެފައިވެ އެވެ. (ރޮއިޓާސް)