16 Sep 2012, 14:16
ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް "ދި އިނޮސެންސް އޮފް މުސްލިމްސް"ގެ ނަމުގައި އެމެރިކާގެ ޣައިރު މުސްލިމުންތަކެއް ފިލްމެއް އުފައްދާފައިވާ މައްސަލަ ދިވެހި ސަރުކާރުން ރަސްމީ ސިފައެއްގައި ކުށްވެރިކުރުމަށް ޕީޕީއެމުން ގޮވާލައިފި އެވެ.
ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ދީނީ ގޮފީގެ ރައީސް ޑރ. އަފްރާޝީމް އަލީ ވިދާޅުވީ ރަސޫލާގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް މުސްލިމް ނޫން ބަޔަކު ފިލްމް ހަދާފައިވާތީ އެކަން ރަސްމީ ސިފައެއްގައި ދިވެހި ސަރުކާރުން ކުށްވެރިކުރާކަން ރައީސުލްޖުމްހޫރިއްޔާ އަންގަވަން ޖެހޭނެ ކަމަށެވެ.
"ކީރިތި ރަސޫލާގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް މުސްލިމް ނޫން މީހުންގެ ތެރޭގައި ތިބި ހައްދު ފަހަނައަޅާފައި ތިބި ބަޔަކު މި ކުޅުނު ފިލްމް ކަނޑައެޅިގެން ދިވެހި ސަރުކާރުން ކުށްވެރިިކުރާ ކަމަށް، އަދި އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތް ނޫން ކަމަށް ރަސްމީ ގޮތެއްގައި ހާމަ ކުރުމަށް ޕީޕީއެމް އިން ގޮވާލަން،" އަފްރާޝީމް ވިދާޅުވި އެވެ.
އަފްރާޝީމް ވިދާޅުވީ ރަސޫލާ އަށް ފުރައްސާރަކޮށް ފިލްމް ހަދާފައި ވާތީ އެކަން އެ ޕާޓީން ވެސް އެންމެ "ހަށުކަށި އިބާރާތުން" ކުށްވެރިކުރާ ކަމަށާއި އަދި އެ އަމަލު ހިންގި މީހުން މާފަށް ނޭދެނީސް އެކަމާ ދެކޮޅަށް އަޑު އުފުލަން ޖެހޭނެ ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ.
އެހެން ނަމަވެސް އެމެރިކާގެ ހައްދު ފަހަނާ އަޅާފައި ތިބި ކާފިރުންތަކެއް އުފެއްދި އެ ފިލްމާ ގުޅިގެން އެމެރިކާގެ ދިދަ އަންދާލައި ރާއްޖޭގައި ހުންނަ އދ.ގެ އިމާރާތް ދޮށަށް އެއްވެ އެތަނުގައި ހުރި އެއްޗިއްސަށް ގެއްލުން ދިނުމަކީ އިސްލާމީ އުސޫލެއް ނޫން ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް އަފްރާޝީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުސްލިމުންގެ ތެރެއިން އިސްލާމް ދީނަށް ލޯބި ހުރެގެން ކަމަށް ބުނެ އެމެރިކާގެ ދިދަ އަންދާލައި އެމެރިކާގެ އެމްބަސީ ދޮށަށް އެއްވެ އެމީހުނަށް ހުތުރު އެއްޗެތި ކިޔާ ހެދުމަކީ އިސްލާމީ އުސޫލެއް ނޫން ކަމަށެވެ.
"އެހެންވީމާ އެމެރިކާގެ އެމްބަސީގެ ދިދަ އަންދާލައި އެމެރިކާގެ އެމްބަސީ ތެރެއަށް އަރައިގަނެ އެމީހުނަށް ހުތުރު އެއްޗެހި ކިޔާ މިހެން ހެދުމަކީ ޕީޕީއެމް އިން އެއް ގޮތަކަށް ވެސް ތާއީދުކުރާ ކަމެއް ނޫން. އަޅުގަނޑުމެން މީ އަބަދު ވެސް މައްސަލަ އަށް އިންސާފްކުރާ ބައެއް،" އޭނާ ވިދާޅުވި އެވެ.