ނޫސްވެރިން ޖަލަށް ލައި، "އަނގަ ބަންދުކުރަންޖެހޭ" ހިސާބަށް އައުމަކީ އެ ވެރިކަމެއް ނިމުމުގެ ފެށުން ކަމަށާއި، އެއީ ރާއްޖޭގެ ތާރީޚުން ވެސް ފެންނަން އޮތް ކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެއެވެ.

އުމަރު އެފަދައިން ވިދާޅުވީ، 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށް ލާފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ނެރުއްވި ބަޔާނުގައި އުމަރު ވިދާޅުވީ ރައްޔިތުންގެ ކަންކަމާ ހަވާލުވެގެން ތިބޭ ވެރިންނަކީ އާންމު އެހެން ފަރުދުންނާ ޚިލާފަށް އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ އަޑުގަދަވާނެ ބައެއްކަން ދެނެތިބެގެން އެކަންކަމާ ހަވާލުވާ ބައެއް ކަމަށެވެ. އަދި ވެރިންނަށް ކުރެވޭ ތުހުމަތުތަކަކީ، އެހެން އާންމު ފަރުދުންނެކޭ އެއްގޮތަށް މިނެކިރާ އެއްޗެއް ނޫން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

ވެރިން ހުތުރުކަމެއްގައި ބައިވެރިނުވާކަން ސާބިތުވާން ޖެހެނީ ޝަރުއީ ކޯޓަކު ނޫން. މައުސޫމްކަން ސާބިތުކުރަން ޖެހެނީ 'ކޯޓް އޮފް ޕަބްލިކް އޮޕީނިއަން' ގައި. އާއްމު ރައްޔިތުންގެ ވިސްނުމުގައި އެވެރިއެއް މައުސޫމް ކަމަށް ބުރަވެވެން ޖެހޭ. ކުރެވޭ ތުހުމަތަށް އޮތް ހަމައެކަނި ޖަވާބަކީ 'ދޮގެކޭ' ބުނުމަކުން ނުފުދޭ،އުމަރު ނަސީރު

އަދަދު ނޫހުގެ ދެ ނޫސްވެރިން ވެސް ޖަލަށް ލައިފައި މިވަނީ ގަޒުފުކުރިކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ބުނާ މައްސަލައިގައެވެ.

ކޯޓުން ވަނީ ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

ނޫސްވެރިޔާ ލީވާން ކޯޓަށް ހާޒިރުކޮށްފައި ވަނީ ކޯޓުން ނެރުނު އެ އަމުރާ ގުޅޭ ޚަބަރެއް ލިޔެގެން ކަމަށް ބުނެއެވެ. އަދި، ޝަހުޒާން ހާޒިރުކޮށްފައި ވަނީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރާ ޚިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރި ކަމަށް ބުނާ މައްސަލައިގައެވެ.