ނިމިދިޔަ އޭޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މަދުވުމާ ގުޅިގެން، ޓޫރިޒަމް ދާއިރާގެ ޓެކްސްތަކުން ލިބުނު އާމްދަނީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު ދަށްވެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އޭޕްރީލް 2026 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 2.63 ބިލިއަން ރުފިޔާއެވެ. މިއީ ވޭތުވެދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 0.3 އިންސައްތަ ދަށް އަދަދެކެވެ.

ނަމަވެސް، މިއީ އެ މަހު ލިބޭނެކަމަށް ކުރިން އަންދާޒާކުރި އަދަދަށްވުރެ 16.6 އިންސައްތަ އިތުރު އަދަދެކެވެ. އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި މީރާއިން ފާހަގަކުރަނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީތަކުން ލިބުނު އާމްދަނީ މަދުވުމެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މިއަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 19.8 އިންސައްތަ ދަށްވުމަކީ ޓޫރިޒަމް ދާއިރާގެ އާމްދަނީ ދަށްވުމަށް ދިމާވި މައިގަނޑު ސަބަބެވެ. މީގެ އިތުރުން ދުނިޔޭގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރު މަދުވެ، ޖީއެސްޓީ އާމްދަނީ ދަށްވާނެ ކަމަށް ބެލެވޭތީ ކުރިން ކުރި އަންދާޒާތައް ވަނީ މުރާޖާކޮށްފައި ކަމަށް މީރާއިން ބުންޏެވެ.

އަންދާޒާކުރި މިންވަރަށްވުރެ އާމްދަނީ އިތުރުވީ ރިޒޯޓުތަކުގެ ކުއްޔާއި، ޖީއެސްޓީ އަދި ވާކް ޕާމިޓް ފީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމުންނެވެ. މިދިޔަ މަހުގެ އާމްދަނީގެ 32.6 އިންސައްތައަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ 14.2 އިންސައްތަ ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް މީރާއިން ކުރި މަސައްކަތުންނެވެ.

ނުލިބިހުރި ފައިސާ ހޯދުމުގެ މަސައްކަތުގެ ތެރެއިން މީރާއިން ވަނީ ޖުމްލަ 543 މިލިއަން ރުފިޔާ ހޯދައިފައެވެ. އޭގެ ތެރޭގައި:

  • ނޯޓިސް ފޮނުވައިގެން: 372 މިލިއަން ރުފިޔާ

  • ޑިއުސް ކްލިއަރެންސް މެދުވެރިކޮށް: 96 މިލިއަން ރުފިޔާ
  • އިންސްޓޯލްމަންޓް އެއްބަސްވުންތަކުން: 64 މިލިއަން ރުފިޔާ
  • ފޯނު ކޯލުތައް މެދުވެރިކޮށް: ފަސް މިލިއަން ރުފިޔާ
  • އެކްޝަން ޕޮލިސީގެ ދަށުން: ހަތަރު މިލިއަން ރުފިޔާ

އޭޕްރީލް މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 1.7 ބިލިއަން ރުފިޔާއެވެ. ގްރީން ޓެކުހުގެ ގޮތުގައި 185 މިލިއަން ރުފިޔާ ލިބިފައިވާއިރު، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 178 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ކޮންމެ ދާއިރާއަކުން 152 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީރާއިން ހާމަކުރި ގޮތުގައި، މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 121 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.