16 Sep 2012, 14:17
މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްފައި 15 ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.
ގއ. ވިލިނގިލީ ޒާވިއާ، މުހައްމަދު ލުބާން އަދުނާން ރަޝާދު 15 ދުވަހަށް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްފައި ބަންދުކޮށްފައި ބަހައްޓަން ހައިކޯޓުން މިއަދު އަމުރު ކުރީ ކްރިމިނަލް ކޯޓުން އޭނާ ހައްޔަރުން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށް ފަހު މިއަދު އެވެ.
މި މަހުގެ ފަސް ވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައި ވަނީ އޭނާގެ މައްޗަށް ހެއްކާއި ގަރީނާ ނެތުމުން އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ބުނެއެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ހ. ފިނިމާގެއިން މަސްތުވާތަކެއްޗާއި އެކު ފެނިފައިވާ ފޮށިގަނޑަކުން އޭނާގެ އިނގިލީގެ ނިޝާން ފެނިގެންނެވެ.
ހައިކޯޓުގެ ހުކުމްގައި ބުނަނީ އެ ފޮށިގަނޑުން އޭނާގެ އިނގިލީގެ ނިޝާން ފެނިފައިވާއިރު އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ހެއްކާއި ގަރީނާ ލިބިފައި ނުވާކަމަށް ބުނެ ދޫކޮށްލުމަކީ އޭނާގެ ސަބަބުން އެފަދަ އަމަލެއް ތަކުރާރުވެ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއްކަމަށް ހައިކޯޓުގެ ފަނޑިޔާރުންނަށް ގަބޫލުކުރެވޭ ކަމަށެވެ.