16 Sep 2012, 15:00
ވިޔަފާރި ފައިދާއިން ނަގާ ޓެކްސް، ބިޒް ނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) ދައްކަން ދިން މުއްދަތު މީރާއިން އަނެއްކާވެސް އިތުރުކޮށްދީފި އެވެ.
ބީޕީޓީ ދެއްކުމަށް ދިން މުއްދަތު އިތުރުކޮށްދިނީ މި މަހުގެ 30 ވަނަ ދުވަހާ ހަމައަށެވެ. މިދިޔަ މަހުވެސް މީރާއިން ވަނީ ބީޕީޓީ ދެއްކުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް އިތުރު ކޮށްދީފަ އެވެ.
މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ޔަޒީދު މުހަންމަދު ވިދާޅުވީ ޓެކްސް ދެއްކުމަށް ދިން މުއްދަތު އިތުރުކޮށް ދިނީ، ބީޕީޓީ ޓެކްސް ދެއްކުމަށް ވިޔަފާރިންވެރިންނަށް އަދިވެސް ވަގުތު ބޭނުންވާތީ ކަމަށާއި މިހާރުވެސް ދިން މުއްދަތު ކުޑަވެގެން ވަރަށް ގިނަ ވިޔަފާރިވެރިން ޝަކުވާ ކުރަމުން އަންނާތީ ކަމަށެވެ. އަދި ވިދާޅުވީ ބީޕީޓީ ދެއްކުމަށް ދިން މުއްދަތު އިތުރުކުރުމުން މީގެ ކުރިންވެސް ގިނަ ފަރާތްތަކުން އެ ޓެކްސް ދައްކާފައިވާ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ މީގެ ކުރިން އެންމެ ރަނގަޅަކަށް ނޫން ހިސާބުތައް ތައްޔާރުކޮށް ހަދަމުން އައީކީ، ވަރަށް ބޮޑު ޕްރޮސީޖާއެއް ބީޕީޓީ ދައްކަން މި އޮންނަނީ، އޮޑިޓަރުން ބޭނުންކޮށްގެން ހިސާބުތައް ތައްޔާރުކުރުމާއި މިކަންކަން، އެހެންވީމައި އެކަންކަމަށް ވަގުތުބޭނުންވާކަމަށް އަޅުގަނޑުމެން ބޯޑަށް ފެނުނީމައި މުއްދަތު މިދިނީ،" ޔަޒީދު ވިދާޅުވި އެވެ.
ބީޕީޓީ ބަލައިގަތުމުގެ ކަންތައްތައް ރޭގެ 3:00 ޖަހަންދެން މީރާގެ މުވައްޒިފުން ހޭލާތިބެގެން ކުރިއަށް ގެންދިޔަ ކަމަށާއި ރޭ އެކަނިވެސް 40 މިލިއަން ރުފިޔާ ލިބުނު ކަމަށެވެ. އަދި ރޭގެ ނިޔަލަށް ބީޕީޓީގޮތުގައި އެކަނިވެސް މީރާއަށް 1.3 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
ކުދި ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން މީރާއިން ވަނީ ހަތަރު ކަމެއްގައި ލުޔެއް ދިނުމަށް ނިންމައިފަ އެވެ. އެގޮތުން ދޭ ލުއިތަކުގެ ތެރޭގައި 18 ޖުލައި 2011ގެ ކުރިން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާ ކުންފުނިތަކުގެ ތެރެއިން އުވާލަން ކޮމެޕެނީ ރެޖިސްޓްރާއަށް ހުށަހަޅާފައިވާ ކުންފުނިތަކުން ބީޕީޓީގެ ގޮތުގައި އެއްޗެއް ދައްކާކަށް ނުޖެހެ އެވެ. ޔަޒީދު ވިދާޅުވީ އެއްވެސް ގޮތަކަށް ވިޔަފާރިއެއް ނުކުރާ 4000 އަށް ވުރެ ގިނަ ކުންފުނި މިހާރުވެސް އެބަހުރި ކަމަށެވެ.
އަދި މާލޭގައި ހުރި ކުދި ވިޔަފާރިތަކުގެ ޓެކްސް ބަޔާން ތައްޔާރުކޮށް ދިނުމަށް މިހާރު ހަމަޖައްސާފައިވަނީ މީރާގެ މުވައްޒަފުން އެ ވިޔަފާރިތަކަށް ޒިޔާރަތްކޮށްގެންނެވެ. އެފަދަ ވިޔަފާރިތަކުން 250000ރ. ގެ ޖޫރިމަނާ ދައްކަން ނުޖެހޭ އިރު ގާނޫނުގައި ބުނާ އެންމެ ކުޑަ ޖޫރިމަނާއެއް ދޭންޖެހެ އެވެ. އެއީ ފަސް ޕަސެންޓެވެ.
މީރާއިން މިހާރު ނިންމާފައިވާ ގޮތުން މިދިޔަ އަހަރުގެ ބީޕީޓީ ޕޭމަންޓާއި މިއަހަރުގެ ފުރަތަމަ ޓެކްސް ބަޔާން މި މަހުގެ 30ގެ ނިޔަލަށް އެކީއެކަށް ދައްކަން ޖެހޭތީ މިއަހަރުގެ ޕޭމަންޓް ތިން ބަޔަށް ބަހާލައިގެން ދެއްކުމުގެފުރުސަތު ވިޔަފާރިތަކަށް ދީފަ އެވެ. ނަމަވެސް އެކަމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރީ ކުރަންޖެހެ އެވެ. އެފަދަ ފަރާތްތަކަށްވެސް ފަސްޕަސެންޓްގެ ޖޫރިމަނާ ދައްކަންޖެހެ އެވެ.
ބީޕީޓީ ދައްކަން ޖެހޭ މީހުންނަށް އިތުރު މުހުތަލެއް ދިން އިރު ބީޕީޓީ ދައްކާ މީހުން އިތުރުވުމާ ގުޅިގެން މީރާއިން އަންނަނީ ވަގުތުތީ ގޮތުން ކައުންޓަރުތަކެއް އިތުރުކޮށް ހިދުމަތް ދެމުންނެވެ. އަދި ބީޕީޓީ ދެއްކުމުގެ ވަގުތު ރޭ ކުޑަތަންވާން ފެށުމުން ގިނަ ބަޔަކު ރޭ ވަނީ މިރާ ކައިރީގައި ފައިސާ ދެއްކުމަށް ކިޔޫހަދައިފަ އެވެ. ރޭ ދިހައެއް ޖަހަންދެން މީރާއިން ގެންދިޔައީ ފައިސާ ދެއްކުމަށް ނަމްބަރުވެސް ދޫކުރަމުންނެވެ.