އުމުރުފުޅުން 81 އަހަރުގައި ޔޫގެންޑާގެ ރައީސް ޔޮވެރީ މުސެވޭނީ ވިދިވިދިގެން ހަތްވަނަ ފަހަރު ރައީސްކަމުގެ ހުވާކުރައްވައިފިއެވެ.

ހުވާކުރުމުގެ ރަސްމިއްޔާތު ވެރިރަށް ކަމްޕަލާގައި ބާއްވާފައިވަނީ ސެކިއުރިޓީ ވަރަށް ވަރުގަދަކޮށެވެ.

މުސެވޭނީ ވަނީ އާ ދައުރުގައި ފޯކަސް ކުރަންވީ އިތުރު މުއްސަނދިކަމާއި ވަޒީފާ އުފެއްދުމަށާއި ވޭތުވެދިޔަ 40 އަހަރު ތެރޭގައި ލިބުނު ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް ގައުމަށް ތަރައްގީ ގެންނަން ކަމަށެވެ. އިންތިޚާބުގައި 70 އިންސައްތައަށް ވުރެ ގިނަ ވޯޓު ހޯއްދެވި މުސެވޭނީގެ ދައުރު ނިމޭނީ 2031 ވަނަ އަހަރެވެ.

އޭނާގެ މައިގަނޑު ވާދަވެރިޔާ، ބޮބީ ވައިން ވަނީ އެ ނަތީޖާއާ ދެކޮޅު ހަދާފައެވެ.

މުސެވޭނީ އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގަތީ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު، 1986 ވަނަ އަހަރު ނަމަވެސް އޭގެ ފަހުން ވަނީ ހަތް އިންތިޚާބު ކާމިޔާބުކުރައްވާފައެވެ.

އޭނާއަކީ 40 އަހަރަށް ވުރެ ގިނަ ދުވަހު ވެރިކަމުގައި ތިބި އެފްރިކާގެ މަދު ލީޑަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އެ ލީޑަރުންގެ ތެރޭގައި ކޮންގޯ-ބްރަޒާވިލްގެ ޑެނިސް ސަސޯ ންގްއެސޯއާއި އިކުއެޓޯރިއަލް ގިނީގެ ޓިއޯޑޯރޯ އޮބިއަންގް އަދި ކެމަރޫންގެ ޕޯލް ބިޔާ ހިމެނެއެވެ.

ޔޫގެންޑާއަކީ ދުނިޔޭގެ އެންމެ ޒުވާން އާބާދީތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށާއި ގިނަ ރައްޔިތުންނަށް އެ ގައުމުގެ އެހެން ރައީސަކު ފެނިފައެއްނުވެއެވެ. މުސެވޭނީ ރިޓަޔާ ކުރައްވާނެކަން ހާމަކޮށްފައި ނުވި ނަމަވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ މިއީ އޭނާގެ އެންމެ ފަހު ދައުރު ކަމަށް ބެލެވޭ ކަމަށެވެ.

ދެން ވެރިކަމަށް ވަޑައިގަންނަވާނީ އޭނާގެ 51 އަހަރުގެ ދަރިކަލުން އަދި އަސްކަރީ ވެރިޔާ ޖެނެރަލް މުހޫޒީ ކައިނެރޫގާބާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ނަމަވެސް، އިދިކޮޅު ފަރާތްތަކަށް އިންޒާރު ދިނުމަށް ސޯޝަލް މީޑިއާ ބޭނުން ކުރާ ގޮތާ ގުޅިގެން ކައިނެރުގާބާއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.