16 Sep 2012, 16:03
ޓެކްސް ދައްކަން ޖެހޭ ވިޔަފާރިތަކުގެ ތެރެއިން ގާނޫނާ އެއްގޮތްވާ ގޮތަށް 90 ޕަސެންޓް ފަރާތުން ޓެކްސް ދައްކާ ކަމަށް، ޓެކްސްއާ ބެހޭ މައި އިދާރާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ބުނެފި އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން، ޔަޒީދު މުހަންމަދު މިއަދު ވިދާޅުވީ ނަން އިއުލާން ކުރުމުން އަދި ޖޫރިމަނާ ކުރުމުން ޓެކްސްގެ ފައިސާ ނުދައްކައި ތިބެނީ ވަރަށް މަދު ފަރާތްތަކެއް ކަމަށާއި އެ ފަރާތްތައް ވެސް ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ. ޔަޒީދު ވިދާޅުވީ ޖީއެސްޓީ ނުދައްކާ މީހުންގެ ނަންތައް އިއުލާންކުރުމުން ވެސް "ލަދު ގަންނަ ފަރާތްތަކުން" ޓެކްސް ދެއްކި ކަމަށާއި އެ ލިސްޓުގައި ތިބި "ލަދު ނުގަންނަ ފަރާތްތަކުން" އަދިވެސް ތިބީ ޓެކްސް ނުދައްކައި ކަމަށެވެ.
"ދެން މިތިބެނީ އަނެއްހެން ބުނާ ނަމަ ތިމަންނާމެންނަކީ ޓެކްސް ނުދައްކާ ބަޔެކޭ ބުނީމަވެސް މީހުންނަށް އެކަން އެގުނަސް ހެވޭ ބުނެ ލަދުނުގަންނަ ބައެއް. ލަދުގަންނަ މީހުން ނަށް އާންމުކޮށްގެން މި އަތުވީ. މިގޮތަށް ]ޓެކްސް[ ނުދައްކައި މީރާ އަށް އަތުނުޖެހި މިއުޅެނީ މަދު ބައެއް. ގާތްގަނޑަކަށް ]ޓެކްސް[ ދައްކަން ޖެހޭ ފަރާތްތަކުގެ ތެރެއިން 90 ޕަސެންޓް މީހުން ގެންދަވަނީ ބަރާބަރަށް ޓެކްސް ދައްކަމުން،" ޔަޒީދު ވިދާޅުވި އެވެ.
ޓެކްސް ދެއްކުމުގައި ވިޔަފާރިވެރިންނަށް ވަރަށް ގިނަ ލުއިތަކެއް މީރާ އިން ހޯދައިދޭކަން ފާހަގަކުރައްވައި ޔަޒީދު ވިދާޅުވީ ޓެކްސް ނުދައްކައިގެން މީހަކު ޖޫރިމަނާ ކުރަނީ ވެސް އެފަރާތަކަށް ތަކުރާރުކޮށް ހަދާންކޮށްދިނުމަށް ފަހު ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުން ޖޫރިމަނާ ކުރުމުން ވެސް ޓެކްސް ނުދައްކައި މީރާ އަށް ފިލައިގެން އުޅޭ ކަމަށެވެ.
"ފިލައިގެން އުޅޭ މީހުންގެ ނަންތައް ވެސް އަޅުގަނޑުމެން ވަރަށް އަވަހަށް ގެޒެޓްގައި އިއުލާން ކުރާނަން،" ޔަޒީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓެކްސް ނުދައްކާ ގިނަ ފަރާތްތަކެއްގެ މައްސަލަ ކޯޓަށް ވެސް ވައްދާފައިވާ ކަމަށާއި އޭގެ ތެރެއިން 20 އަކަށް މައްސަލަ މީރާއާ އެއްކޮޅަށް ނިމިފައިވާ ކަމަށެވެ. އަދި އިތުރު އަށެއްކަ މައްސަލަ ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޓެކްސް ދައްކަން މަސައްކަތް ކުރާ ފަރާތްތަކަށް ގާނޫނުގެ ތެރެއިން ދެވެން އޮންނަ ލުއިތައް ދެމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން އެބަ ލުއިދެން ޓެކްސްދައްކަން ބޭނުންވެގެން އުޅޭ ފަރާތްތަކަށް. އެބޭފުޅުންނަށް އަޅުގަނޑުމެން ވެވުނު ވަރަކުން އެހީވަން. ނަމަވެސް ކޮންމެ ގައުމެއްގައި ވެސް އުޅޭނެ އެކަހަލަ މީހުން. ނަމަވެސް ޓެކްސް ނުދެއްކުމުގެ ސަގާފަތެއް އުފެދުނަ ނުދޭނަން،" ޔަޒީދު ވިދާޅުވި އެވެ.
މީރާއިން މިހާރު ނިންމާފައި ވަނީ އަންނަ މަހު އެކަކުން ފެށިގެން ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ އެކައުންޓްތައް ފްރީޒް ކުރުމަށް ފަހު ފައިސާ އަތުލުމަށެވެ.