ހޮރްމުޒް ކަނޑުއޮޅިން އަވަހަށް ގަސްކާނާ ފޯރުނުކޮށްދީފިނަމަ، 10 މިލިއަން މީހުން ބަނޑަށްޖެހިދާނެ ކަމަށް އދ. އިން ބުނެފިއެވެ.

ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.

ޔޫއެންއޯޕީއެސްގެ އެގްޒެކެޓިވް ޑިރެކްޓަރު ޖޯޖް މޮރެއިރާ ދަ ސިލްވާ ވިދާޅުވީ، އިންސާނީ ކާރިސާއެއް ހުއްޓުވުމަށް އޮތީ މަދު ހަފުތާތަކެއް ކަމަށެވެ. މި ކާރިސާގެ ސަބަބުން އިތުރު 45 މިލިއަން މީހުން ބަނޑުހައިހޫނުކަމުގެ ތެރެއަށް ވެއްޓިދާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ގަސްކާނާއާއި އެއާ ގުޅޭ ރޯ މެޓީރިއަލްސް ކަނޑުއޮޅިން އުފުލޭނެ ގޮތެއް ހޯދުމަށް ޓާސްކު ފޯސްއެއް އެކުލަވާލާފައެވެ. މިކަމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ އޭޝިއާއާއި އެފްރިކާއަށެވެ.

ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ހޯދުމަށް އދ. އިން އަންނަނީ 100 އަށްވުރެ ގިނަ ގައުމާ ވާހަކަދައްކަމުންނެވެ. ގިނަ ގައުމުތަކުން ތާއީދުކުރި ނަމަވެސް، އެމެރިކާ، އީރާން އަދި ގަލްފް ގައުމުތަކުން އެކަށީގެންވާ އެއްބާރުލުމެއް ނުދެއެވެ.

"އުންމީދަކީ ދާއިމީ ސުލްހަ ގާއިމުވުން. ނަމަވެސް ދަނޑުވެރިކަމުގެ މޫސުމަކަށް މަޑެއް ނުކުރެވޭނެ،" ދަ ސިލްވާ ވިދާޅުވިއެވެ.

މިހާރު ދުނިޔޭގެ ސަމާލުކަން ތެލަށް ހުއްޓިފައި އޮތް ނަމަވެސް، ގަސްކާނާ ނުލިބުމަކީ ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އދ. އިން ބުނެއެވެ.

ދަ ސިލްވާ ވިދާޅުވީ އދ. ގެ ނިޒާމު ހަތް ދުވަހުން ހިންގޭނެ ކަމަށާއި، ނަމަވެސް ހާލަތު އާންމުވާން ތިން ހަތަރު މަސް ނަގާނެ ކަމަށެވެ.

ގަސްކާނާގެ އަގު އުފުލުމުގެ ސަބަބުން ދަނޑުވެރިކަން ދަށްވެ، ކާބޯތަކެތީގެ އަގު ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން، ކަނޑުއޮޅި ބަންދުވުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވެސް ދަނީ އިންތިހާއަށް އުފުލެމުންނެވެ.