16 Sep 2012, 14:49
ހުއްޓިފައިވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޗުއްޓީގައި ކޮމެޓީތަކުން ބައްދަލުވުންތައް ފަށަން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެންގުމުން، މިހާތަނަކަށް ބާވަން ޝެޑިއުލްކޮށްފައި ތިން ކޮމެޓީއެއް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
ކޮމެޓީތަކުގެ މަސައްކަތް މިއަދު ފެށުމަށް ކޮމެޓީތަކުގެ މުގައްރިރުއްނަށާއި ނައިބު މުގައްރިރުންނަށް އަންގައިފައި ވީނަމަވެސް 13 ކޮމެޓީއަށް ވުރެ ގިނަ ކޮމެޓީ ހިމެނޭ މަޖިލީހުން މިއަދު އެއްވެސް ކޮމެޓިއެއް ބާއްވާފައެއް ނުވެ އެވެ. ނަމަވެސް މާދަމާ ގަވާއިދު ކޮމެޓީގެ ބައްދަލުވުމެއް ބާންވަން ޝެޑިއުލްކޮށްފައިވާއިރު އަންގާރަ ދުވަހު މާލިއްޔަތު ކޮމެޓީގެ ބާއްވަން ވަނީ ނިންމާފަ އެވެ. އަދި ހަމަ އެދުވަހު އިތުރު ކޮމެޓީއެއް ވެސް ބާއްވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.
މަޖިލީހުގެ އިދާރާއިން ބުނީ ކުރިއަށް އޮތް ދެ ދުވަހު ބާއްވަން ނިންމާފައިވާ ތިން ކޮމެޓީ ފިޔަވައި އިތުރު ކޮމެޓީއެއް ބާއްވަން ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެހެން ކޮމެޓީތައް ބޭއްވުމަށް ހުށަހަޅާނެ ކަމަށް ބެލެވޭ ކަމުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީގައި ވެސް ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުމުގެ ބާރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 109 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ކޮންމެ ކޮމެޓީއަކަށް ލިބިދެ އެވެ.
ވޭތުވެދިޔަ އަށް މަހަށް އެކަނި 113 މިލިއަން ރުފިޔާ ހަރަދުވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓިފައިވާއިރު، މިއަހަރުގެ ފުރަތަމަ ދައުރާއި ދެ ވަނަ ދައުރުގައި ބޭއްވި ގިނަ ކޮމެޓީ ބައްދަލުވުންތައް ކެންސަލް ކުރަން ޖެހެނީ ކޯރަމް ހަމަނުވެގެނެވެ. އަދި މުގައްރިރުންނާއި ނައިބު މުގައްރިރުން ރާއްޖެއިން ބޭރުގައި އުޅުއްވުމާއި މަޖިލީހަށް ހާޒިރުނުވުމުން ވެސް ކޮމެޓީތައް ކެންސަލް ކުރަންޖެހިފައިވެ އެވެ.