ޕާކިސްތާނުގެ އުތުރުގެ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސްގައި މިދިޔަ ހޮނިހިރު ދުވަހު ދިން ހަމަލާއެއްގައި 15 ފުލުހަކު މަރުވުމާ ގުޅިގެން އަފްޣާނިސްތާނުގެ މަންދޫބު ހާޒިރުކޮށްފިއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ޚާރިޖީ ވުޒާރާއިން އަފްޣާނިސްތާނުގެ ޗާޖް ޑި އެފެއާޒަށް ފޮނުވި ޗިޓްގައިވާ ގޮތުން މަންދޫބު ހާޒިރު ކުރަނީ ފިތުނަ އަލް ޚަވާރީޖުގެ ޓެރަރިސްޓުން ވެހިކަލްތަކުން އައިއީޑީ ހަމަލާދިނުމާ ގުޅިގެން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. ފިތުނަ އަލް ޚަވާރިޖަކީ ޕާކިސްތާނުގެ ތާލިބާނުންނަށް ޕާކިސްތާނުން ބޭނުންކުރާ ލަފުޒެކެވެ.

އެ ހާދިސާ ހިނގާފައިވަނީ އަފްޣާނިސްތާނާ ބޯޑަރު އޮންނަ ހުޅަނގު އުތުރުގެ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސްގެ ބަންނޫ ޑިސްޓްރިކްޓްގައެވެ.

ޖާނުން ފިދާވެގެން އެ ހަމަލާ ދިނުމާއެކު އިތުރު ބޮންތަކެއްވެސް ވަނީ ގޮވާފައެވެ.

ޕާކިސްތާނުން ކުރި ތަހުގީގަށް ބަލާއިރު، ހެކިތަކާއި ޓެކްނިކަލް އިންޓެލިޖެންސް އިން ދައްކާ ގޮތުގައި މި ހަމަލާ ދީފައިވަނީ އަފްޣާނިސްތާނުގައި ދިރިއުޅޭ ޓެރަރިސްޓުން ކަމަށް ޕާކިސްތާނުން ބުނެއެވެ.

ޓެރަރިޒަމާ ދެކޮޅަށް ދޭ ހަމަލާ

"ޕާކިސްތާނުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޕާކިސްތާނާ ދެކޮޅަށް ދޭ ޓެރަރިސްޓް ހަމަލާތަކަށް އަފްޣާނިސްތާނުގެ ބިން ބޭނުން ކުރަމުންދާތީ. އަމަލު ހިންގި މީހުންނާ ދެކޮޅަށް ނިންމާ ރައްދު ދިނުމުގެ ހައްގު ޕާކިސްތާނަށް ލިބިގެންވާ" ކަމަށް ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުުނު ބަޔާނެއްގައި ބުނެފައިވެއެވެ.

"ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައަކީ އާންމު ކަމެއް. އަފްޣާން ތާލިބާނުން ސަރަހައްދުގެ އެހެން ގައުމުތަކާ ދެކޮޅަށް ޓެރަރިޒަމް ބޭނުން ނުކުރުމުގެ ވައުދަށް އިހުތިރާމް ކުރަން ޖެހޭ." އެ މިނިސްޓްރީން ބުންޏެވެ.

އެކަމާ ގުޅިގެން އަފްޣާނިސްތާނުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެނުވެއެވެ.

ފާއިތުވި އަހަރުތަކުގައި ޕާކިސްތާނުގައި ހަނގުރާމަވެރިންގެ އަނިޔާވެރިކަން އިތުރުވެފައިވާއިރު، ޕާކިސްތާނުން ބުނާ ގޮތުގައި ގިނަ ހަމަލާތަކެއް ދީފައިވަނީ އަފްޣާނިސްތާނުގެ ސަރަހައްދުން ހިންގާ ތަހްރީކް-އޭ-ތާލިބާން ޕާކިސްތާނެވެ. ނަމަވެސް އަފްޣާނިސްތާނުން އެ ތުހުމަތުތަކާ ދެކޮޅު ހަދައެވެ.