ސައުދީ ލީގުގައި ރޭ ކުޅުނު ފޯރިގަދަ ރިޔާދު ޑާބީގައި އަލް ހިލާލާ ދެކޮޅަށް ކުޅެ، 1-1 އިން މެޗު އެއްވަރުވުމުން، 2018/19 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ސައުދީ ލީގު ތަށި އުފުލާލުމަށް އަލް ނަސްރުން ކުރަމުން އައި އިންތިޒާރު އިތުރަށް ދިގުލައިގެން ގޮސްފިއެވެ.

މެޗުގެ ބޮޑުބައިގައި އަލް ނަސްރުން ލީޑު ހިފަހައްޓާފައި އޮތުމުން ކްރިސްޓިއާނޯ ރޮނާލްޑޯއާއި އޭނާގެ ޓީމުން ތަށީގެ އުފާފާޅުކުރަން ތައްޔާރުވެފައި ވަނިކޮށް، މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގައި ގޯލްކީޕަރު ބެންޓޯ އަތުން ބައިކޮށްަށް ވަން ގޯލަކާއެކު މުޅި ދަނޑު ވަނީ ހައިރާންކަމެއްގެ ތެރެއަށް ވައްޓާލާފައެވެ.

މި ހިތްދަތި ނަތީޖާއާއެކު މެޗުގެ ފަހުކޮޅު ބަދަލުކުރި ރޮނާލްޑޯ ބެންޗުގައި އިނދެ ފެންކަޅިވެފައިވާ މަންޒަރު ފެނުނުއިރު، މިއީ އޭނާގެ ކެރިއަރުގައި ސައުދީގައި ތަށި ހޯދުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުއްލި ސިހުމެކެވެ.

މެޗުގެ ކުރީކޮޅުގައި އަލް ހިލާލުން ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ނަމަވެސް، މެޗުގެ 37 ވަނަ މިނެޓުގައި މުހައްމަދު ސިމަކާން ޖެހި ލަނޑާއެކު އަލް ނަސްރަށް ވަނީ އުންމީދު އާވެފައެވެ.

ރޮނާލްޑޯއާއި ޖޮއާއޯ ފެލިކްސްގެ އިތުރުން ސާޑިއޯ މާނޭގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނުނު މި މެޗުގައި، އަލް ނަސްރުގެ ޑިފެންސް ވަނީ ވަރުގަދަކޮށް ފެނިފައެވެ.

ނަމަވެސް މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި، އަލް ހިލާލުން އޭރިއާ ތެރެއަށް އެއްލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ކީޕަރު ބެންޓޯ އާއި އޭނާގެ ޓީމުގެ އިނިގޯ މާޓިނޭޒް ޖެހި، ބޯޅަ ގޯލުގެ ތެރެއަށް ވަނީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ.

މި ނަތީޖާއާއެކު ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އަލް ނަސްރަށް އަދިވެސް އޮތް ނަމަވެސް، އެކަން ޔަގީންކުރުމަށް މި މަހުގެ 21 ވަނަ ދުވަހު ދަމަކްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވާން ޖެހެއެވެ.

އޭގެ ކުރިން އަންނަ ހޮނިހިރު ދުވަހު އޭޝިއަން ޗެމްޕިއަންސް ލީގު 2 ގެ ފައިނަލުގައި ގަމްބާ އޮސާކާއާ ދެކޮޅަށް ކުޅޭ މެޗަކީ ރޮނާލްޑޯގެ ޓީމަށް ވަރަށް މުހިންމު މެޗެކެވެ.